"އުފާވެރިކަމުގެ ފަސް އުސޫލެއް ވެއެވެ. ރުޅިނައުން އެހެން މީހުންނާއި އަޅާ ނުކިޔުން ފިކުރުތަކުން ދުރުވުން ކަންތައްތަކަށް އުއްމީދު ނުކުރުން އަދި ޝަކުވާ ނުކުރުމެވެ."
***
ނޯއާ ގެއަށް ވަނީ އިޝާކޮށްލައިގެންނެވެ. އޭރު ތުނިކޮށް ވާރޭވެހެމުން ދިޔައެވެ. ގެއަށް ނުވަދެވެނީސް ގޭތެރޭގައި ހަގުރާމައެއް ފެށިގެން އުޅޭކަމުގެ އަޑު އިވުނެވެ. ބޮޑުދައިތަ ހީނާގެ ލޮލުން ދައްކައިލި އަލިފާނުގެ ކުލަވަރުން ނޯއާއަށް ސިހުމެއް ލިބުނެވެ. ވެގެން އުޅެނީ ކީއްބާވައޭވެސް ހިތަށް އެރިއެވެ. ގޭތެރޭގައި އުޅޭއިރު ހީނާ އުޅޭނީ ބުރުގާ ނަގައިގެންނެވެ. ކުރުތާ ހެދުމަކާއެކު ދޯޕައްޓާއެއް ކޮނޑަށް އެއްލާލާފައިވާއިރު މުށިކުލައިގެން ފަން އިސްތަށިގަނޑުގައި ރަތްކުލައެއްގެ ހީނާފަތް އަޅާފައި ހުރުމުން އެ ނާރިގުކުލަ އަރާ ނިކަން ގުޅެއެވެ. ކަނދުރާގައި ވިދަ ވިދާއޮތީ ޖަވާހިރު ފަށެކެވެ.
"ނޯއާ ކިހާ ދެރަކަމެއްތަ؟ ކީއްވެހޭ އެގެއަށް ދިޔައީ؟ އެމީހުން ކުރިކަންތައްތައް ކުޑަވީމަތަ؟ ބައްޕަ އެ ހާލުގައި ޖެހުނު ސަބަބަކީ އެއީ....އެކަމަކު ދުޝްމިނުންގެ ފައިބުޑަށް ވެއްޓެން ނޯއާ ޖެހޭތަ؟" ޕެއިންޓްކޮށްފައިވާ ރަތް ތުންފަތުގެ ތެރެއިން ފެނިލި ދަތްޕިލާ ޖައްސާ ބާރުކޮށްލުމަށްފަހު ހީނާ މާހިރާއަށް ނަޒަރު ހުއްޓައިލިއެވެ.
"މާހިރާއަށް ނޯއާ ނުހުއްޓުވޭނީތަ؟"
"ކޮބާ އެމީހުންގެ ކުށަކީ؟ ކަޒްޔާ ހަނަފީބޭއާއިވެސް ވާހަކައެއް ނުދައްކާ....." ނޯއާ މަންމަގެ ދެކޮނޑުގައި އަތް ބޭއްވިއެވެ. "މަންމަ ބުނަމެއްނު މީހުންނަށް މާފުކުރާށޭ. ނަފްރަތަކީ އެމީހަކަށް ފައިދާ ކުރާނެ އެއްޗެއް ނޫނޭ. ވީއިރު ހަނަފީބެގެ ކުށެއްނެތި އަވަށްޓެރިންނާއި ގުޅުން ކަނޑާލަން ވާނެތަ؟ ހަނަފީބެ ކަޒްޔާގެ ފަރާތުން މާފަށް އެދުނު. އާންޓް....މިއީ ހަމަ އެހާ ބޮޑު ކުށެއްތަ؟ މުޅި ގެ އެލާޓަށް ގެނެސް ހަގުރާމައެއް ފަށާހާ ނުބައި ކަމެއް ކުރެވުނު ކަމަކަށް ހީނުކުރަން........."
ނޯއާ އޭނާގެ ބޮޑުދައިތަގެ ކޮނޑުގައި ބޯ އަޅާއިލިއެވެ.
"ޕްލީޒް އާންޓް. ރުޅި މަޑުކުރޭ. އައިސްކްރީމެއް ގެނެސްދެންތަ؟" ނޯއާގެ އެލޯބި ހަރަކާތުން ހަގީގަތުގައިވެސް ހީނާޚާންއަށް ހެވެން އުޅުނެވެ. އެ ބޮޑު ލޮލުގައި ހުންނަ މައުސޫމްކަމާއެކުވެސް މީހެއްގެ ހިތް އަތުލައިގަންނާނެއެވެ.
"ނޫން މިގަޑީގައި އެއްވެސް އެއްޗެއް ކާހިތެއްނެތް."
"ކެޔަސް އާންޓް ހިކިކަމުން އަންހެންކުދިން ޖޭވާވަރު ވޭ. ބައެއްކުދިން ނުކައި ނުބޮއި ތިއްބަސް މިހާ ލޫޅާފަތިކަމެއް ނުލިބޭ........." ނޯއާ ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް ގެންދަން އުޅުމުން ހީނާޚާންއަށްވެސް އޮޅުނެވެ.
"ދަރިފުޅާ..ކަޒްޔާ އޭނާގެ ބައްޕައާއި ގުޅުމެއް ނެތީތަ؟ އެއީ ކިހިނެއްވީ ކަމެއް؟" މާހިރާ ހަމަޖެހިލައިގެން ސޯފާގައި އިށީން އިރަށް ނޯއާ އުނގުގައި ބޯ އަޅާލައިފިއެވެ. މަންމަގެ އަތުގެ ފިރުމުންތަކުން ނޯއާއަށް އަބަދުވެސް "ސްޓްރެސް"ފިލާ އިތުރަށް ކަންނެތްވެ ނިންޖާ ރައްޓެހިކުރުވައެވެ. މިފަހަރުވެސް މާހިރާ ނޯއާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުން ދިޔަގޮތުން ދެލޯ މަރައިލެވިއްޖެއެވެ.
ހީނާ ޚާން އެހާ އަޑުގަދަކޮށްފައިވެސް ނޯއާގެ ވާހަކަތައް އިވި ރުޅި މަޑުކޮށް ހަނަފީއާއިމެދު ހަމްދަރުދީވިއެވެ. އެއް އިރެއްގައި އޭނާގެ ހިތުގައި ހަނަފީއަށް ޚާއްސަ ކުލުނެއް ވިއެވެ. ކުޑަ ބުޅަލެއް ވެރިޔާގެ ފަހަތުން ދުވާފަދައިން އޭނާ ހަނަފީގެ ފަހަތުގައި ޖައްސާލައިގެން އުޅުނެވެ. ހަނަފީއާއި ނަރުގިސްގެ ލޯބީގެ ވާހަކަ އިވުމުން އެންމެ ބޮޑަށް އަސަރުކުރި އެކަކީ ހީނާއެވެ. ކިތަންމެ ވަރަށް ހިތާމަކުރިޔަސް ނަސީބުގައި ނެތްކަމެއް ނުވާނެއެވެ. އެހެން ހުއްޓާ އޭނާގެ ހަޔާތަށް އެންމެ ހިތްކިޔާ ބައިވެރިޔެއް ލިބުނެވެ. ދެމީހުން ލައިލާ މަޖުނޫން ކުޅެގެން އެ ވާހަކަ މަޝްހޫރުވިއެވެ. ރާއްޖެއެކޭ އެއްވަރަށް ކަޝްމީރުގައިވެސް އެދެލޯބިވެރިންގެ ވާހަކަ ދެކެވުނެވެ. ހީނާ ނަރުގިސްއާއި ހަނަފީއަށް އެނަގެ ބައިވެރިޔާ ދައްކަން ގެނައި ޒިޔާރަތުގައި އަދި ފިރިމީހާގެ ފަރާތުން ހީނާޚާން އުއްމީދުނުކުރާފަދަ އަނދިރި ފަޅިއެއް ފެނުނެވެ. ނޫނީ އަންހެނުންވެސް މީހުންގެ ފިރިން ޖަހައިގަންނަން ކުޅަދާނައީއެވެ. އޭނާގެ ފިރިމީހާ އަތުން ބީވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެދޭތެރެއަށް ފުންމައިލީ މިފަހަރުވެސް އެ ނަރުގިސް ކިޔާ އަންހެނާއެވެ. މީހުންގެ ދިރިއުޅުން ހަލާކުކުރަމުން އުޅޭ މި އަންހެނާގެ އަމިއްލަ ދިރިއުޅުން ދުވަހަކު އާބާދުނުވާނީ ބާވައޭ ހިތަށް އެރިއެވެ. އެހެން އަންހެނެއްގެ އިހުސާސް ދަސްނުވާނީކަން ނޭގެއެވެ. އޭނާ ސިއްރުން ހިންގި ގުޅުން ފަޅާ އެރުމުން ހީނާ ޚާންއާއި ފިރިމީހާގެ ކައިވެނި ނިމުމަކަށް ނައިސް ސަލާމަތްކުރެވުނީ ހަމަ ކިރިޔާއެވެ.
***
އަރްކާންގެ މޫނުމައްޗަށް ވީއްލައިލި އެތިފަހަރާއެކު އޭނާގެ ކަންކަތުރު ކަށިގަނޑަށް ބާރުކޮށް އަތް މުށްކަވައިލެވުނެވެ. ނަމަވެސް އެލޮލުން ފެނުނީ ސާބިތުކަމެވެ. ނަވާބުމަނިކަކީ ދުވަހަކުވެސް އަރްކާންގެ ހިތް ރުހެވުނު މީހެއްނޫނެވެ. ނުރުހެވޭ މީހުންގެ ދިރިއުޅުމަށް ދަތިކުރުމަކީ އަރްކާން ނިކަން ކުރާ ހިތްވާކަމެކެވެ.
"އަރްކާން އަހަރެންގެ އަމުރަށް ނުކިޔަމަންތެރިވާން ފެށީތަ؟ ކަލެއަށް ފެންފަދައިން ފައިސާ ޚަދަރުކޮށް ކިޔައްވާ މީހަކަށް ހެދީމަ އަހަރެންގެ މޫނުމަތީ ކޮޅުފައިން ޖަހަން އަދި ކެރިއްޖެ.." ނަވާބު މަނިކުގެ އަޑު ސިޓިންރޫމްގައި ގުގުމައިލިއެވެ.
"ހުރިހާ އަމުރަކަށް ކިޔަމަންތެރިވިޔަސް އަދި ހަޔާތުގެ ބައިވެރިޔާ ހޮވައިގެން އެމީހަކާއިއެކު މުޅި އުމުރު ވޭތުކުރާނީ ބައްޕައެއްވެސް ނޫން. އެހެންވީމަ އަޅުގަނޑުގެ އަންހެނުން ހޮވާނީ އަމިއްލައަށް......" އަރްކާން ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.
"ކަލޭގެ ތި ނިންމުން ބަދަލުކުރޭ..."
"ސޮރީ....." އަރްކާން އެއްޗެކޭ ބުނަން އުޅުނެވެ.
"އައި އޯން ޔޫ....." ނަވާބު މަނިކު ހީވަނީ ފަޅައިގެންގޮސްދާނެ ހެންނެވެ.
"ކާމްޑައުން....ނޫނީ ޕްރެޝާ މަތިވެދާނެ. އަހަރެން ކައިވެނި ކުރާނީ އަނާއާއި. އެނޫން އަންހެނަކާއި ނީންނާނަން. މިއީ އެންމެ ފަހުގެ ނިންމުން. އެކަން ބަދަލުކުރެވޭނެ އެއްވެސް އިންސާނެއް ނެތް.." އަރްކާން ބާރުބާރަށް ހިނގާފައިގޮސް އެތަނުން ހާމަ ޖައްވަށް ނުކުމެ ފިނި ނޭވާއެއް ދޫކޮށްލިއެވެ.
ދުނިޔެއާއި ހަނގުރާމަކޮށްގެންވެސް އޭނާ އަނާ ހާސިލުކުރާނެއެވެ. އޭނާގެ މަގަށް ހުރަސް އަޅައިފި މީހަކު ދުރަށް ލާނެ ގޮތެއް ޚުދު އޭނާއަކަށްވެސް ނޭގެއެވެ. ނަމަވެސް އެނގެނީ ކޮންމެ ވަސީލަތެއް ބޭނުންކޮށްގެންވެސް އޭނާގެ މުރާދު ހާސިލުވާނެ ކަމެވެ.
***
ކަޒްޔާ ކެލިގްރާފީގެ އަކުރުތައް އަޅަމުން ދިޔަވަރަކަށް ވިސްނުނީ ގުރުއާން ދަސްކުރުމަށްފަހު ނޫނީ އޭނާއަށް ފުރިހަމައަށް އަކުރުތައް ނުލިޔެވޭނެކަމުގައެވެ. ތިކިޖަހަންވާ ތަންތަނާއި އެއްޗެހިވެސް ރަގަޅަށް އެނގި ފުރިހަމައަށް ނޫނީ ކެލިގްރާފީގެ މަސައްކަތްކުރިއަށް ގެންދަން ބޭނުމެއްނުވިއެވެ. ސްކޫލަށް ދަމުން ގުރުއާން ކްލާހަކަށް ދެވޭނީ އޭނާގެ މަންމަމެންގެ ރުހުން ހުންނަގޮތަކަށް އަމަލު ބެހެއްޓިގެންނެވެ. އެމީހުންނަށް ސަނާކިޔައިގެންނެވެ. "ސްޕައި"އަކަށްވުމަށް އެހެންމީހުންވެސް ދުނިޔެއަށް ހަގީގީ ނޫން ފަޅިއެއް ދައްކުވައެވެ.
އީމާންކަމަކީ ގަހެއްފަދަ އެއްޗެކެވެ. ފެން ނުދެވިއްޖެނަމަ މިލާ މޯޅިވެ އެއްކޮށް ނެތިގެން ހިގައިދާނެއެވެ. ގަސް ދިރިހުންނަން ފެން ބޭނުންވާ ފަދައިން އީމާންކަމަކީ އެފަދަ އެއްޗެކެވެ. ވަރުގަދަވެ ބަލިކަށިވެދާ އެއްޗެކެވެ. ސާދަ އަހަރުގެ ކުއްޖަކަށްވެފައި ވަށައިގެންވި މާހައުލާ މީސްތަކުންގެ ނުބައި ނުފޫޒާއި އަސަރުތައް ކުރަން ފެށިއިރު ކަޒްޔާގެ ވިސްނުމުގައި ހުރީ އެހެން މީހުންނަށް އޮޅުވައިލުމެވެ.
ކަޒްޔާގެ އަމަލުތައް މަޑުމަޑުން ނަރުގިސް ބޭނުންވާގޮތަށް ދީލަން ފެށިއެވެ.
ކައިޝާއާއެކު ކޮރެއަން އަދި އިނގިރޭސި ފިލްމުތައް ބަލަންފެށިގޮތަށް އެގޭގައި އޮތް ޕާޓީއެއްގައި ބައިވެރިވުމުގެ ހުއްދަ ކަޒްޔާއަށް ލިބުނެވެ. އޭނާ ކޮޓަރީގެ ހަތަރުފާރުން ބޭރަށް ހާމަ ވަޔަށް ނުކުމެ އިންސާނުންނާއި އެއްތަންވުމަށް ހުއްދަދިނީ ކައިޝާއަށް އިތުބާރުކޮށްފައެވެ. ކައިޝާގެ ހަވާލުގައެވެ. އޭނާ އާދޭސްކޮށްގެން އޭނާގެ ބުރުގާތައް ކައިޝާ ގެނެސްދިނެވެ. ބުރުގާ ނެތިއްޔާ ނިވާނުވެ ހުންނަ އިހުސާސް ކުރެވެއެވެ. ކުޑައިރުއްސުރެ ބުރުގާ އެޅުވުމުން ހެދުމުގެ އެއްބައި ކަމުގައި ދެކެވުނީއެވެ. އެހެންނޫންނަމަ އެ ދިގު ކަނދުރާއާއި ވަރުގަދަ ފަންގަނޑެއްފަދަ އިސްތަށިގަނޑަކީ ކޮންމެ އަންހެންކުއްޖަކު އިޝްތިހާރުކުރަން ބޭނުންވާފަދަ ޒީނަތެކެވެ.
***
"އަހަރެމެން ހޮޓެލް އޮފީލިއާއަށް ރޭގަނޑު ޑިނާއަކަށް ދަނީ..ޔާޔާ ކޮންމެހެންވެސް ރީތިހެދުމެއް ލާންވާނެ..ހިނގާ ޝޮޕިން ހަދާލަން.........." ކައިޝާ އައިގޮތަށް ކަޒްޔާގެ ގައިގާ ހިފައިގެން އެނބުރެމުންގޮސް އެނދަށް ވެއްޓިގަތެވެ.
"މަންމަ އަހަރެން ނުގެންދާނެ. އެހެންނޫނަސް ނަވާބުގެ ފައިސާއިން އެއްވެސް އެއްޗެއް ގަންނާކަށް ބޭނުމެއް ނޫން..."ކަޒްޔާއަށް ނަވާބުމަނިކުގެ ނަން ހަދާންވިޔަސް ލޯމައްޗަށް ސިފަވަނީ ގަމަރިއްޔާއަށް ކުރި ރަހުމެއްނެތް އަނިޔާތަކެވެ. ލެއިން ކަޅިވެފައިވާ މޮޅިވެރި މޫނު ކަޒްޔާގެ ޚިޔާލަށް ވެރިވެގަންނަ ކޮންމެ ހިނދަކު އައޫޒު ކިޔަނީ ގަދަ ރުޅިގަނޑު މަތަ ނުކުރެވި އަތުން ގޯހެއް ހެދިދާނެކަމުގެ ބިރަށެވެ. ގާތިލުންތަކެއްގެ ތެރޭ ދިރިހުރުން މަޖުބޫރުވުމަކީ އިމްތިހާނެކެވެ.
"އެކަމަކު ޑިނާއަކަށް އޯވާ ސައިޒް ޓީޝާޓެއް ލައިގެން ނުދެވޭނެއްނު. އެންމެ ރަގަޅު. ފްރެންޑެއް ދިން ހެދުމެއް އޮންނާނެ. އަތްކުރު ހެދުމެއް އެކަމަކު އެތެރެއިން ބޮޑީސޫޓެއްލީމަ ރީތިވާނެ. މިރޭ ވަރަށް ސްޕެޝަލް ރެއަކަށްވާނެ. ކީއްވެކަން އެނގޭތަ؟ ދޮންބެގެ ވައިފް އަނާއާއިއެކު އަހަރެމެން ޑިނާއަށް މިދަނީ. މަންމަވެސް ޑޭޑްއަށް އަންގާކަށް ބޭނުމެއްނޫން. ޑޭޑްގެ ބެސްޓީގެ ދަރިފުޅާއި ކައިވެނި ނުކުރީމަ ބައްޕަ ދޮންބެގެ މޫނުގައި އެތިފަހަރެއް ޖެހި. މަންމައަށްވެސް ޝޮކެއް ލިބުނު. އެވަރުންވެސް ދޮންބެ ބުނީ އަނާ ނޫން ކުއްޖަކާ ނީންނާނަމޭ. އެހެން މީހަކަށް އެގޮތަށް ޑޭޑް ކުރިމަތީގައި އަނގަ ހުޅުވައިލާކަށް ނުކެރޭނެ. އެނީވޭސް ޑޭޑްވީ ޖަރމަނީގައި އެހެންވެ މަންމަ މި ޑިނާ އެރެންޖް ކުރީ........." ކައިޝާގެ ވާހަކަތައް އިވިފައި ކަޒްޔާ ހަމްދުކުރިއެވެ.
"ތޭންކް ގޯޑް..ފައިނަލީ ރެސްޓޯރެންޓަކަށް......" ކަޒްޔާ އަމިއްލަ އަތުގައި ވިކައިގަތެވެ." ޑްރީމެއްވެސް ނޫން..."
މަންމަގެ ޚިޔާލު ބަދަލުވެދާނެތީ ކަޒްޔާ ބިރުގަތެވެ. އެންމެފަހު ވަގުތުވެސް އޭނާ ނުގެންދަން ނިންމައިފިއްޔާ އޭނާގެ ހުރިހާ އުއްމީދެއް ވަޔަށް ހުށަހެޅިދާނެއެވެ. އޭނާ ނޯއާއަށް ދޭން ލިޔުނު ސިޓީ ޖިންސްގެ ޖީބަށް ޖަހައިލުމަށްފަހު ކަޒްޔާ ހިނިތުންވެލިއެވެ.
ނޯއާ އޭނާއަށް މާފުކޮށްފައި އޭނާ ބަލާ އަންނާނެއެވެ.
ކުރީގެ އުފާވެރި ދިރިއުޅުން އަލުން އިއާދަ ވުމާއި މިހާރުގެ ދިރިއުޅުމާއި ދޭތެރޭ އޮތް މަގުގެ ނުރައްކާތެރިކަމާއި ބިރުވެރިކަމާއެކުގައިވެސް އޭނާ އެމަގު ހުރަސްކުރަން ފިޔަވަޅެއް އަޅައިފިއެވެ. ގަޟާގަދަރުގައި ލިޔުއްވާފައިވަނީ ކޮންކަމެއްކަން ދެނެވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. އެމީހުންނަށް އޮތީ ދިރިއުޅުމުގެ ކޮންމެ ފުރުސަތެއްގެ ބޭނުން ބުއްދިވެރިކަމާއެކު ހިފުމެވެ.
***
މަގުމައްޗަށް އުޅަދުތަކާއި އިންސާނުންގެ ސުނާމީއެއް އަރާފައިވާފަދައެވެ. އެހާވެސް ހަލަބޮލިކަން ހުރިހާ ދިމާލަކުން ފެނެއެވެ. ދިރިއުޅުމުގެ ކަންތައްތަކުގައި އަވަދިނެތި ކޮޅުކޮޅަށް ހަރަކާތްތެރިވާ މީހުންނާއި ކުރާނެ ކަމެއްނެތި ލާހޫރޭ މީހުންވެސް މަދެއް ނޫނެވެ. ފިހާރަތަކުން މަގަށް އެޅިފައިވާ ކުލަކުލައިގެ އަލިތަކުގެ ތެރެއިން އެމީހުން ތިބި ކާރު ކުރިއަށްގޮސް ހޮޓެލް އޮފީލިއާ ކުރިމައްޗަށް ހުއްޓާލުމާއެކު ކަޒްޔާ ފޭބިއެވެ. މަންމައާއި ކައިޝާއަށް އަތުނުވެ މީހުންތަކުގެ ތެރެއަށް ވަދެ އޭނާ ގެއްލުނެވެ.
ނަމަވެސް އެއީ ޚިޔާލުގައެވެ. އަދި އެކަހަލަ ގޮތަކަށް ފިލައިގެން ލިބިދާނެ ލަނޑަކަށް އެކުއްޖާ ޅަ ނަމަވެސް ވިސްނިއެވެ.
އޭރު ނަރުގިސް ކޮންމެވެސް މީހަކަށް ގުޅައިގެން ހުއްޓެވެ. އޭނާގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. ޒުވާން އަންހެންކުއްޖެއްހެން މޭކަޕް ކޮށްލާ އިސްތަށިގަނޑުގައި ކުލަ ޖައްސާ ސްޓައިލްކޮށްލާފައިވާ ހިނދު ލައިގެން ހުރި ވިދާ ހެދުމާއި ހައިހީލުންވެސް ދައްކުވައިދިނީ ޒުވާން ކަމެވެ. އަގުބޮޑު ސެންޓުގެ ވަސް މުޅި މަގުގައި ހިފާލާފައެވެ.
"ޕިސް ޕިސް.. އަރްކާންވެސް ނަވާބު ބުނުއްވިގޮތަށް ހެދިނަމަ....ކޮންފަދަ ބޮޑު ޝަރަފަކާއި ފަޚުރެއް ލިބުނީސް.. މަގޭ ދަރިވެސް ގޮތްދޫނުކުރާވަރުން...." ނަރުގިސް މަޑުމަޑުން ޗުސް ކަނޑާލައިފިއެވެ.
"ރައީސްވެސް ނަވާބުހާ ފޫހި...." ކަޒްޔާއަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.
"ކަޒްޔާ. ބޭކާރު އަނގަ ނުތަޅުވާ.." ނަރުގިސް އިންޒާރުކުރިއެވެ.
"އޯކޭ. ބަޓް އައި ހޭޓް ނަވާބު އަދި އޭނާއާއި ރައީސް މީހާ ފްރެންޑްކަން އެނގުނީމަ ރައީސްދެކެ އެހާ ފޫހިވެއްޖެ. އެންޑް އައި ޝުޑް ރިމައިންޑް ޔޫ މަމް. ބައްޕަ އަކީ ޖަވާހިރެއް އަދި ޖަވާހިރެއް ދޫކޮށްފައި ގާގަނޑެއްގައި ހިފީ. އެވެސް އާދައިގެ ގަލެއްގައި..އަހަރެމެންގެ ވަލުތެރޭގައިވެސް އެކަހަލަ ގާތައް ހުރޭ..." ކަޒްޔާގެ ވާހަކައިން ނަރުގިސްގެ ކަންފަތުން ދުން އަރާހާ ރުޅިގަދަވިއެވެ. އެކަމަކު މޭކަޕް ހަޑިވެދާނެތީ މޫނުން އެކަން އަންގާކަށް ބޭނުމެއްނުވިއެވެ. އޭނާ މަސައްކަތްކުރީ ރުޅިފިނިކުރުމަށެވެ.
ކައިޝާ ހިނިގަނޑެއް ޖަހާލައިފިއެވެ.
"މަމްއަށް ކަޒްޔާ ބައްޕަދެކެ ލޯބިވާވަރު އެނގޭނެ އެހެންވެ އެގޮތަށް ވާހަކަ ދައްކަނީ....." ކައިޝާވެސް މިފަހަރު ކަޒްޔާގެ ކޮޅަށް ހިފައިލިހެން ހީވިއެވެ.
އެވާހަކަތަކަށް ނިމުމެއް އައީ އަރްކާންގެ ކާރު މަޑުކޮށްލާފައި އޭނާ ފޭބުމުންނެވެ. އަތްދިގު ކަޅުކުލައިގެ ގަމީހަކާއި ނޫ ޖިންސެއްގައި ހުރިއިރު އޭނާގެ ސްމާޓްކަން ދައްކުވައިދިނެވެ. އަދި ކާރުގެ ދޮރުފަތް ހުޅުވައިލަދިނެވެ.
"ސްޓިލް ޝިވަލްރީ އިޒްންޓް ޑެޑް..." ކައިޝާ ކިޔައިލިއެވެ.
އަނާވެސް ހުރީ ކަޅުކުލައިގެ މެކްސީހެދުމެއްގައެވެ. ރަން ފަށުވިން ޖަރީކޮށްފައިވާ އެހެދުމުގެ ބެބުޅުމުން ލޯތައް މެރޭފަދައެވެ. ބުރުގާގައިވެސް ހަމަ އެ ޑިޒައިނަށް ކުރެހުން އަޅާފައެވެ. އެ ދޮންމޫނާއި މުށި ކަޅި ދިއްލިފައިވިއެވެ.
"އޯ މައިގޯޑް. ޔޫ ގައިސް ލުކް ގޯޖަސް. ޕާފެކްޓް.."ކައިޝާ މޮޔަވާވަރުވިއެވެ. އަނގަމަތީ އަތް އަޅައިލަމުން އޭނާއަށް ދުވެގޮސް ދޮންބެއަށް ކުޑަގޮތަކަށް ބައްދައިލިއެވެ. އަނާއަށްވެސް މެއެވެ. އަނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ފެނުމުން ކައިޝާ ކަންބޮޑުވެފައި އަމިއްލަ ދަބަހަށް ބަލާލައިފިއެވެ. ޔަގީނެވެ. ދޮންބެއަށް އެ ދަބަސް ރީތި ވީމަ ކޮއްކޮއާއި އަންހެނުންނަށްވެސް ގަނެދިނީއެވެ.ނަމަވެސް ކައިޝާ އެގޮތެއް ބޭނުމެއްނޫނެވެ. އޭނާގެ ކޮނޑުގައި އޮތް ދަބަސްވާން ޖެހޭނީ އޭނާގެ އަމިއްލަ އެއްޗަކަށެވެ. އެފަދަ ދެވަނަ ދަބަހެއް އެހެން މީހެއްގެ އަތުގައިއޮތީމަ އަގު ކުޑަވާނެއެވެ.
ނަރުގިސް ތުންފަތަށް ވެރިކުރުވި ޕްލާސްޓިކް ހިނިތުންވުމާއެކު ކުރިއަށް ޖެހިލިއިރު އަރްކާން އޭނާގެ އަންހެނުން އެންމެނަށް ތައާރަފުކޮށްދިނެވެ. އަނާއަށް ކަޒްޔާ އެނގުމުންވެސް ވަކި އެނގުނުކަމަކަށް ނެހެދުމުން ކަޒްޔާ ދެރަވިއެވެ. ނަމަވެސް އަނާ އެހެން ހެދި ސަބަބު އެނގޭމެއެވެ. އަނާގެ ފަހަރިއަކަށް ވިޔޭ ކިޔާފައި ޚާއްސަ ކުރަންވީ ސަބަބެއްނެތެވެ. ކަޒްޔާގެ ސަބަބުން ނޯއާ ޖަލަށް ދާން ޖެހުނެވެ. ކަޒްޔާ ދުރަށް ބަލަންފެށިއެވެ. އަނާ ދެކެވެސް އޭނާ ފޫހިވިއެވެ. އަނާވެސް ހުރިހާ ކަމެއް އެނގިހުރެ މި އާއިލާއާއި ގުޅުނީއެވެ. ދެފަރާތްވެސް ހަމަ ހަމަވީ ނޫންހެއްޔެވެ؟
"އަނާ ތިހިރީ ޔަހްޔާގެ ކިލަރ އާއެކުކަމުގެ ކުޑަ ކްލޫއެއްވެސް ނެތީތަ؟ " ކަޒްޔާއަށް ބުނެވުނެވެ.
ނޫނެކެވެ. އޭނާއަށް އެހެން ބުނެވުނީ ބާރަކަށް ނޫނެވެ. ހިތުގެ އަޑެވެ.
އެންމެން އެކީ ރެސްޓޯރެންޓަށް ވަދެ އެމީހުންނަށް ޚާއްސަކުރެވިފައިވާ މޭޒުގައި އިށީނުމާއެކު އަގުބޮޑު ކާތަކެތި ގެނެސް މޭޒުމަތީ އަތުރަން ފަށައިފިއެވެ. ލުއި މިއުޒިކެއްގެ އަޑުން ތަނުގެ ހިމޭންކަން ނަގާލާފައިވުމާއެކު ރަން އަލިން އުޖާލާވެފައިވާ ތަނުގެ އަގުބޮޑުކަން ކަޒްޔާއަށްވެސް ވިސްނުނެވެ. އެހާ ރީތި ތަނަކަށް އަދި ކަޒްޔާގެ ހަޔާތުގައި ވަދެވިފައި ނެތެވެ. ނަމަވެސް މި މުއްސަދިކަމަށްވުރެ "ޗޮކްލެޓްވައިބްސް"ގެ ހަތަރުފާރުން އެތެރޭގައި ލިބުނު ހިތްހަމަޖެހުމާއި އަމިއްލަ ވަންތަކަން އަދި "ހިމޭން"ކަން އޭނާއަށް މާ ކަމުދިޔައެވެ. ފަހަރެއްގައި އެންމެން ހީކުރާނީ އޭނާ "އިމްޕްރެސް"ވާނެކަމުގައެވެ. އެހެން ނޫންކަން އަންގަން ބޭނުންވިޔަސް ވާހަކަދެއްކޭނެފަދަ ދަނޑިވަޅެއް ނުލިބުނެވެ.
މަންމަ އަނާއާއި ވާހަކަދައްކަން ފެށިއިރު އަރްކާންއާއި ކައިޝާވެސް ބައިވެރިވިއެވެ. އޭނާގެ ޚިޔާލް އެއްވެސް މީހަކަށް މުހިއްމެއް ނުވިއެވެ.
ވާހަކައިގެ ފޯރި ތަންކޮޅެއް ގަދަވި ގަޑި ބަލާފައި ކަޒްޔާ ޖީބުން ދަމައިގަތް ސިޓީ އަނާގެ ދަބަހަށް ލައިފިއެވެ. ޒިބު ހުޅުވިފައި ހުރުމުން މަސައްކަތް ފަސޭހަވިއެވެ. ނަސީބަކުން އޭނާ އިނީ އަނާއާއި ގާތުގައި ކަމުން އެހެން މީހަކަށް އެ މަންޒަރެއް ނުފެނުނެވެ. އަނާ އަޅާ ނުލިކަމީ އޭނާއަށް ލެއްވި ރަހުމަތެކެވެ. އޭނާ ސިޓީ އުރައަކަށް ލާފައި ބޭރުގައި ކުޑަ ނޯޓްކޮޅެއް ލިޔުނެވެ. އަނާ އެ ސިޓީއަށް އަމާނަތްތެރިވުމަށް އެދުނެވެ. ނޫނީ ފާފަވެރިވާނެކަން ހަދާންކޮށްދިނެވެ. އަނާފަދަ ދީންވެރި ކުއްޖަކު އަމާނާތްތެރިވާނެކަމުގެ ޔަގީންކަން ކަޒްޔާއަށް އޮތެވެ. އަނާ ނޯއާއަށް އެ ސިޓީ ރައްދުކޮށްދޭނެއެވެ.
"އެކްސްކިއުޒް މީ. އެބަ އަންނަން ރެސްޓްރޫމަ ވަދެފައި..." އަނާ ތެދުވުނެވެ.
"ޝީޒް ޕްރިޓީ...ޔޫރަޕް ކުއްޖަކާ ވައްތަރީ.."ކައިޝާ ތައުރީފުކުރިއެވެ.
"އައި ނީޑް ޓު ޕީ..." ކަޒްޔާވެސް ތެދުވުނެވެ.
"ތިހެން ނުބުންޏަސް ރީތިކޮށް ވާހަކަދެއްކިދާނެ ދޯ..."ނަރުގިސް ބުނެލީ ނިކަން ހިތްހަމަނުޖެހިފައި ވައްތަރަކަށެވެ. ކަޒްޔާ ހީލާފައި ހިނގައިގަތުމުން ކައިޝާ ފަހަތުން އައުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއް ނޫނެވެ. އެއީ ނަރުގިސް އިރުޝާދު ދީފައި އޮންނާނެ ގޮތެވެ. އޭނާ އެކަނިމާ އެކަނި ހިދުކޮޅަކަށްވެސް އެމީހުން ދޫކޮށެއްނުލާނެއެވެ. އަނާއަށް އެކުދިން ފެނުމުން ހައިރާންކަމެއްލިބުނެވެ.
"އަނާ...އިޓްސް ވެރީ އިމްޕޯޓެންޓް އިނގޭ. އައި ޓްރަސްޓް ޔޫ، ޕްލީޒް ޑޯންޓް ބިޓްރޭ މައި ޓްރަސްޓް. ނޫނީ ފަހުން ދުވަހަކުން ދެރަވާނެ..."
"ކޯނޗެކޭތަ؟ "ކައިޝާ ލޯބޮޑުކޮށްލިއެވެ.
"މިބުނީ މި މެރިޖްގެ މުހިއްމު ކަމުގެ ވާހަކަ. މަސްލަހަތަށްޓަކާ އަނާ ކައިވެނިކުރީ އަހަރެމެންގެ ދޮންބެއާއި. ސޯ ހޯޕްކުރަން ދެ ފެމިލީ ރިލޭޝަން ރަގަޅުވާނެކަމަށް. ފޮގިވް މީ އަނާ. އަހަންނަށް ހިތްހެޔޮކުރައްޗޭ. އަދި ހުރިހާ ކުދިންމަތިން މިސްވާ ވާހަކަ ބުނައްޗޭ.."
"ސްޓިލް ބައްޕަ އޮންނެވީ ކޯމާއެއްގައި. ނޯއާ ޖަލުން ސަލާމަތްވިޔަސް އަހަރެމެންގެ ފެމިލީ ބަދުނާމުވެ އާއިލާގެ އުފާވެރިކަން ނައްތައިލި މީހަކީ ތިއީ. މާތްﷲ އެކަމުގެ ސަޒާދެއްވާނެ. އަހަރެން ހިތްހެޔޮކުރަންވީ ކީއްވެ؟ މިމެރިޖަކީ ކޮންމެހެން މަސްލަހަތަށްޓަކާ ކުރިކަމެއް ނޫން.އަހަރެންގެ ތަގުދީރުގައި ހުރިގޮތް. އަހަރެން ކަޒްޔާއާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއްނޫން.އެގިއްޖެތަ؟ އަހަންނަށް ޓްރަސްޓްކުރާނެ ކަމެއްނެތް. އަދި ފަހުން އަހަރެން ދެރަވާވަރުގެ ކަމެއްވެސް ނުވާނެ. އިތުރު ކޮން މެސެޖެއް ދޭން ފަހަތުން ތިއައީ؟މީހުންނަށް އޮޅުވައިލަންތަ؟" އަނާގެ ލޮލުން ރުޅިވެރިކަމުގެ ކަރުނަތައް ވިދައިލިއެވެ.
"އިނަފް އަނާ..." ކައިޝާވެސް ރުޅި އަތުވެއްޖެއެވެ.
"ކަޒްޔާ އެހާ ރީތިކޮށް ވާހަކަދެއްކީމަ އަނާއަށް އެނގުނީ ތިހެން ރިޕްލައިކުރަން؟ އަހަރެން އަނާއަށް ބަލާފައި ހީކުރީ ކަޒްޔާހާ ސްވީޓްކަމަށް. އެކަމަކު އަނގައެއް އެބައޮތް. ވެލް.......ކަޒްޔާއާއި ބެހޭގޮތުން ތި ހީކުރީ ނުބައިކޮށް. ޝީޒް އިނަސެންޓް. އިތުރަށް ބުނެދޭން މިވަގުތު ބޭނުމެއްނޫން. ހިނގާ ކަޒްޔާ ކޮންމެހެން ފަހަރިއަށް ވީމަ ފްރެންޑްވާން އުޅޭނެކަމެއް ނެތް. ފަހަރިން ހެޔޮއެދޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް.." ކައިޝާ ކަޒްޔާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އެތަނުން ނެރުނެވެ.
ކަޒްޔާގެ ހިތް ތެޅޭ އަޑު އޭނާގެ އަމިއްލަ ކަންފަތަށް އިވުނެވެ.
އޭނާ އަރްކާންއަށް އެ ސިޓީ ދައްކައިފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ އަނާ އޭނާ ހީކުރިފަދަ މާތް އަންހެންކުއްޖަކަށް ނުވިއެވެ.
އަނާ އެނބުރި އައުމުން ކައިޝާ އަނާއާއި ވާހަކަދައްކަން ފެށީ ރީތިކޮށެވެ. ހާދިސާއެއް ހިނގިކަން އެހެން މީހަކަށް ނާންގަން ކައިޝާ ކިތަންމެހާވެސް ކުޅަދާނައެވެ. އަނާގެ ލޮލުން ކަޒްޔާއަށް އުފާވެރިކަމުގެ ވިދުމެއް ނުފެނުނެވެ. އެ ލޮލުގައި އެތައް ހާސް ހިތާމައެއް ފިލާފައިވާފަދައެވެ. ޔަހްޔާގެ ވަކިވުމުގެ ހިތާމައިން އަރައިނުގަނެވެނީ ކަމަށް ވެދާނެއެވެ.
***
ހީނާޙާންއަށް އެ ފޯނު ކޯލު އައުމާއެކު ސިހުން ލިބުނު ވަރުން އަތުން ފޯނުވެސް ދޫވިއެވެ.މަޑު ދޫލަމަތީގައި ޖެހުމުން ނަސީބަކުން ކޫރުމެއްވެސް ނޭޅުނެވެ. ނަމަވެސް އޭނާގެ ހިތުގައި އެޅުނު ކޫރުން ދުވަހަކު ފިލާނެ ކަމެއް ނޭގެއެވެ. ގުދުވެ ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލިއެވެ.
"އައިމް ކަމިން ޓު އިންގްލޭންޑް ސޫން....."
***
ސްނޯތެރެއަށް ގެނބިފައިވާ ގެ ހަނދުވަރުގެ ތޫނު އަލީގައިވެސް ފެންނަނީ ނިކަން ޝާހީކޮށެވެ. އާސާރީ ގޭގެ ވަރުގަދަ ގޭޓާއި ތަބުތައް ބައްތިތަކުގެ ރަން އަލީގައި ސްނޯއިން ފޮރުވިފައިވާ ސްކަލްޕްޗާތައް ފަދައެވެ. ޒޭވިއާ ގެއަށް އައިއިރު ހަވީރު ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ސްނޯއިން ބަރާވެފައިވާ ކޯޓުން ސްނޯ ފޮޅައިލުމަށްފަހު ހަރުގައި އަޅުވާލައިފިއެވެ. ދާލިއާ ފާޚާނާގައި ހުރިކަން ޔަގީންވެފައި ޒޭވިއާ ދިޔައީ ކޮފީއެއް ތައްޔާރުކޮށްލުމަށެވެ. އާވިއަރަ އަރާހުރި ކޮފީޖަގު ހިފައިގެން ކޮޓަރިއަށް އައިއިރު ފެނުނު މަންޒަރަކުން ހިތް ތެޅިލިއެވެ.
"ބޭބީ....ކީއް ތިކުރަނީ؟"
"ޖެކެޓް ދޮންނަން މި ނެގީ......" ދާލިއާ އަވަސްއަވަހަށް ބުނެލިއެވެ.
"އިޓްސް ވިއާޑް. ޔަގީނުންވެސް ހެދުމުގެ ވަސް ބަލައިލީ................" ޒޭވިއާ ހިތާހިތުން ކިޔާލައިފިއެވެ.
ނުނިމޭ