ސިޒޭރިއަނަށްފަހު ބަނޑުތެރޭގައި ފޮތިގަނޑު އޮތް މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ

ފުވައްމުލައް ހޮސްޕިޓަކުން ސިޒޭރިއަން ހެދިތާ ދެ މަސްފަހުން އަންހެނެއްގެ ބަނޑުން ނެގި ފޮތިގަނޑު --- ފޮޓޯ/ އާއިލާ

ފުވައްމުލަކު ހޮސްޕިޓަލުން ސިރޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ފޮތިގަނޑެއް ނެގި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "ސަން"އަށް ވިދާޅުވީ އެ އަންހެންމީހާގެ މައްސަލަ އައިޖީއެމްއެޗުންނާއި ފުވައްމުލަކު ހޮސްޕިޓަލުން، އިއްޔެގެ ވަގުތެއްގައި މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

ތަސްލީމާ ވިދާޅުވީ ހާދިސާގެ މައުލޫމާތު ރަސްމީކޮށް ލިބުނު ވަގުތުން ފެށިގެން މައްސަލައިގެ ތަފުސީލީ ލިޔެކިޔުންތައް މިނިސްޓްރީއަށް ފޮނުމަށް އެ ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

"އެ ކޭސް އަޅުގަނޑުމެން ބަލަން ފަށައިފިން, އެއީ ކިހިނެއް ވެފައި އޮތް ކަމެއްތޯ. އަޅުގަނޑުމެން އަސްލު ޑޮކިއުމެންޓްތައް ގެނެސްގެން ދެއްތޯ ބެލޭނީ. ކޭސްއެއްގެ ވާހަކަ މިދައްކަނީ. އެހެންވީމަ އެކަން އެނގުނު ހިސާބުން ފެށިގެން ޑޮކިއުމެންޓްތަކާއި އެއްޗެހި ގެންނަން ބުނެފަ ވާނީ," ތަސްލީމާ ވިދާޅުވިއެވެ.

ސިޒޭރިއަން ހެދި ޑޮކްޓަރާއިމެދު ފިޔަވަޅު އެޅުމާއިބެހޭ ގޮތުން ތަސްލީމާ ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރެއްގެ އެތެރޭގައި ހިނގާ ކަމެއްގައި ހިމެނޭނީ ހަމައެކަނި ޑޮކްޓަރު ނޫންކަމަށާއި އެކަމުގައި އިތުރު ފަރާތްތައްވެސް ޝާމިލުވާނެ ކަމަށެވެ.

"އޮޕަރޭޝަން ކުރާނީ ހަމައެކަނި ޑޮކްޓަރެއް ނޫން. އޮޕަރޭޝަން ތިއޭޓަރެއްގެ ތެރޭގައި ވާ ކަންތައްތަކުގައި ހިމެނޭނެ ވަރަށް ގިނަ މީހުން. އެހެންވީމަ މައްސަލަ ރަނގަޅަށް ބަލައި ނުނެމެނީސް ވަރަށް އުނދަގޫވާނެ ދެއްތޯ މުވައްޒަފަކާ ދޭތެރޭ ފިޔަވަޅު އަޅަން. އަޅުގަނޑުމެން އެކަން ބެލުމަށްފަހު ފިޔަވަޅެއް އަޅަން ޖެހޭތޯ ނިންމޭނީ،" ތަސްލީމާ ވިދާޅުވިއެވެ.

https://sun.mv/154380

ތަސްލީމާ ވިދާޅުވީ މިފަދަ ހާދިސާތައް ހިނގުން މަދު ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން އޭގެ ދެމަސް ފަހުން ފޮތިގަނޑެއް ފެނުމާއި ގުޅިގެން ސޯޝަން މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ހާދިސާ ދިމާވި އަންހެންމީހާގެ އާއިލާއިން "ސަން"އަށް ބުނި ގޮތުގައި ބަނޑުތެރޭގައި ފޮތިގަނޑެއް އޮތްކަން އެނގުނީ ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލުން ބެލުމަށްފަހުވެސް ރިހުން ނުކެނޑޭތީ އައިޖީއެމްއެޗަށް އައިސް ބެލުމުން ކަމަށެވެ. އެއީ ސިޒޭރިއަން ހެދިތާ ދެ މަސް ފަހުންނެވެ.

"ޑޮކްޓަރު އައިސް ބުނީ ފުވައްމުލަކު ހޮސްޕިޓަލުން އެންމެ ފަހުން ހެދި ސިޒޭރިއަން ގަ ބޮޑު ފޮތިގަނޑެއް ބަނޑު ތެރެއަށް ލާފަ ބަނޑު ފަހާފައޭ އިނީ. އެހެން ވީމަ އެ ފޮތިގަނޑު ގޮހޮރުގަ ތަތްވުމުގެ ސަބަބުން ގޮހޮރު ފޫ ވެއްޓި ދުޅަވެ އެގޮތަށް ވީމަ ދެން މިޖެހުނީ ގޮހޮރު ބުރިކޮށްލާށޭ. ދެން ބުރިކޮށްލާފަ ސާޖަރީ ހެދީ," އާއިލާގެ މެމްބަރަކު "ސަން"އަށް ކިޔައިދިނެވެ.

comment ކޮމެންޓް