އުރީދޫ އަތޮޅު ދުވުން: އޯގަސްޓްގައި ފެށެނީ، އަވަހަށް ރެޖިސްޓްރީ ކުރައްވާ!

އުރީދޫ މޯލްޑިވްސްގެ ފަރާތުން "އުރީދޫ އަތޮޅު ދުވުން" 2021 އިއުލާނުކޮށް ބައިވެރިން ރެޖިސްޓާ ވުމުގެ ފުރުސަތު އޮންލައިން ޕޯޓަލް: ore.do/regstr މެދުވެރިކޮށް މިއަދު ހުޅުވާލައިފިއެވެ.

މި އަހަރުގެ އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތް ތަކުގެ ތެރޭގައި އިތުރު ފުރިހަމަ ކަމާއިއެކު މި ވަރޗުއަލް ރަން ބާއްވަން ހަމަޖެހިފައިވަނީ މިރަންއަށް ލިބިފައިވާ ބޮޑު ތަރުހީބާއެކު ދުރުގައި ތިއްބެވި ކަސްޓަމަރުންނަށް ވެސް ބައިވެރި ވެވޭނެ އިވެންޓަކަށް ހެދުމަށް ކަމުގައި އުރީދޫން އިން ބުންޏެވެ.

އުރީދޫ އިން ބުނީ މިއަހަރުގެ ރަންގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރެވުނު 10 ކިލޯމީޓަރުގެ ކެޓެގަރީ އަށް ރެޖިސްޓާ ވުމުގެ ފުރުސަތުވެސް ވަނީ މިހާރު ހުޅުވާލާފައި ކަމަށެވެ.

"ދެ ކެޓެގަރީގައި ބައިވެރި ވުމަށް ބޭނުންފުޅުވާ ދުވުންތެރިން ދެ ކެޓެގަރީ އަށް ވަކިން 27 ޖުލައި 2021 ދުވަހުގެ ހަވީރު 6ގެ ކުރިން ރެޖިސްޓާވެ، މުޅިއެކު 15 ކިލޯމީޓަރު ފުރިހަމަ ކުރަންޖެހޭނެ،" އުރީދޫ އިން ބުންޏެވެ.

އުރީދޫ އަތޮޅު ދުވުމަކީ، އެކަނި ވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއި އެކުގައިވެސް، ގައިދުރު ކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.

ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ މި ދުވުމުގައި ބައިވެރިވާ ފަރާތްތަށް، އެކެއް އޯގަސްޓް އާ ހަތެއް އޯގަސްޓާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަ ކުރެވޭނެއެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށިގެން ދިޔައީ 2020ވަނަ އަހަރު އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރާއްޖެ އާ ރާއްޖެއިން ބޭރުގެ އެކި ހިސާބު ތަކުން ފަސްހާހައް ވުރެ ގިނަ ބައިވެރިންނާއި އެކުގައެވެ.

"އަތޮޅު ދުވުން އަޅުގަނޑުމެން ފުރަތަމަ ބާއްވާފައިވަނީ އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން މިދިޔަ އަހަރު،" އުރީދޫ އިން ބުންޏެވެ.

ވާޗުއަލް ރަން އެއްގެ ގޮތުގައި މި ރަން ފަރުމާ ކޮށްފައިވަނީ ޕެންޑެމިކް އާ ގުޅިހެން އެންމެން އެއްތަންވެގެން އުޅެވެން ނެތުމުގެ ސަބަބުން ކަމުގައި އުރީދޫ އިން ބުންޏެވެ،

"އަތޮޅު ރަންގެ މައިގަނޑު މަގްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރި ކަމާއި އެއްބައިވަންތަ ކަމުގެ ރޫހު ދައްކައި ދިނުން. އެއް އިވެންޓެއްގައި އެކި ކަންކޮޅު ތަކުން ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލުމުން މި ދުވުމަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެންދިޔަ. އެހެންކަމުން މި އަހަރު އުރީދޫގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން މި ފުރުސަތު އަޅުގަނޑުމެން މި ހުޅުވާލަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އެއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ އުއްމީދުގައި،" ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ޑިޖިޓަލް ބިބް އަދި ކޮންފަރމޭޝަން މެސެޖެއް ލިބިވަޑައިގަންނަވާނެއެވެ.

ރެޖިސްޓާ ކޮށްފައިވާ ދުވުންތެރިން، އެބޭފުޅެއްގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެއެވެ.

ފިސިކަލް މެޑަލް ބޭނުންވާ ފަރާތް ތަކަށް ކުޑަ އަގަކާއިއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑް ކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަ ދޭނެއެވެ.

މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރި ވުމަށް އުރީދޫއިން މަރުހަބާ ކިޔައެވެ.

މި ވަރޗުއަލް ދުވުމުގެ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެން ދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް