ސްރީލަންކާގެ މައުންޓް ލެވިނިއާގައި ކުޑަކުއްޖަކު ލައްވާ ހަށިވިއްކުވި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ރާއްޖޭގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ އައިޑެންޓިފައިކުރަން އެ ކުޑަކުއްޖާއަށް އެނގޭތޯ ބެލުމަށް އަޝްމަލީ މިއަދު ކޯޓަށް ހާޒިރުކޮށްފިއެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ރިޕޯޓްކުރި ގޮތުގައި އަޝްމަލީ މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނާ ރޭޕްކުރިކަމަށް ބުނާ އަންހެން ކުއްޖާއަށް އޭނާގެ ސިފަ ޔަގީންކުރެވޭތޯއެވެ. އަޝްމަލީ ކޯޓަށް ހާޒިރުކުރީ މޫނު ނިވާކޮށްގެން ބިޑި އަޅުވައިގެންނެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އަޝްމަލީއާއެކު މިއަދު އިތުރު މީހަކުވެސް ކޯޓަށް ހާޒިރުކުރިއެވެ.
ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަޝްމަލީއަށް ކުރަނީ ސްރީލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ކޮލޮމްބޯގެ މައުންޓް ލެވީނިއާ ސަރަހައްދުގައި 15 އަހަރުގެ އަންހެންކުއްޖަކު ލައްވާ ތިން މަސްދުވަސް ވަންދެން ހަށިވިއްކުވި މައްސަލައެއްގައެވެ.
މައުންޓް ލެވީނިއާގައި 15 އަހަރުގެ ކުއްޖަކު ލައްވާ ތިން މަސް ވަންދެން ހަށިވިއްކުވި މައްސަލައެއްގައި މީހަކު ފުރަތަމަ ހައްޔަރު ކުރީ މިދިޔަ މަހުގެ ހަތެއްގައެވެ. އަދި އެ މައްސަލާގައި މިހާތަނަށް 32 މީހަކު ހައްޔަރުކޮށް، ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތު 12 މީހަކަށް ވަނީ ކޮށްފައިވެއެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުއްޖާގެ މަންމައާއި ގައުމުގެ ވެރިކަން ކުރާ ޕާޓީގެ އިސް މެމްބަރުންތަކެއްވެސް ހިމެނެއެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ ކޮށްފައި ނުވެއެވެ.
އަޝްމަލީ އަދިވެސް ހުރީ އެ މައްސަލައާ ގުޅިގެން ކޯޓުން އަމުރުކުރިގޮތަށް 14 ދުވަހުގެ ބަންދުގައެވެ. އަޝްމަލީގެ ވަކީލުންނާ ހަވާލާދީ އޭއެފްޕީ ނޫހުން ވަނީ އަޝްމަލީ އެ އަންހެންކުއްޖާއަށް ފައިސާ ދިނީ މަސާޖުކުރަންކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައެވެ. އަދި އެއީ ކުޑަކުއްޖަކު ލައްވާ މަސައްކަތް ކުރުވަން ކުރި އިޝްތިހާރެއް ކަމެއް އޭނާއަކަށް ނޭނގެ ކަމަށް ވަކީލުން ބުންޏެވެ.