ކޮވިޑްގައި 49 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެއްޖެ

މޭ 28، 2021: މި ފާއިތުވެދިޔަ މޭ މަހަކީ ހުޅުމާލެ ސަހަރާއަށް ބުރަބޮޑު މަހެކެވެ. މިތަނުގައި މަސައްކަތްކުރާ އަށެއްކަ ޖަމާއާތްތެރިންނަށް ނުހަނު ހިތާމައާއި ހިތްދަތިކަން ތަހައްމަލު ކުރަން ޖެހުނު މަހެކެވެ. ކޮވިޑުގައި މޭ މަހު އެކަނިވެސް 80 އަށް ވުރެ ގިނަ މީހުންގެ ޖަނާޒާގެ މަސައްކަތް މި ޖަމާއާތްތެރިން ކުރިއިރު އަދިވެސް ބަލީގެ މަރު ރޭޓްތައް ދަށަށްދާން ވަގުތު ބޭނުންވާނޭކަން ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ބައެއް މީހުން އަދިވެސް ތިބީ ބަލީގެ ނުރައްކާ ހަދާން ނެތިފަ އެވެ. މިއީ ފުރާނައަށް ނުރައްކާ ހުރި ބައްޔެއްކަން ހަދާންނެތިފަ އެވެ. ދެންވެސް ހޭލާށެވެ. ތިބާގެ ނުވަތަ ތިބާގެ އާއިލާގެ މީހަކުވެސް ހަމަ މި ބަލީގެ ޝިކާރައަކަށް އަދިވެސް ވެދާނެ އެވެ. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ކޮވިޑް ޖެހިގެން 49 އަހަރުގެ ދިވެހި ފިރިހެނެއް ރޭ 00:17 ހާއިރު ނިޔާވެފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނިގޮތުގައި އެ މީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 216 އަށް އަރާފައެވެ.

އިއްޔެ ޓެސްޓުކުރި 5،739 ސާމްޕަލްގެ ތެރެއިން 217 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އެ ކޭސްތަކާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 75،622 އަށް ވަނީ އަރާފަ އެވެ.

މިވަގުތު ބަލި ޖެހިފައިތިބި 2،562 މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދަނީ 14 މީހުންނަށެވެ.

comment ކޮމެންޓް