ފާއީގެ ތަފާތު ވާހަކައެއް، ދިވެހިވަންތަ ތާސްބައެއް!

އަބްދުﷲ ފާއިހް ފަޒީލް: ރާއްޖޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ މިފަހަރު ތައްޔާރުކުރީ އަމިއްލަ ދިވެހި ކާޑް ސެޓެއް

އަބްދުﷲ ފާއިހް ފަޒީލް ނުވަތަ އާންމު ނަމުން ނަމަ ފާއީ އޭ ބުނުމުން މިހާރު ގިނަ ބަޔަކަށް އެއީ ކާކު ކަން އެނގޭނެއެވެ. ރާއްޖޭގެ ކުޅިވަރުގެ ވާހަކަ ބަލައި އުޅޭ މީހަކަށް ފާއީ ނޭނގިއެއް ނުހުންނާނެއެވެ. ރާއްޖޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ފާއީ އަކީ ވަރަށް ގިނަ ހުނަރުތައް ހުރި ޒުވާނެކެވެ. މިފަހަރު ތަފާތު ކަމެކެވެ. މިފަހަރު ފާއީ މި ދައްކާލަނީ ތަފާތު ކްރިއޭޓިވް ހުނަރެކެވެ. ދިވެހި ރަހަތައް ފެނިގެންދާ ދިވެހި ތާސްބައެކެވެ.

ފާއީގެ ޝެޑިއުލް ފުދޭ ވަރަކަށް ބިޒީއެވެ. ހަމަގައިމު ވެސް ރާއްޖޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ އެތައް ގަޑިއިރެއްގެ މަސައްކަތެވެ. ނަމަވެސް މިފަހަރު ފާއީގެ ޓެނިސް ކުޅުމުގެ ހުނަރު އިހަށް ބާއްވަމާ ހިނގާށެވެ. ފާއީއަކީ ތަފާތު ހުނަރު ދައްކާލެވޭނެ ޒުވާނެއް ކަން މިއަދު މިއޮތީ ދައްކާލާފަ އެވެ.

އުމުރުން 26 އަހަރުގެ ފާއީ ވަނީ ދާދި ފަހުން "ތާސް އެމްވީ" ނަމަކަށް ކިޔައި ބްރޭންޑެއް ލޯންޗުކޮށްފައެވެ. ނަމުގައި ވާހެން މި ބްރޭންޑުން އުފެއްދީ ތާސްބައެކެވެ. ނަމަވެސް މި ތާސްބައި މިއީ މުޅިން ދިވެހިވަންތަ ތާސްބައެކެވެ. މި ތާސްބައި ޚާއްސަ ވަނީ މި ސަބަބާ ގުޅިގެންނެވެ.

ކުޅިވަރުން ލިބޭ ހުސްވަގުތު ފާއީ އެންމެ ކުރާހިއްވާ އެއް ކަމަކީ ކުރެހުމެވެ. ކުރެހުމަށް އޮތް ލޯތްބަކީ ތާސްއެމްވީގެ ފެށުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދިވެހި ތާސްބައެއްގެ ޚިޔާލު އުފެދިގެން އައީ އޭނާގެ އެކުވެރިޔެއް ކަމަށްވާ މަޝްހޫރު މެޖީޝިއަން އަހުމަދު ޝަމަން އާ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ.

"އަސްލު ޝަމަން އާ ދެމެދު ދެކެވުނު ވާހަކައާ ގުޅިގެން މި މަސައްކަތް ކުރުމުގެ ހިޔާލު އުފެދުނީ. އޭނާ ބުނި ޝޯތަކުގައި ދިވެހި ކާޑް ޑެކެއް ބޭނުން ކުރަން ބޭނުންވާ ވާހަކަ. އެހެންވެ ހިތަށް އެރީ މިކަން ޓެސްޓް ކޮށްލާނީ އޭ،" ފާއީ ކިޔައިދިނެވެ.

ނަމަވެސް އަމިއްލަ އާޓްވޯކްތަކެއް އުފައްދައި ދިވެހިވަންތަ، ދިވެހި ރަހަތައް ހުންނާނެ ކާޑު ސެޓެއް ހެދުމަކީ ހީކުރިހާ ފަސޭހަ ކަމަކަށް ފާއީއަކަށް ނުވިއެވެ. ދިވެހި ތާސްބައި ހަގީގަތަކަށް ވީ އެތައް ފަހަރަކު ފެއިލް ވުމަށްފަހުގައެވެ.

ފުރަތަމަ ކާޑް ޑެކް ހަދަން އުޅުމުގެ ތެރޭގައި އޭގެ ސްޓައިލް އެތައް ފަހަރަކު ފާއީ ވަނީ ބަދަލުކޮށްފައެވެ. އަދި އެ ހުރިހާ ކަމެއް އުނދަގުވެގެން މަސައްކަތް އެއްކޮށް ހުއްޓައިވެސްލިއެވެ. އަދި އެތައް މަހެއް ވަންދެން މަސައްކަތް ކުރިއަށް ނުގޮސް އޮވެ އަނެއްކާ ވެސް ލިބުނު ހިޔާލަކާއެކު އަލުން އާޓްވޯކްތަކުގެ މަސައްކަތް ފާއީ ފެށީ އާ އުއްމީދަކާއެކުގައެވެ.

"އެތައް ފަހަރަކު މަސައްކަތް ހުއްޓާލުމަށްފަހު އަލުން ހަމަ އެއްކޮށް ފަށައިގެން މަސައްކަތް ކުރިން. މިހާރު އެންމެ ފަހުން ފައިނަލް ވެފައިވާ ޑިޒައިނަކީ އެތައް މަހެއްގެ ޑިޒައިން،" ފާއީ ކިޔައިދިނެވެ.

އެންމެ ފަހުން ފައިނަލްވި ޑިޒައިނުން ހަމަގައިމު ވެސް ދިވެހި ރަހަތައް ޚާއްސަކޮށް ސަގާފީ ހަނދާންތައް އާކޮށްދޭނެއެވެ. ޕްލާސްޓިކް ތާސްބައިގެ ފަހަތް ޑިޒައިން ކޮށްފައިވަނީ ދިވެހި ލޯމާފާނުގެ ޑިޒައިނާ އެއްގޮތަށެވެ. ތާސްބައެއްގެ އެންމެ މުހިންމު ކާޑުތަކަކީ ބިބީ އާއި ބާސާއެވެ. މި ކާޑުތަކަށް ތަފާތު ޚިޔާލުތަކެއް ހޯދުމަށް ފާއީ ބޭނުންވިއެވެ. މިކަމަށް ބޭނުންކުރީ ދިވެހި ތާރީހުން ފާހަގަކޮށްލެވޭ ފަރާތްތަކާއި ދިވެހި ހެދުންތަކެވެ.

ނަމަވެސް މިހާ ހިސާބުން ނިމުނީއެއް ނޫނެވެ. ޖޯކާ ކާޑަށް ފާއީ ބޭނުންކުރީ ވެސް ދިވެހި ސަގާފަތާ ގުޅުންހުރި ކެރެކްޓަރެކެވެ. އެއީ ކޮންމެ އީދެއްގައި ރާއްޖެއަށް އަރާ މާލިއެވެ. އަދި އެންމެފަހުން މަންނަ ކާޑުތަކަށް ވެސް ފާއީ ބޭނުންކޮށްފައިވަނީ ރާއްޖޭގެ މާހައުލު ސިފަކޮށްދޭ އެއްޗެއްސެވެ.

"މިހުރިހާ ކަމެއްގެ އެންމެ އުނދަގުވި ކަމަކީ ހަމައެކަނި ޑިޒައިންތަކުގެ މަސައްކަތެއް ނޫން. އެކަމަކު މި ގެނައުމަށް ވެސް އުނދަގުވި،" ފާއީ ކިޔައިދިނެވެ.

ތާސްބައިގެ ޑިޒައިންތައް ހެދުމަށްފަހު އެ ޕްލާސްޓިކް ކާޑުތަކަށް ބަދަލުކޮށް އޭގެ ޑެކެއް ހެދުމަށް ފޮނުވަން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ރާއްޖޭގައި އޮންނަ ޑޮލަރު ލިމިޓުގެ ސަބަބުން ކާޑުތައް ގެނައުމަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ފާއީ ކަނޑައަޅާފައިވާ އަޒުމު ބޮޑެވެ. އެއާއެކު އެ މަސައްކަތް ވެސް ކާމިޔާބު ކުރިއެވެ.

މިހާރު ފާއީގެ ތާސްބައި އުފައްދައި އެ ވިއްކަން ފަށާފައިވާއިރު އެއަށް އާންމުންގެ ފަރާތުން ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

"ކުރެވުނު މަސައްކަތާ މެދު ފުރަތަމަ ޝައްކު އޮތް. އެކަމަކު އާންމުންގެ ފަރާތުން އަންނަނީ ވަރަށް ލޯބި ލިބެމުން. އެހެންވީމާ ރަނގަޅު މަސައްކަތެއް ކުރެވުނު ކަމަށް ބަލަން،" އޭނާ ކިޔައިދިނެވެ.

ފާއީގެ ވިސްނުން ހުރީ ތާސްއެމްވީ މިހާރަށް ވުރެ ބޮޑަށް ފުޅާކުރުމަށެވެ. މިވަގުތު މާލޭގެ ބައެއް ތަންތަނުން ފާއީގެ ތާސްބައި ލިބުނު ނަމަވެސް އޭނާ ބޭނުންވަނީ ތާސްބައި ރާއްޖޭގެ ހުރިހާ ރިޒޯޓުތަކުންނާއި ގެސްޓްހައުސްތަކުން ވެސް ލިބޭނެ ގޮތް ހެދުމަށެވެ. އެ ވިސްނުމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ތާސްބައި ފޯރުކޮށްދިނުމަށް ފާއީ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް