ގޮދަންފުށް ފެކްޓްރީގެ މަސައްކަތް ދަނީ ކުރިޔަށް: އަމްރު

އޭޕްރީލް 22، 2020: އެސްޓިއޯ ކާޑު ކުދަނުން، ކާޑުގެ ބާވަތްތައް ލޮރީއަށް އެރުވުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއިން ގާއިމްކުރާ ގޮދަންފުށް ފެކްޓްރީގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށްދާ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އަމްރު "ސަން"އަށް ވިދާޅުވީ މިހާރުކުރިޔަށް ދަނީ ފެކްޓްރީ ގާއިމްކުރުމަށް ކުރިޔަށް ގެންދަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި އެސްޓީއޯއިން އަންނަނީ ގިނަ ކަންކަން ކުރަމުންނެވެ.

އަމްރު އިތުރަށް ވިދާޅުވީ މި ފެކްޓްރީގެ ސަަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ތާޒާކަންމަތީ ގޮދަންފުށް ލިބިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.

އަދި މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ

ގޮދަންފުށް ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަން އަމްރު ހާމަކުރައްވާފައި ވަނީ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

comment ކޮމެންޓް