ގޮންޖެހުން ތަކާއެކުވެސް އެމްޓީސީސީން މިދިޔަ އަހަރު 34 ޕްރޮޖެކްޓެއް ނިންމައިފި

އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް --- ސަން ފޮޓޯ/ ފަޔާޒު

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތުގައިވެސް މިދިޔަ އަހަރު 34 ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ލެވިފައިވާ ކަމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އަޒިމް ވިދާޅުވީ މިފަދަ ދަތި އުނދަގޫ ހާލަތިގައިވެސް އެއްވެސް މަޝްރޫއެއް މަޑުނުޖެހި ކުރިއަށް ގެންދެވުނީ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ.

"އެމްޓީސީސީން އެކަނިވެސް މިދިޔަ އަހަރު 34 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމައިފިން. މީގެ ކުރިން އާއްމުކޮށް އެމްޓީސީސީން ނިންމަމުން ދިޔައީ ފަންސަވީސް ނޫނީ ތިރީސް ޕްރޮޖެކްޓް. އެ އަދަދު އެއްފަހަރާ ކުރާނީވެސް. އަޅުގަނޑުމެން މިވަނީ އެއަދަދު އެއް ޕީރިއަޑުގަ ނިންމާ އަދި އާއްމުކޮށް އެމްޓީސީސީން ކުރަމުންދާ ތިރީހަކަށް ޕްރޮޖެކްޓްގެ ބަދަލުގައި މިހާރު މިވަނީ އެމްޓީސީސީގެ މަސައްކަތްތައް ދެގުނަ ބާރު ކޮށްފަ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ ގިނަ މަސްވެރިންނަށާއި ސަފާރީ އުޅަނދު ފަހަރަށް ފަސޭހަ ކަމާއެކު ޚިދުމަތް ދިނުމުގައި އެމްޓީސީސީ ޑޮކްޔާޑަކީ މުހިއްމު ދައުރެއް އަދާކުރާ ތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި މަސްވެރިންގެ އެންމެ ގާތް ޔަންމާ އިންޖީނަކީ އެމްޓީސީސީ އާއި ޖަޕާނުގެ ޔަންމާ ކުންފުންޏާ ގުޅިގެން ދެމުންދާ ޚިދުމަތެއް ކަމަށެވެ.

"ގިނަ ބޯޓު ދުއްވާ ފަރާތް ތަކަށާއި މަސްވެރިންނަށް ސުޒުކީ އިންޖީނު ވިއްކުމާއި އަދި އޭގެ ސްޕެއާ ޕާޓްސް ރަނގަޅަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެމްޓީސީސީން ކުރަމުން އަންނަ ބޮޑު މަަސައްކަތެއް. އަދި މިހާރު އަޅުގަނޑުމެން ޔަގީން ކުރަން ބޭނުން ވަނީ އެއްވެސް ސްޕެއާ ޕާޓެއް ބޭނުން ވެއްޖެ ހިނދެއްގަ ވީހާވެސް އަަވަހަކަށް ހަމަޖެއްސުމަށްޓަކައި ސްޓޮކްވެސް މިހާރު ހުންނާނީ ރަނގަޅު ކުރެވިފަ،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވީ ކޮވިޑްގެ ހާލަތު ރަނގަޅުވެ، ރާއްޖޭގެ އިގްތިސޯދު ހިނގައިގަންނަ ވަގުތަކަށް ކުންފުނި އޮތީ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށެވެ.

ދިވެހީންގެ މެދުގައި އެންމެ މަގްބޫލު "ޔަންމާ" އިންޖީން ރާއްޖޭގައި ވިއްކަން ފެށީ 1973 ވަނަ އަހަރު ތެރޭގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ޔަންމާ އިންޖީނަކީ ދިވެހީންގެ ތެރޭގައި އެންމެ މަގުބޫލް އިންޖީނެވެ.

comment ކޮމެންޓް