ޕާކިސްތާނުގެ ކުރީގެ ރައީސް މަމްނޫން ހުސައިން އަވަހާރަވެއްޖެ

ޕާކިސްތާނުގެ ކުރީގެ ރައީސް މަމްނޫން ހުސައިން --

އިސްލާމްއާބާދު (ޖުލައި 15): ޕާކިސްތާނުގެ ކުރީގެ ރައީސް މަމްނޫން ހުސައިން ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަވަހާރަވެއްޖެއެވެ.

މަމްނޫން ހުސައިން ގެންދެއްވީ މިދި ޔައަހަރުގެ ކުރީކޮޅުން ފެށިގެން ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ. އޭނާގެ އާއިލާއާ ހަވާލައިދީ ރިޕޯޓުތައް ބުނާގޮތުން މަމްނޫން ހުސައިން އަވަހާރަވީ ކުއްލި ގޮތަކަށް ހާލުކޮޅު ދަށަށް ދާން ފެށުމަށްފަހު އިއްޔެގެ ވަގުތެއްގައެވެ.

މަމްނޫން ހުސައިން އުފަންވެވަޑައިގަތީ 1940 ވަނައަހަރު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އާގަރާގައެވެ. އޭރު އިންޑިއާ އޮތީ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައެވެ. އިންޑިއާ އިނގިރޭސި އިސްތިއުމާރުން މިނިވަންވެ އިންޑިއާއާއި ޕާކިސްތާން މިނިވަން ދެ ގައުމުގެ ގޮތުގައި ވުޖޫދަށް އައީ 1947 ވަނަ އަހަރުއެވެ.

ޕާކިސްތާން ވަކި ދައުލަތެއްގެ ގޮތުގައި އުފެދި މިނިވަންކަން ލިބުމާއެކު 1947 ވަނައަހަރު މަމްނޫން ހުސައިން އޭނާގެ އާއިލާއާއެކު ޕާކިސްތާނަށް ހިޖުރަކުރެއްވިއެވެ.

މަމްނޫން ހުސައިން ޕާކިސްތާނުގެ ރައީސްކަމުގެ މަގާމު އަދާކުރެއްވީ 2013 ވަނަ އަހަރުން 2018 ވަނަ އަހަރަށެވެ. އުމުރުފުޅުން 80 އަހަރުގައި އަވަހާރަވި މަމްނޫން ހުސައިންއަކީ ޕާކިސްތާނުގެ 12 ވަނަ ރައީސެވެ. އޭނާ ސިޔާސީ ގޮތުން ނިސްބަތްވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ޕާޓީކަމަށްވާ ޕާކިސްތާން މުސްލިމް ލީގް (ނަވާޒް) އަށެވެ.

މަމްނޫން ހުސައިން އަވަހާރަވީ އިރު އަނބިކަނބަކުންނާއި ދަރިކަލަކު ދުނިޔޭގައި އެބަ ހުންނެވިއެވެ.

comment ކޮމެންޓް