މޮނިޓަރިން ހާލަތުގައި ރަށް އޮންނަތާ ގިނަ ދުވަސްތަކެއްވެ، އާންމުންނަށް ދަތިވާކަމަށް ބުނެ ރ. ދުވާފަރުގައި އާންމުންގެ ބަޔަކު ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށްފިއެވެ.
މުޒާހަރާކުރަން އާންމުން އެއްވީ އެ ރަށުގެ ހެލްތު ސެންޓަރު ކައިރިއަށެވެ. ދުވާފަރު ހެލްތު ސެންޓަރުގެ މެނޭޖަރު އާމިރު އަހުމަދު "ސަން" އަށް ވިދާޅުވީ މީގެ ދެ ގަޑިއިރެއް ހާއިރު ކުރިން އާންމުންގެ ބަޔަކު އެމީހުންގެ ހުރި ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުން ފާޅުކުރަން އެ ރަށު ހެލްތު ސެންޓަރު ކައިރިއަށް އެއްވިކަމަށެވެ.
އަދި އާންމުންގެ ފަރާތުން ލިބުނު މައިގަނޑު ޝަކުވާއަކީ ރަށް ގިނަ ދުވަސްތަކެއްވަންދެން މޮނިޓަރިން ހާލަތުގައި އޮތުމާއެކު، އެކަމުން ކުރިމަތިވާ އުނދަގޫތައް ކަމަށް އާމިރު ވިދާޅުވެއެވެ.
"ދެން މީގެ އިތުރުންވެސް ރަށުގައި ކަރަންޓީނު ވާން ޖެހުމާއި، ކަރަންޓީނު ވުމުގައި ހުރި ދަތިތަކާއި، އެހެން ރަށްރަށް މަޑުމަޑުން މޮނިޓަރިން އިން ނަގާއިރުވެސް ދުވާފަރު މޮނިޓަރިން ގައި އޮންނާތީ، މިކަހަލަ ކަންތައް،"
"ދެން އަޅުގަނޑުމެން ދެންނެވިން، ރަށުގައި ކޮވިޑް އޮތްހާ ހިނދަކު ރަށް މޮނިޓަރިން އިން ނުނެގޭނެއޭ، އެއީ އަޅުގަނޑުމެންނަށް ކުރެވޭނެކަމެއްވެސް ނޫނޭ،" އާމިރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތައް މިއަދު ފާޅުކުރުމާއެކު މިރޭ ރަށު ޓާސްކްފޯސްގެ ބައްދަލުވުމެއްވެސް ބާއްވަން ނިންމާފައިވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި އެކަންކަމާމެދު މަޝްވަރާކޮށް ހައްލެއް ގެނެވޭތޯ މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދުވާފަރު މޮނިޓަރިންއަށް ލާފައި ވަނީ މޭ 25 ވަނަ ދުވަހުއެވެ. މިހާތަނަށް އެ މުއްދަތުގެ ތެރޭގައި އެ ރަށުން ޖުމްލަ 372 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެ ރަށުން ވަނީ 26 މީހަކު އަލަށް ޕޮޒިޓިވްވެފައެވެ. ރަށުގެ އެކްޓިވް ކޭސްތައް މިވަގުތު ހުރީ 166 ގައެވެ.