ހިޔާ ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި

ޖޫން 28، 2021: ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގ ތަޅުދަނޑިތަކެއް - އެޗްޑީސީން ވަނީ ފްލެޓު ލިބުނު މީހުންނަށް ފްލެޓުތައް ދައްކާލާފައި. އެތްތަނުގެ އެގްރިމެންޓުތަކުގައި މިއަދު ސޮއިކުރަން ފަށާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.

އެގޮތުން މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވަނީ ޓަވަރު-9 އިން ފުލެޓު ލިބިފައިވާ 118 ފަރާތަކާއެކުއެވެ.

އެ ފަރާތްތަކުގެ ލިސްޓު އެޗްޑީސީއިން އާންމުކޮށްފައި ވާއިރު، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލޭ ހުރަވީ ސްކޫލު ހޯލްގައި، މިއަދު ހެނދުނު 9:45 އިން ފެށިގެން 12:00 އަށެވެ.

އެޗްޑީސީ އިން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯމާއި، ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކަށް ކަަމަށެވެ.

ސޮއި ކުރުމުގެ ކަންތައްތައް ފަސޭހަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން ލިސްޓްގައިވާ ގޮތަށް އެފަރާތަކަށް ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް ސަމާލުކަން ދިނުމަށް އެޗްޑީސީ އިން ވަނީ އެދިފައެވެ.

އެގޮތުން ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންޖެހޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވާ އޮފް އެޓަރނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވާންޖެހޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޯވިޑް19ގެ ހާލަތާއި
ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" އަމިއްލައަށް ގެނައުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އޭގެ އިތުރުން ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް
ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުސަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި ކަމަށް އެޗްޑީސީ އިން މައުލޫމާތު ދެއެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށްފައިވާ 6،720 ފުލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ. އަދި އެއީ މިހާތަނަށް ރާއްޖޭގައި ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.

ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައި މިވަނީ ފުލެޓުތަށް ނުލުބި ލަސްވާތީ ގިނަ ބައެއްގެ ޝަކުވާ ކޮށްފައި ވަނިކޮށެވެ. ނަމަވެސް އެ މަޝްރޫއުގެ ދަށުން ފުލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމާފައި ނުވާތީ އަނެއްކާވެސް ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.

comment ކޮމެންޓް