އުއްތަމަ ފަނޑިޔާރު މިއަދު ތުރުކުރެއްވީ ފަތުހުﷲ ޖަމީލް ދެއްވި ޓައީއެއް

އުއްތަމަ ފަނޑިޔާރު، ފަތުހުﷲ ޖަމީލް ދެއްވި ޓައީ ތުރުކުރައްވައިގެން--- ފޮޓޯ:ރައީސް އޮފީސް

ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތުކޮށް، ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ނަމުގައި އެތަން ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ތުރުކުރައްވައިގެން ހުންނެވީ ފަތުހުﷲ ޖަމީލް ހަދިޔާކުރެއްވި ޓައީއެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަކީ މެދު ނުކެނޑި 18 އަހަރު ފޮރިން މިނިސްޓްރީއަށް ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

ފޮރިން މިނިސްޓްރީގައި 18 އަހަރު މަސައްކަތް ކުރެއްވުމަށްފަހު ވަކިވެވަޑައިގެންނެވި ދުވަހު ފޮރިން މިނިސްޓްރީގެ މުވައްޒަފުން އުއްތަމަ ފަނޑިޔާރަށް އެރުވީ ޓައީއެއް ކަމަށާއި އެ ޓައީ ރައްދުކޮށްދެއްވީ އަބްދުﷲ ޖަމީލްކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ފަނޑިޔާރު މުއުތަސިމް މިއަދު ތުރުކުރައްވައިގެން ހުންނެވީ އެ ޓައީކަން މިނިސްޓަރު ޝާހިދު ފާހަގަ ކުރެއްވިއެވެ.

"އެ ޓައީ އުއްތަމަ ފަނޑިޔާރަށް އެދުވަހު ރައްދު ކޮށްދެއްވީ އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ޖަމީލް. މިއަދު އުއްތަމަ ފަނޑިޔާރު މަނިކުފާނު އެ ޓައީ ތުރު ކުރައްވައިގެން ހުންނެވީތީ އަޅުގަނޑުމެން މަނިކުފާނު ކިބައިން ފަހުރުވެރިވަން." މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު، ފަތުހުﷲ ޖަމީލް ދެއްވި ޓައީ ތުރުކުރައްވައިގެން--- ފޮޓޯ:ރައީސް އޮފީސް..

ފަތުހުﷲ ޖަމީލް ވަނީ ފޮރިން މިނިސްޓަރުކަމުގައި 27 އަހަރު ގައުމަށް ހިދުމަތް ކޮށްދެއްވާފައެވެ. ފޮރިން މިނިސްޓްރީގެ ނަން "ފަތުހުالله ޖަމީލް ބިލްޑިން" ގެ ނަމަށް ބަދަލުކޮށްފައިވަނީ އެމަނިކުފާނުގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

comment ކޮމެންޓް