އެސްޓީއޯއިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަނީ

ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯއިން އަލަށް ހުޅުވި ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)އިން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލަން ނިންމައިފައިވާކަމަށް އެ ކުންފުނީގެ މެނޭޖިންގެ ހުސައިން އަމްރު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަމްރު "ސަން"އަށް ވިދާޅުވީ ފުރަތަމަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލާނީ ހުރިހާ ފާމަސީތަކުން ކަމަށެވެ. އެގޮތުން ފާމަސީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުގެ ބަދަލުގައި ދެން ބޭނުންކުރާނީ ކަރުދާސް ކޮތަޅުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ނިންމުން ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

"މިކަން އަޅުގަނޑުމެން ކޮށްފިކަމަށް ވަނީ ނަމަ އެއް އަހަރު ދުވަސްތެރޭގައި އެއް މިލިއަން ރުފިޔާގެ ކޮތަޅު އަޅުގަނޑުމެންނަށް ނުގެނެސްވާނެ." އަމްރު ވިދާޅުވިއެވެ.

ހަމައެއާއެކު މި ނިންމުމަކީ ޕްލާސްޓިކާއި ވެއްޓަށް ގެއްލުންދޭ ބާވަތްތައް އެތެރެކުރުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއްކަމަށްވެސް އަމްރުވަނީ ވިދާޅުވެފައެވެ.

އދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވައި އެކަން އިއުލާނުކުރައްވާފައެވެ.

comment ކޮމެންޓް