ސިއްހީ ދާއިރާ ޑިޖިޓަލްކުރުމަށް ދިރާގާއި ސެމްސަންގެ ފަރާތުން 60 ގެލެކްސީ ޓެބްލެޓް ހަދިޔާކޮށްފި

ދިރާގާއި ސެމްސަންގެ ފަރާތުން ރާއްޖޭގެ ސިއްހީ ނިޒާމަށް 60 ގެލްކްސީ ޓެބްލެޓް ހަދިޔާ ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ކޮވިޑް-19 ގެ މި ހާލަތުގައި ރާއްޖޭގެ ސިއްހީ ނިޒާމް ޑިޖިޓަލައިޒްކުރުމަަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދިރާގާއި ސެމްސަންގެ ފަރާތުން 60 ގެލްކްސީ ޓެބްލެޓް ހަދިޔާކޮށްފިއެވެ.

ދިރާގުގެ މި އެހީގެ ހަދިޔާ ދިނުމަށް މިއަދު ވަނީ ވާޗުއަލް ބައްދަލުވުމެއް ބާއްވާފައެވެ. އަދި ޓެބްލެޓްތައް ވަނީ ހެލްތު މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެގޮތުން މި އެހީގެ ދަށުން ލިބުނު ޓެބްލެޓްތަކުގެ ތެރެއިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ވެސް ޓެބްލެޓް ދިނުމަށް ވަނީ ނިންމާފައެވެ.

ޓެބްލެޓްތައް ހަދިޔާކުރުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ދިރާގާއި ސެމްސަން އަށް ވަރަށް ހާއްސަ ޝުކުރެއް ރައްދުކުރައްވާފައެވެ.

"މި ފުރުސަތުގައި ދިރާގާއި ސެމްސަން އިން މި ފަދަ ހާލަތެއްގައި ވެދެއްވި އެހީ އަދި ބެހެއްޓެވި ދީލަތިކަމަށް ސަރުކާރުގެ ފަރާތުން، އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ކޮވިޑް ގެ މި ހާލަތުން އަރައިގަތުމަށް ރާއްޖޭގެ ސިއްހީ އިދާރާތަކުން ކުރާ މަސައްކަތް ފާހަގަރައްވާފައެވެ. އަދި ހަމަ އެއާއެކު އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތް ފާހަގަކޮށް މިނިސްޓަރަށާއި ސިއްހީ ހިދުމަތްތެރީންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ސެމްސަން ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ސުންގްސޫ ޔޫ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގާއެކު ސަރުކާރަށް އެހީވުމުގެ ފުރުސަތު ލިބުނީތީ އުފާކުރައްވާކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ދިރާގުން އަބަދުވެސް އަންނަނީ އެ ކުންފުނީގެ ފަރާތުން މުޖުތަމައަށް ފައިދާހުރި ތަފާތު އެކިއެކި ކަންކަންކުރަމުންނެވެ. އަދި ކޮވިޑް-19 ގެ މި ދަނޑިވަޅުގައިވެސް ސަރުކާރަށް ގިނަ ގޮތްގޮތުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް