އެމްޑީޕީ އޮޑީގެ މިސްރާބު ފެތުމާ ދިމާއަށް!؟

މީގެ ހަ އަހަރު ކުރިޔަށް ޖެހިލަމާތޯއެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، އެ ދައުވާ ސާބިތުވެ، ހުކުމް އިއްވިގެން ދިޔައެވެ. އެއާއެކު، އެ މަނިކުފާނަށް ވެރިކަމަށް އަލުން ވަޑައިގަތުން ވެގެންދިޔައީ އެމަގަކަށް އެތައް ހުރަސްތަކެއް އެޅިގެންދިޔަ މަގަކަށެވެ. ރައީސް ނަޝީދަށް އިއްވި ހުކުމާއެކު، އެމްޑީޕީއަށް ދެން މަޖުބޫރުވެގެންދިޔައީ، މާ ދުރުގައި ނެތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އާ ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހަށް އަރުވާށެވެ. މިއީ ރައީސް ނަޝީދު އެންމެ ގަޔާވެލެއްވި ކަމެއް ނޫންކަން ވަރަށް ސާފެވެ. އެހެންނަމަވެސް އުމުރުދުވަސްވީ ގާތް އެކުވެރިޔާގެ ނަން ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގައި ނިމިގެންދިޔުން ވެގެންދިޔައީ، ރައީސް ނަޝީދު އެންމެ ހިތްހަމަނުޖެހުނަސް، އެ ހިތްހަމަނުޖެހުމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ކަމަކަށެވެ. އެމްޑީޕީއިން އެ އިންތިހާބު ކާމިޔާބު ކުރިއެވެ.

ހަ އަހަރު ފަހުން މި ފެންނަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ދައުރު އައިސް މެދާ ހަމަވެ، 2023 ވަނަ އަހަރުގެ އިންތިހާބަށް ބޯމަތި އަޅަމުންދާ ތަނެވެ. އިދިކޮޅު ޕާޓީތަކާއި އެމްޑީޕީއަށްވެސް މިކަން އެނގެއެވެ. އިންތިހާބުގެ މަލަމަތި ފެންނަން އޮއްވާ، މި އަހަރު މިވަނީ އެމްޑިޕީއަށް ދަތި އުނދަގޫ އަހަރަކަށް ބަދަލުވެފައެވެ. ޕާޓީގެ އަމިއްލަ ވެރިކަމެއްގައި ޕާޓީގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާއި ނަފުރަތު އުފެއްދުން މަނާކުރާ ބިލާއި، ބަރުލަމާނީ ނިޒާމުގެ ބަހުސްތަކުން މިވަނީ ޕާޓީ ތެރޭގައި އަލިފާންގަނޑެއް ރޯވެފައެވެ.

އެއް އިރެއްގައި ޕާޓީ އެންމެންގެވެސް ލޯބި ލިބިފައިވާ ޕާޓީގެ ރައީސަށް އޮތް މަގުބޫލުކަން ގެއްލި ޕާޓީގެ ތެރެއިން މާ ބޮޑު މަދަދެއް މިއަދު ރައީސް ނަޝީދަށް ލިބޭ ތަނެއް ނުފެނެއެވެ. ރައީސް ނަޝީދަށް އެމްޑީޕީ ގެއްލިއްޖެބާއެވެ؟ އެހެން އެވީ ކީއްވެގެންބާއެވެ؟

އެތައް ސަބަބަކާ ހެދިއެވެ. އެމަނިކުފާނު އެތައް ޕޯޑިއަމެއްގައި ދައްކަމުން ގެންދާ ވާހަކަތަކަކީ އިސްލާމްދީނާ ހިލާފް ވާހަކަތަކެއްކަމަށް ބުނާ ވާހަކަ އެމްޑީޕީ ތެރެއިންވެސް އެއްބައި ފަރާތްތަކަށް ގަބޫލުކުރެވެން ފެށިއެވެ. އަދި ރައީސް ސޯލހިުގެ ނުފުއްދޭ ވައުދުތައް "ސޭލް" އަޅުވައި، އަމިއްލަ ޕާޓީ ކަތިލަން މަސައްކަތްކުރަމުންދާތަންވެސް ރައީސް ނަޝީދުގެ ކިބައިން ފެންނަން ފަށާފައިވާކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. މަގުބޫލުކަމެއް ނެތް، މާ ކުރިން އެ ބަހުސްއެއް ނިމިފައިވާ ނިޒާމެއް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ސިޔާސީ މަސްރަހަށް ބަލާލުމުން، ރައީސް ނަޝީދުގެ ބާރުތައް ދެރަވެފައިވާ މިންވަރު ދަނެގަތުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އެއް އިރެއްގައި އެންމެ ގާތް އެކުވެރިން، ރައީސް ސޯލިހާ ރައީސް ނަޝީދާ ދެމެދު ބޮޑެތި ދެބަސްވުންތަކެއް ގިނަ ކަންކަމެއްގައި އެބަ ހުއްޓެވެ. އެކަންވެސް ސާފެވެ. ޕާޓީގެ ތެރޭ ދެ ފެކްޝަނެއް އުފެދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓަކީ ދެ ރައީސުންކުރެ ކޮން ރައީސެއްތޯ އަދިވެސް އޮތީ ނުނިމިފައެވެ.

އެމްޑީޕީގެ ބައެއް ދުވަސްވީ އިސް މެމްބަރުންވެސް ދެކޭ ގޮތުގައި ރައީސް ނަޝީދު މަސައްކަތް އެކުރައްވަނީ ގައުމަށްޓަކައެއް ނޫނެވެ. ވެރިކަމަށްޓަކައެވެ. އެއީ ހެޔޮ ނިޔަތެއްގައި ދައްކަވާ ވާހަކައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގެ ބަސްމަގުވެސް ހުރީ މި މިސްރާބަށެވެ.

"ރައީސް ނަޝީދު ބޭނުންފުޅުނުވޭ ރައީސް ސޯލިހު އިތުރަށް ވެރިކަމުގައި ހުންނަވަން. އެކަހަލަ ގޮތަކަށް ވިދާޅުވާ ބަސްފުޅުތަކުން ދޭހަވަނީ. ވެރިކަން ކުރާނީ ކާކުތޯ، ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ބަހުސް މިއީ މި ހާލަތުގައި މި ރާއްޖޭގައި ކުރަންޖެހޭނެ ބަހުސެއް ނޫން. ގައުމަށް ހެޔޮއެދޭ ލީޑަރަކު މިވަގުތު ވެރިކަމުގެ ވާހަކައެއް ނުދައްކާނެ،" މަވޯޓާ ވިދާޅުވިއެވެ.

ރައީސް ނަޝީދު އަދި މެމްބަރު ޝަރީފް ---

ފޮނި ހުވަފެންތަކެއް ގަބޫލުކޮށް، އެމްޑީޕީގެ މެމްބަރުން ވެރިކަމާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އެ ޕާޓީގެ ލީޑާޝިޕަށް ތަބަކަށް ލާފައި ދިން ދިނުންވެސް މިހާރު ބޭކާރު ކަމަކަށް ވެފައިވާކަމަށް ދެކޭ މެމްބަރުން އެމްޑީޕީގައި މަދެއް ނޫނެވެ. މަވޯޓާއަކީވެސް އެތަނުން އެއް މެމްބަރެވެ.

"އެހެންނަމަވެސް އޭގެ ބޭނުން ހެޔޮގޮތުގައި ނުހިފާތަން އަޅުގަނޑު ދައްކަން މިޖެހެނީ ވަރަަށް ލަދުވެތިކަމާއެކު. ވަރަށް ހިތާމަކުރަން،" އޭނާ ވިދާޅުވިއެވެ.

މަވޯޓާ ވިދާޅުވީ އެމްޑީޕީގެ ބާރުހުރި މެމްބަރުން އަދިވެސް ދެކެނީ އެމްޑީޕީއަކީ ރައީސް ނަޝީދުކަމަށް ވިދާޅުވާކަމަށެވެ. އަދި ރައީސް ނަޝީދަކީ އެމްޑީޕީކަމަށްވެސް ވިދާޅުވާކަމަށެވެ. އެކަމަކު އެއީ ޑިމޮކްރެސީތޯއެވެ؟ މަވޯޓާ ވިދާޅުވީ އެ ބޭފުޅުން އެ ވަކާލާތު ކުރަނީ އެމްޑީޕީގެ ތެރޭގައި ޑިމޮކްރެސީގެ ހަމަތައް ގެއްލުވާލާށެވެ.

"ރައީސް ނަޝީދު އެކަންޏެއް ނޫން. އެމްޑީޕީގެ ގިނަ މެމްބަރުން ޑިމޮކްރަސީގެ ހަމަތައް ބޭނުން ނުވޭ،" މަވޯޓާ ވިދާޅުވިއެވެ.

އެމްޑީޕީއިން އަބަދުވެސް ވަކާލާތުކުރަނީ ވައްކަމާ ދެކޮޅަށެވެ. އަނިޔާވެރިކަމާ ދެކޮޅަށެވެ. މިއަދު ވެރިކަމުގައި މި އޮތް އެމްޑީޕީ ހިމެނޭ ކޯލިޝަން ސަރުކާރަށް އެކަން ނުކުރެވުމަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގެ ތާއިދު ސަރުކާރަށް ގެއްލުނު އެއް ނުކުތާކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ނުހުއްޓުވޭއިރު، އެކަންކަން އިތުރުވަމުންދާކަމަށްވެސް ވައްޑޭ ވިދާޅުވިއެވެ. އަދި އޭގެ ފަހަތުން ޕާޓީގެ ބާނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ދޭތެރޭ ސަރުކާރުން އަމަލުކުރާ ގޮތުންވެސް ވައްޑެގެ ނުރުހުން ސަރުކާރަށް އެބަ ހުއްޓެވެ.

"ރައީސް ނަޝީދަށް ދީގެން މިއުޅޭ ހަމަލާއަކީވެސް އާދައިގެ ހަމަލާއެއް ނޫން. މަޖީދީ މަގު މެދުގައި ބޮމެއް ގޮއްވާލީ. މިސާލަކަށް އެ ހަމަލާ ގޮއްވާލި ގަޑީގައި ކިތައް ފުރާނަ ގޮސްދާނެތޯ؟ އަޅުގަނޑުމެންނަށް ކިހިނެތްތޯ އެނގެނީ ދެން ގޮއްވާލާ އެއްޗެއްގައި ކިތައް ފުރާނަކަން ދާނީ. އަދި މި ދިނީ ވެސް ދައުލަތުގެ އެންމެ މަތީ ސެކިއުރިޓީ ދޭ ފަރާތަށް،"

"ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަނީ ކޯލިޝަން ހިފެހެއްޓޭތޯ. އެމްޑީޕީ ފުނޑުފުނޑު ވިޔަސް ރައީސަށް މައްސަލައެއް ނެތް. އަޅުގަނޑަށް ދެންނެވޭނީ އެހެން،" އޭނާ ވިދާޅުވިއެވެ.

މާޗު 1، 2019: މަޖިލިސް އިންތިހާބަށް ތައްޔާރުުވުމުގެ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބޭއްވި އެޖެންޑާ 19 ހިނގާލުމުގެ ތެެރެއިން މެމްބަރު ވައްޑޭ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އެމްޑީޕީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަނެވެ. ރައީސް ސޯލިހުގެ ފެކްޝަނުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ކުރިމަތިވާ ހުރިހާވެސް މައްސަލައަކީ އަނެއް ފެކްޝަނެވެ. މައްސަލައަކީ ރައީސް ނަޝީދު ވެރިކަމާހެދި އުޅުއްވުމާ، މަޖިލީހުގައި އުޅުއްވާ ގޮތާއި، ބައެއް މެމްބަރުން މަޖިލިސް ތެރެއިން "ގަންނަ ސަކަރާތް"އެވެ.

އެކަމަކު އަނެއް ފެކްޝަނުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީއަށް ލިބޭ ކޮންމެ ނިކަމެތިކަމަކީވެސް މިއަދު މިއޮތް ސަރުކާރުގެ ސަބަބުން ދިމާވާ ކަމެކެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ އޭގެ ވަރަށް ރަނގަޅު މިސާލެއްކަމަށް އެމްޑީޕީގެ ރައީސް ނަޝީދަށް ސަޕޯޓްކުރާ ގިނަ މެމްބަރުންތަކެއް ގަބޫލުކުރެއެވެ. މައްސަލަތަކުގެ ތެރޭގައި ވައްކަން ނުހުއްޓުވުން އެއީ އެ ބޭފުޅުންގެ އެއް ސަބަބެވެ.

ވައްޑޭގެ ބަސްމަގުވެސް ހުރީ ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން މިއަދު ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ގެއްލެމުންދާފަދަ ޒާތަކަށެވެ.

"އަޅުގަނޑުމެންނަކީ ވައްކަން ނުކުރާނަމޭ ކިޔައިގެން އެހެން މީހުންނަށް ވަގަށް ގޮވައިގެން ވެރިކަމަށް އައި ބައެއް. އަޅުގަނޑުމެން ކުރާ ވައްކަން އަސްލު ހަގީގަތުގައި މާ ނުބައިވާނެ،" ވައްޑޭ ވިދާޅުވިއެވެ.

ހިޔާލުތަފާތުވުންތަކަކީ ސިޔާސީ ޕާޓީއެއް ވިއްޔާ ހުންނަންޖެހޭ މުހިންމު ކަމެކެވެ. ޕާޓީ ތެރޭގައި ހޫނު ބަހުސްތައް ހިނގަންޖެހޭނެކަމަށް އެމްޑީޕީގެ މެމްބަރުންވެސް ގަބޫލުކުރެއެވެ. އަދި އަމިއްލަ ހިޔާލަށް ފުރުސަތު އޮންނަންވާނެކަމަށްވެސް ގަބޫލުކުރެއެވެ. އެކަމަކު އެކަންކަމުން ޕާޓީއަށް ލޮޅުމެއް އެރިޔަ ނުދިނުމަށް އިސްކަން ދިނުމަކީ އެޔަށްވުރެ މުހިންމު ކަމެކެވެ.

"އެހެންނަމަވެސް ރައްޔިތުންގެ އިތުބާރު ގެއްލުމުން ލިބޭ ގެއްލުން މާ ބޮޑޭ މިހެން އުފެދޭ ހިޔާލުތަފާތުވުންތަކަށްވުރެ. އެމްޑީޕީއިން ދަމާ ބެނާތަކާއި އެމީހުން ވިއްކާ ސިޔާސަތަށް ރައްޔިތުން މި ރާއްޖޭގައި އިތުބާރު ކުރާނެ،"

"އެހެންނަމަވެސް މިހާރު މި ކޯލިޝަން ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން އަޅުގަނޑުމެންނަށް ޝައްކު އެމްޑީޕީއިން ވާ ވައުދާމެދު ރައްޔިތުން އިތުބާރު ކުރާނެކަމާމެދު." ވައްޑޭ ވިދާޅުވިއެވެ. ހުރިހާވެސް މައްސަލައަކީ ކޯލިޝަންބާއެވެ؟

ޕާޓީގެ ދެ ފެކްޝަނުގެ ދެކޮޅުގައިވެސް ތިބީ ދެކެފަރިތަ މޫނުތަކެކެވެ. ދެކޮޅުގެ ވާހަކަތަކުންވެސް އެނގޭ އެއް ކަމަކީ އެ ޕާޓީ ފުނޑުފުނޑުވެގެން ދިޔުމަށް ނޭދޭކަމެވެ. ރައީސް ނަޝީދުވެސް ވަނީ އެމަނިކުފާނު ހުންނެވިހާ ދުވަހަކު ޕާޓީ ބައިބައިވުމަށް ނޭދޭކަމަށް ވިދާޅުވެފައެވެ.

"އަދިވެސް އުންމީދު ކުރެވޭ ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި އެމްޑީޕީގެ ހަގީގީ ރޫހާ އެއްގޮތަށް ހިދުމަތްކުރުމުގެ ފުރުސަތު އޮންނާނެކަމަށް. އެ އުންމީދު އޮންނާތީ މި ތިބެނީ." ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މަވޯޓާ ވިދާޅުވިއެވެ. އެކަމަކު އުންމީދެއް އޮތަކަސް އެކަމެއް އަދި ހާސިލެއްނުވާކަމަށް މަވޯޓާ ވިދާޅުވިއެވެ.

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: ރައީސް ސޯލިހާއި ރައީސް ނަޝީދު ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފާހަގަކޮށްލެވޭކަމަކީ ރައީސް ސޯލިހުގެ މާ ބޮޑު ވިސްނުންފުޅެއް މިކަމަކަށް ނެތްކަމެވެ. ރައީސް ނަޝީދު ވަޓްސްއެޕް ގުރޫޕުތަކަށް ކުރައްވާ މެސެޖުތަކަށްވެސް މާ ބޮޑު ރައްދެއް ނެތެވެ. ބައެއް އެމްޑީޕީ މެމްބަރުން ދެކޭ ގޮތުގައި އެއީ ރައީސް ސޯލިހުގެ "ކެރެކްޓާ" ހުރިކަމުގެ މިސާލެކެވެ. އަނެއްބައި މެމްބަރުން ދެކޭ ގޮތުގައި އެއީ ނާގާބިލު ކަމެވެ. ރައީސް ސޯލިހު މިކަމުގައި ހަނު ހުންނަވާ ހުންނެވުމުން އެމަނިކުފާނު ދެއްވަން ބޭނުންފުޅުވަނީ ކޮން މެސެޖެއްތޯ މިއީ ގިނަ ބައެއްގެ ސުވާލެކެވެ.

ރައީސް ނަޝީދު ވަނީ، ދެބޭފުޅުންގެ އެކުވެރިކަން އޮތަސް، ރައީސް ސޯލިހާއެކު ދެން އިތުރަށް ސިޔާސީ ގޮތުން މަސައްކަތް ކުރައްވަން ބޭނުންފުޅުނުވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ދުވަހަކުވެސް ނުފެންނާނެކަމަށް ހީކުރި އެއް މަންޒަރުކަމުގައިވާ އިދިކޮޅު ރައީސް ޔާމީނާއި ޕީޕީއެމް ޕީއެންސީއާ އެއްބައިވުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

އެކަމަކު އިދިކޮޅުން ވަނީ ރައީސް ނަޝީދުގެ މި ހިޔާލަށް "ރިޖެކްޓް" ޖަހާފައެވެ. އެންމެ ފަހަރަކުއެއް ނޫނެވެ. އެތައް ފަހަރަކުއެވެ. މިއާއެކު އެމްޑީޕީގެ ބައެއް މެމްބަރުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގޭ ހާލަތެއްގައެވެ. ސޯޝަލް މީޑިއާއިން ގިނަ ބަޔަކު ހަނުތިބޭ ތަންވެސް އެބަ ފެނެއެވެ. ރައީސް ނަޝީދުގެ ސިޔާސީ ހަޔާތް ހުރީ ބާކީވުމާ ދިމާލަށްބާއެވެ؟

އެމްޑީޕީގެ ދެ ރައީސުންގެ މެދުގައި އޮތް މި ފިނި ހަނގުރާމައާއެކު ރިޔާސީ އިންތިހާބާ ހަމައަށް ދާއިރު ޕާޓީގެ ކުރިމަގު ލަފާކުރުން މިވަނީ ގޮތް ނޭނގޭ ކަމަކަށް ވެފައެވެ. ބައިބައިވެފަ އޮތް އެމްޑީޕީއަށްވެސް ޑީއާރުޕީއަށް ވީ ގޮތަށް ވެދާނެކަމާމެދު އެމްޑީޕީގެ މެމްބަރުން ތިބީ ކަންބޮޑުވެފައެވެ. ޕާޓީ ގެއްލި ހަލާކަށްވާން ބޭނުންނުވިޔަސް ދާ މިސްރާބެއް ނޭނގޭތީވެ އެކަންވެސް ވެދާނެކަން އެ މެމްބަރުން ވަނީ ގަބޫލުކުރަން ފަށާފައެވެ.

ހަމަ އެގޮތަށް އެމްޑީޕީއަށް ވަމުންދާ ގޮތް އިދިކޮޅުންވެސް އެތިބީ ގާތުން ބަލާށެވެ. ލޯކަލް ކައުންސިލް އިންތިހާބުން އިދިކޮޅަށް ވަނީ އާ ހިތްވަރަކާއި ބާރެއް ލިބިފައެވެ. އެމްޑީޕީ ބަލިކަށިވެއްޖެނަމަ، އިދިކޮޅަށް ކުރިހޯދަން ފަސޭހަކަން އެބޭފުޅުންވެސް ދަނެއެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އެބޭފުޅުން މަސައްކަތްކުރާނީވެސް އެ ވިސްނުމުގައެވެ.

އެމްޑީޕީގެ ދެ ރައީސުންގެ މެދުގައި ކުރިޔަށްދާ މި ހަނގުރާމައިން ކޮންމެވެސް އެއް ފަރާތެއް ކުރި ހޯދަފާނެއެވެ. އެކަމަކު އެއް އިރެއްގައި ވަރުގަދަ އެމްޑީޕީއަށް އޭރުން ދެން ވާނީ ކިހިނެތްބާއެވެ؟ ރައީސް ނަޝީދު ކުރިން ޕޯޑިއަމްތަކުގައި ހަރުއަޑުން ގޮވާލި ގޮވާލުމާ ހިލާފަށް އެމްޑީޕީގެ އެ އޮޑި އެދަނީ ފެތެމުންބާއެވެ؟

comment ކޮމެންޓް