ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

ޓިމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ބޭންކުގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނަމަަވެސް އަދަދު ބޮޑުކުރުމަށް ހަމަޖެހިފައިވާ ސީދާ އަދަދެއް އޭނާ ހާމަކޮށްފައި ނުވެ އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމާއެކު ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ އަދަދަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ވަނީ ބަދަލުގެނެސްފަ އެެވެ.

އެ ނިންމުން ބޭންކުން ނިންމިއިރު ރާއްޖޭން ބޭރަށްދާ ޑޮލަރުގެ ނިސްބަތުން ހުރި ކަންބޮޑުވުމާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރަށް އިސްކަންދިނުން އޮތީ މުހިންމުވެފަ އެވެ.

މިހާރު ބޭންކުގެ ކްރެޑިޓް އަދި ޑެބިޓް ކާޑަށް ކަނޑައެޅިފައިވާ ލިމިޓަކީ ކޮންމެ މަހަކު ކާޑަކަށް 250 ޑޮލަރުގެ ލިމިޓެކެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3,000 ޑޮލަރާ ހަމަޔަށް ކާޑުން މުއާމަލާތް ކުރެވެ އެވެ. އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ކޮންމެ ކާޑަކަށް މަހަކު 750 ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައެޅިފައެވެ.

މީގެ އިތުރުން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ކާޑުން ފައިސާ ދެއްކުމަށް ބީއެމްއެލްއިން އަންނަނީ އެހީތެރިވަމުންނެވެ.

comment ކޮމެންޓް