ބިދޭސީން ގެނައުމާ ގުޅޭ ކަންކަމަށް މީހުން ތަމްރީނުކުރަނީ

އޭޕްރީލް 22، 2020: ބިދޭސީ މާލޭގެ ބާޒާރުމަތީގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެލެހެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ތަމްރީނު ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ "ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ ސިސްޓަމުގައި ރަޖިސްޓަރީވުމާއި، އެ ސިސްޓަމް ބޭނުންކުރުމުގެ އުސޫލު"ގެ ފަސް ވަނަ މާއްދާގައި ބަޔާންކުރާ ތަމްރީން "ސެޓްފިކެޓް އިން އެމްޕްލޯއިމެންޓް އިންޓަމީޑިއަރީސް ކޯސް" ފުރިހަމަކޮށް ސަނަދު ހޯދުމުގެ ފުރުސަތު، އެ މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހުޅުވާލާފައިވާ ކަމަށެވެ.

އެ ކޯހުގެ މަގްސަދަކީ ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމާއި އެ ބިދޭސީންނާ ގުޅޭ ކަންތައްތައް ބެހެލެއްޓުމުގައި ރިޕްރެޒެންޓޭޓިވްސްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ކިޔައިދީ، އެފަރާތްތަށް ކުރުން ލާޒިމްކުރާ ކަންތައްތަކާއި ޒިންމާތައް އަންގަދިން ކަމަށް އިކޮނިމިކް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުރުން ކޯހުގައި، މަސައްކަތު މާހައުލުގައި ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލު ކުރެވޭނެ ގޮތްތަކާއި ލިބިދޭ ހައްގުތަކަށް ރިޕްރެޒެންޓޭޓިވްސް އަހުލުވެރިކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސެޓްފިކެޓް އިން އެމްޕްލޮއިމަންޓް އިންޓަމީޑިއަރީސް ކޯހުގެ މުއްދަތަކީ ފަސް ހަފްތާއެވެ. މި ކޯހުގެ ފުރަތަމަ ބެޗް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި އަދި އަންނަ އޮގަސްޓު މަހުއެވެ. ކޯހުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުގައި 600 ރުފިޔާ އަދި އެގްޒާމް ފީގެ ގޮތުގައި 200 ރުފިޔާ ނެގާނެއެވެ.

"އެކްސްޕެޓް އޮންލައިން ސިސްޓަމް" ގައި ރަޖިސްޓްރީވެ ސިސްޓަމް މެދުވެރިކޮށް ހިދުމަތްތަކަށް އެދޭ ރިޕްރެޒެންޓޭޓިވްސްގެ ތެރެއިން 10 ބިދޭސީންނަށްވުރެ ގިނަ ބިދޭސީންގެ ކަންތައްތައް ބަލަހައްޓާ ހުރިހާ ރިޕްރެޒެންޓޭޓިވްސްއަށް، 2022 ގެ ޖެނުއަރީ އިން ފެށިގެން "އެކްސްޕޯޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ހިދުމަތް ދެވޭނީ ކޯސް ފުރިހަމަކޮށް، ސަނަދު ލިބުމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ކޯހަށް ޝައުގުވެރިވެރިވާ ފަރާތްތަކުން އެމްއެންޔޫގެ ދަރިވަރުންގެ އިދާރީ ހިދުމަތްތަކާބެހޭ ބަޔަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 24 ވަނަ ދުވަހެވެ. ގައުމީ ޔުނިވާސިޓީގެ ރަސްމީ އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް ފޯމު ބަލައިގަތުން ކުރިއަށްދާނެއެވެ.

comment ކޮމެންޓް