ޔޫތުގެ ސްޓޭޓަކަށް ހުސައިން އިސްމާއީލް، ޖެންޑާއަށް ޝިހާބު

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ހުސައިން އިސްމާއީލް

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށާއި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ މއ. ބޯގަންވިލާ، ހުސައިން އިސްމާއީލް ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މ. ބާންސާގެ، މުހައްމަދު ޝިހާބުއެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ހުސައިން އިސްމާއީލަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ބޭބެއެވެ.

ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖް އިން ޑިޕްލޮމާ އިން މާކެޓީންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ހާސިލް ކުރެއްވެވި ހުސައިން އިސްމާއީލް މީގެ ކުރިން ހުންނެވީ ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ ރައީސްގެ މަގާމުގަ އެވެ.

ހުސައިން އިސްމާއީލަކީ އަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއާމަނެވެ.

މީގެ އިތުރުން ސަރުކާރުގެ އިސް މަގާމުތައްވެސް ހުސައިން އިސްމާއީލް ވަނީ މީގެ ކުރިން ފުރުއްވާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އޭނާ ކުރައްވާފައިވެއެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ޝިހާބަކީ އިންޑިއާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓސް އެމްބެސެޑަރުކަން ޝިހާބު މިހާރުވެސް ކުރައްވަމުން ގެންދަވަ އެވެ.

ޝިހާބް ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން، ޝިހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

comment ކޮމެންޓް