އަފްގާނިސްތާނުގެ ސަރުކާރާއި ތާލިބާނުން ސުލްހައިގެ ވާހަކަތައް ބާއްވަނީ

އަފްޣާނިސްތާނުގެ ސަރުކާރުން ދަނީ ތާލިބާނާ އެކު ސުލްހައިގެ ވާހަކަތައް ބާއްވަމުން ތައްޔާރު ވަމުން ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި -- ފޮޓޯ: ރޮއިޓާސް

ކާބުލް (ޖުލައި 14): އަފްގާނިސްތާނުގެ ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ ޑެލިގޭޝަނަކާއި ތާލިބާން ޖަމާއަތުން ގަތަރުގައި ސުލްހައިގެ މަޝްވަރާތައް ބާއްވަން ނިންމާފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

އޭޕީއަށް މައުލޫމާތު ދިން އޮފިޝަލު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހު ބާއްވާނެ ކަމަށް ބެލެވޭ އެ ބައްދަލުވުމުގައި، އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް އެކުލަވާލާފައިވާ ރީކޮންސިލިއޭޝަން ކައުންސިލްގެ ވެރިޔާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ތާލިބާނުގެ ލީޑަރުންވެސް އެ މަޝްވަރާތަކަށް ގަތަރަށް ވަޑައިގަންނަވާނެ އެވެ.

އަފްގާން ސަރުކާރާއި ތާލިބާނުން ސުލްހައިގެ ވާހަކަތައް ބާއްވަނީ އެގައުމުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށްގެންދަނިކޮށެވެ.

އެމެރިކާއިން އެގައުމުގެ ސިފައިން އަފްގާނިސްތާނުން ބާލަން ފެށީ، އެމެރިކާއިން ތާލިބާނާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ތާލިބާނުން ވަނީ އެ ޖަމާއަތުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި އަލް ގައިދާ ފަދަ ޖަމާއަތްތަކުން ހަމަލާ ދިނުން ހުއްޓުވުމަށާއި ގައުމީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްބަސްވެފަ އެވެ.

އެމެރިކާއިން އެއްބަސްވީ މި އަހަރުގެ މެއި އެކެއްގެ ކުރިން އެގައުމުގެ ހުރިހާ ސިފައިން އަނބުރާ ގެންދިޔުމަށެވެ. ނަމަވެސް ފަހުން އެމެރިކާއިން ވަނީ އެ ތާރީހު އަންނަ ސެޕްޓެމްބަރު 11 އަށް ބަދަލުކޮށްފަ އެވެ. އެއީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަންއަށް އަމާޒުކޮށް 2001 ވަނަ އަހަރު ދިން ހަމަލާއަށް 20 އަހަރު ފުރޭ ދުވަހަށެވެ.

އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށި ފަހުން ތާލިބާނުން ވަނީ އެގައުމުގެ ބޮޑު ބައެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭގެއިން ގިނަ ސަރަހައްދުތައް ތާލިބާންގެ ބާރުގެ ދަށަށް ގެންދިޔަ އިރު އަފްގާން ސަލާމަތީ ފައުޖުތަކާ ދެމެދު މާ ބޮޑު ކުރިމަތިލުމެއް ނުހިނގާ ކަމަށާއި އެގައުމުގެ 1،000އަށް ވުރެ ގިނަ ސިފައިން އަވަށްޓެރި ތަޖިކިސްތާނަށް ފިލާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް