ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެމަސް ފަހުން ފޮތިގަނޑެއް ނަގައިފި

ފުވައްމުލައް ހޮސްޕިޓަކުން ސިޒޭރިއަން ހެދިތާ ދެ މަސްފަހުން އަންހެނެއްގެ ބަނޑުން ނެގި ފޮތިގަނޑު --- ފޮޓޯ/ އާއިލާ

ޏ. ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އަންހެނެއްގެ ބަނޑުން ދެ މަސް ފަހުން ފޮތިގަނޑެއް ނަގައިފި އެވެ.

އެ އަންހެން މީހާގެ އާއިލާ މެމްބަރަކު "ސަން" ކިޔައިދިން ގޮތުގައި މީގެ ދެމަސް ކުރިން ފުވައްމުލަކު ހޮސްޕިޓަލަށް އެ އަންހެން މީހާ ދިޔައީ ވިހަން ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން ވެގެންނެވެ.

އޭނާ ބުނީ ސާޖަރީ ހެދުމަށްފަހު ގެއަށް ދޫކޮށްލި ފަހުން ދޭތެރެ ދޭތެރެއިން ބަނޑުގައި ރިއްސާތީ އަންހެން މީހާ އުޅޭ ކަމަށެވެ.

"ބަނޑުގެ އެއްފަރާތުގަ ރިއްސާވަރުން އުޅޭތީ ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދި ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރު ބުނަނީ އެއީ ސިޒޭރިއަން ހެދީމަ އިންނަ ތަދެކޯ. މާބޮޑު ކަމެއް ނޫނޭ ކިޔާފަ ސްކޭން ތަކެއް ހަދާފަ ގެއަށް ފޮނުވާލީ. ދެން ދެވަނަ ފަހަރަށް ދިޔައީމަ ބުނީ ފަޅާފަ އިން ދިމާލުގަ އިންފެކްޝަނެއް އުފެދުނިއްޔޭ. ދެން ހޮސްޕިޓަލްގަ ބާއްވާފަ އެ އިންފެކްޝަނަށް ބޭސް ދީފަ ދެން ފޮނުވާލީ. ޑޮކުޓަރު ބުނީ ދުވަސް ނަގާނެއޭ ރަނގަޅުވާން. ކުޑަކޮށް ކެތް ކޮށްލާށޭ ޖެހޭނީ،" އާއިލާ މެމްބަރު ކިޔައިދިނެވެ.

އޭނާ ބުނީ ކެތް ކޮށްގެން އެގޮތުގައި މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް ބަނޑުގެ އެއްފަރާތުގައި ރިއްސާ ކަމަށެވެ.

"ދެން އެހެން ހުއްޓާ މަސް ދުވަހަށް އެޅެން ކައިރި ވީމަ އަނެއްކާ ތަދު އިތުރަށް ބޮޑުވީ. ބޮޑުވީމަ އަނެއްކާ ދައްކަން ދިޔައީމަ ޑޮކުޓަރު ބުނީ ތިމަންނަ ސައިޑުން ނެތޭ މައްސަލައެއް އެހެން ވީމަ ދައްކާށޭ އޮޕްރޭޝަން ޑޮކްޓަރަކަށް. ދެން އޮޕަރޭޝަން ޑޮކްޓަރު ބަލާފަ ބުނީ އެބައުޅެޔޭ މައްސަލަ ތަކެއް. ދެން މާލެ އައިސް އައިޖީއެމްއެޗުގެ ޑޮކްޓަރަށް ދެއްކީމަ ބުނީ ގޮހޮރުގަ ފާރުކޮޅެއް އެބަހުއްޓޭ. ދެން އެމީހުން ބުނީ އެންޓިބައޮޓިކް ދިނީމަ ރަނގަޅު ވެދާނެއޭ. ނުވެވެސް ހިނގައިދާނެއޭ. ނުވެއްޖެއްޔާ ހަދަން ޖެހޭނީ ސާޖަރީ އެކޭ،" އާއިލާ މެމްބަރު ކިޔައިދިނެވެ.

އޭނާ ބުނީ އިތުރު ސާޖަރީއެއް ނުހަދައި ބޭސް ދީގެން ރަނގަޅު ކުރެވޭތޯ އައިޖީއެމްއެޗްގެ ޑޮކްޓަރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

"ހޮސްޕިޓަލްގަ ބާއްވާފަ ރަނގަޅު ނުވީމަ ފަހުން ޑޮކްޓަރު އައިސް ބުނީ ބޭހަކުން ރަނގަޅެއް ނުވާނެއޭ. އެހެންވީމަ އެބަ ޖެހެޔޭ ސާޖަރީ އެއް ހަދަން. ގޮހޮރުގެ ތަންކޮޅެއް ފޫގޮސް ދުޅަވެފަ އިންނަ ކަމަށް ސީޓީ ސްކޭނުން އެބަ ދައްކައޭ. ފަޅާލީމައޭ އިތުރަށް ބެލޭނީ. ދެން ސާޖަރީ ހަދާ ނިންމާފަ ޑޮކްޓަރު އައިސް ބުނީ ފުވައްމުލަކު ހޮސްޕިޓަލުން އެންމެ ފަހުން ހެދި ސިޒޭރިއަން ގަ ބޮޑު ފޮތިގަނޑެއް ބަނޑު ތެރެއަށް ލާފަ ބަނޑު ފަހާފައޭ އިނީ. އެހެން ވީމަ އެ ފޮތިގަނޑު ގޮހޮރުގަ ތަތްވުމުގެ ސަބަބުން ގޮހޮރު ފޫ ވެއްޓި ދުޅަވެ އެގޮތަށް ވީމަ ދެން މިޖެހުނީ ގޮހޮރު ބުރިކޮށްލާށޭ. ދެން ބުރިކޮށްލާފަ ސާޖަރީ ހެދީ،" އާއިލާ މެމްބަރު ކިޔައިދިނެވެ.

އެ ހާދިސާ އާ ބެހޭގޮތުން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ އާ ބެހޭގޮތުން އިތުރު މައުލޫމާތު ހާމަ ކުރެވޭނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ބަހެއް ލިބުމުން ކަމަށެވެ.

މިހާދިސާ އާ ބެހޭ ގޮތުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ފުވައްމުލައް ސިޓީން ގެނައި އަންހެނަކު ސާޖަރީ ހަދާފައިވާ ކަމަށާއި އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު މި ލިބެނީ ހައެއް ޖުލައި ގަ ފުވައްމުލަކުން 29 އަހަރުގެ އަންހެނަކު ގެނައި ކަމަށް. މިހާރު އޮތީ ސާޖަރީ ހަދާފަ މިކޮޅުގަ ފަރުވާ ދެމުން ދަނީ. އަޅުގަނޑަށް ދެވެން ހުރި މައުލޫމާތު މިވަގުތަށް މި ހިއްސާ ކުރީ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އާއިލާއިން ބުނީ އެ އަންހެން މީހާ މާލެ އަންނަން ޖެހުނީ ދެ ދަރިންވެސް ގޮވައިގެން ކަމަށާއި އެހެންކަމުން ތަނެއް ކުއްޔަށް ހިފައިގެން މާލޭގައި މަޑުކުރަން ޖެހުމަކީ ބޮޑު ބުރައެއް ކަމަށެވެ.

comment ކޮމެންޓް