ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި ބީއެމްއެލް މުހިންމު ދައުރެއް އަދާކުރި: ޓިމް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ-- ފޮޓޯ/ބީއެމްއެލް

ކޮވިޑް19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި ބީއެމްއެލްއިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޓިމް ވަނީ ކޮވިޑްގެ ބަލިމަޑުމަކުގައި ގައުމަށް އެހީވުމަށް ބޭންކުން އަދާކުރި މުހިންމު ދައުރު ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ގެއްލުން ކުރިން ދެނެގަނެވި، ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވެނުދިނުމަށް ބީއެމްއެލް އިން ހަތަރު ކަމެއްގެ މައްޗަށް ސްޓްރެޓަޖީއެއް އެކުލަވާލިކަމަށް ޓިމް ވިދާޅުވި އެވެ. އެ ހަތަރު ކަމަކީ؛

  1. މި ދަނޑިވަޅުގައިވެސް މެދުކެނޑުމެއްނެތި ބޭންކިން ހިދުމަތް ދިނުން
  2. ކޮޮވިޑްގެ ސަބަބުން މާލީ ގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓާމް ފައިނޭންސިންއެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުން. އަދި ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި ބޭންކުން އެހީތެރިވެދިން. އެގޮތުން އީއައިބީ ކޮވިޑް19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވި.
  3. ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝަރު ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިން ރާއްޖޭން ބޭރުން ހޯދުން. އެގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވޭ
  4. މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރު ފައިސާގެ ރިޒާވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރި.

ޓިމް ވިދާޅުވީ މިހާރު މިތިބީ މިދިޔަ އަހަރުގެ މި ހިސާބުގައި ތިބި ހާލަތަށްވުރެ ރަނގަޅު ހާލަތެއްގައި ކަމަށާއި މި އަޑިގަނޑުން އަރައިގަނެވޭނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެންނަށް އުނދަގޫތަކާ ކުރިމަތިވާނެ. މިއާއެކުވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި. މުޅިން އަލަށް ތައާރަފް ކުރެވޭ އައު ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރެވިގެންދާނެ. ނަމަވެސް އެންމެ މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ބޭންކުގެ ސްޓްރެޓަޖީ ހިމެނޭ ކަންކަން ފުރިހަމަކުރާނެ ރަނގަޅު ޓީމެއް ބޭންކުގައި އޮތްކަން." ޓިމް ވިދާޅުވި އެވެ.

ބީއެމްއެލްގެ އޮޑިޓްކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ އެކުންފުންޏަށް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް