އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ މުރާޖާ ކުރަން އެދިއްޖެ

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ޖިންސީ ގޯނާގެ ބޮޑެތި މައްސަލަ ތަކެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަަރު އަލީ ވަހީދުގެ ޕާސްޕޯޓު ކެންސަލް ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ޕީޖީން ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަންނަން ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އޮފީހުން ހުށަހަޅައިފިއެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު "ސަން" އަށް ވިދާޅުވީ ޕީޖީގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ބަލައިނުގަތުމަށް ރެޖިސްޓްރާ ނިންމެވި ނިންމުން ރިވިއު ކޮށްދިނުމަށް އެދި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑު މެންނަށް ފެންނަ ގޮތުގަ ޕާސްޕޯޓް ހިފެހެއްޓުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ހައިކޯޓުގަ ކުރިއަށް ގެންދެވޭނެ،" ޝަފީއު ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތް ކަމަށް ކޯޓަށް ނުފެންނާތީ އެ އަމަރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ ނިންމަވާފައެވެ.

އަލީ ވަހީދު ރާއްޖެއިން ފުރީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އޭނާއަށް ޖާމިނުވުމަށް އެއްބަސްވުމާ އެކުގައެވެ.

comment ކޮމެންޓް