ކައުންސިލަރުން ދިޔަ ދުވަހު ހުރީ ސަލާމުގައި، ބިރުދައްކާފައެއް ނުވާނެ: ނަހުލާ

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ. ފޮޓޯ/ފޭސްބުކް

މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އަންގަވައިގެން އެހެން ކައުންސިލަރުންތަކަކަށް ބަޔަކު ބިރުދެއްކިކަމަށް ބުނާ ވާހަކަ ނަހުލާ ދޮގުކުރައްވައިފިއެވެ.

ވިލިމާލެއަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ދިޔަ ކައުންސިލަރުންތަކަކަށް ނަހުލާ އަންގަވައިގެން ބަޔަކު ބިރުދެއްކިކަމަށް ތުހުމަތުކޮށް އެ މައްސަލަ މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހުއެވެ. އެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އެޅުމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވަން މިދިޔަ ބުދަ ދުވަހު ހުށަހެޅި ހުށަހެޅުން ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ނަހުލާ މިއަދު ވަނީ ދާއިރާގެ ރައްޔިތަކު ލައްވާ އެއްވެސް މީހަކަށް ބިރު ދައްކާފައި ނުވާނެކަމަށް ވިދާޅުވެފައެވެ. ނަހުލާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ކައުންސިލަރުންތައް ވިލިމާލެއަށް ދިޔަކަމަށް ބުނާ ދުވަހު އޭނާ ހުރީ ސަލާމުގައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ރެކޯޑުންވެސް އެނގެން އޮންނާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

ކައުންސިލަރުންތަކެއް ވަޑައިގަންނަވާކަމެއް އަދި އެކަމާގުޅޭ އެއްވެސް މައުލޫމާތެއްވެސް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އޭނާއާ ހިއްސާކޮށްފައިނުވާކަމަށް ނަހުލާ ވިދާޅުވިއެވެ.

"އެހެންކަމުން ވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއް ކަމެއް އަދި ކައުންސިލަރުންތަކެއް ވަޑައިގަންނަވާކަމެއްވެސް އެނގިފައެއް ނުވޭ،"

"ދާއިރާގެ ރައްޔިތަކު ލައްވާ އަޅުގަނޑު އެއްވެސް މީހަކަށް ބިރު ދައްކާފައެއް ނުވާނެ،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވި ބިރުދެއްކުމުގެ އެފަދަ އަމަލެއް ވިލިމާލެ ރައްޔިތަކު ހިންގަފާނެކަމަށް އޭނާ ގަބޫލުނުކުރާކަމަށެވެ. އަދި ޕީޕީއެމްގެ ކައުންސިލަރަކަށްވެ ހުރެ މޭޔަރާއި އެހެން ކައުންސިލަރުންނާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ފަރާތަކާއި ހިއްސާކުރަން ނޭދޭކަމަށް ނަހުލާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެއްވެސް މުއައްސަސާއަކުން އެ މައްސަލައިގައި އޭނާ ހާޒިރުކޮށް އެކަމާ ގުޅިގެން ސުވާލުކޮށްފިނަމަ އެ ސުވާލުތަކަށް ޖަވާބުދާރީވާނޭކަމަށާއި އަދި އެ މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ދާނެކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އަންގަވައިގެން ބިރު ދެއްކިކަމަށް ބުނާ މައްސަލަ އެލްޖީއޭ އަށް ފޮނުވަން ހުށަހެޅީ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމާއެވެ. އެ ހުށަހެޅުމަށް ތާއިދުު ކުރެއްވީ ޕީޕީއެމްއަށް ނިސްބަތްވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެެވެ.

މަައްސަލަ ބަލައި ފިޔަވަޅު އަޅަން އެލްޖީއޭއަށް ފޮނުވުމަށް ނެގި ވޯޓުގައި ބައިވެރިވި 17 މެންބަރުންގެ ތެރެއިން 16 މެންބަރަކު ވަނީ ހުށަހެޅުމަށް ތާއިދު ކުރައްވާފައެވެ.

comment ކޮމެންޓް