ސަރުކާރުގެ ތެރެއިން އާ ޕާޓީތައް އުފެދުމުން ޕީޕީއެމްއަށް ތާއީދު އިތުރުވާނެ: ޕީޕީއެމް

އޭޕްރީލް 10، 2021: ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުން، އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ހޯދީ ކާމިޔާބީ ޕީޕީއެމް އޮފީސްކައިރީގައި ފާހަގަކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ކޯލިޝަންގައި ތިބި ބަޔަކު އާ ޕާޓީތަށް އުފެއްދުމުން، އިދިކޮޅު ޕީޕީއެމް އަށް އޮތް ތާއީދު ދާނީ އިތުރުވަމުން ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އެމްއާރުއެމްގެ ބައެއް މެންބަރުން އެ ޕާޓީތަކުން ވަކިވެ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

ޝިޔާމް "ސަން" އަށް ވިދާޅުވީ އާ ޕާޓީތަށް އުފެދުމުން ޕީޕީއެމްއަށް ތާއީދު ކުޑަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ގެއްލިގެންދާނީ ސަރުކާރާއި އާ ޕާޓީތަކަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރަށާއި އާ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އިދިކޮޅު ޕީޕީއެމްއަށް އޮތް ލޯތްބާއި ތާއީދު ކުރިއަށް އޮތް ތަނުގައި ދާނީ އިތުރުވަމުން ކަމަށެވެ.

"އެކި އެކި ވާހަކަތައް ދައްކައި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ވައުދުވެގެން އައި ބަޔަކަށް ތިން އަހަރު ވެގެން ދިޔަ އިރުވެސް އެކަމެއް ހާސިލެއް ނުވި. ތިއްބައި އަނެއްކާ މި ނިކުންނަނީ އެމީހުންގެ [ސަރުކާރުގެ] ތެެރެއިން ބޭފުޅުން ޕާޓީ ހައްދަވަން. އެހެންވީމަ އަޅުގަނޑުމެންނަށް އޭގެން އަންނާނެ އަސަރެއް ނޯންނާނެ. އެއާ ހިލާފަށް އެ ބޭފުޅުންނާ ދޭތެރޭ ރައްޔިތުން ކުރި އުންމީދުތަކާއި އިތުބާރު ގެއްލޭނެ. އޭގެ މާނައަކީ އޭގެ ސަބަބުން ޕީޕިއެމް އަށް އޮތް ރައްޔިތުންގެ ތާއީދު އިތުރުވެގެން ދާނެ މި ހިނގާ އަމަލުތަކުގެ ސަބަބުން," ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ރަނގަޅު ނިޔަތެއް އޮވެއްޖެ ނަމަ، ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ފެނުމުން ޕާޓީ "އެއްލާލާފައި" ދިއުމުގެ ބަދަލުގައި މަސައްކަތް ކުރާނީ ކަންކަން އިސްލާހު ކުރުމަށް ކަމަށެވެ.

ޕާޓީއަކީ ރައްޔިތުންނާ އެކީ ވާ "އިޖްތިމާއީ ވައުދެއްކަން" ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އެ ޕާޓީގައި ހުރުމަށްފަހު ރައްޔިތުންނަށް ހިދުމަތްކުރުމުގެ ނަމުގައި އަނެއްކާވެސް އާ ޕާޓީއެއް ހެދުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަަމެއް ކަމަށެވެ.

comment ކޮމެންޓް