އެހެން ޕާޓީއެއް އުފެއްދެވުމަކާ ރައީސްއާ ގުޅުމެއް ނެތް: ތަރުޖަމާނު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބައިވެރިވުން އޮވެގެން އެހެން ޕާޓީއެއް އުފައްދަން އުޅޭ ވާހަކަ ސަރުކާރުން ދޮގު ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ސަން" އަށް ވިދާޅުވީ، އެހެން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގައި ރައީސްއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

"ރައީސްއަކީ އެމްޑީޕީގެ ފައުންޑިންގް މެމްބަރެއް. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި އެމްޑީޕީގައި ހުންނަވާނީ ވެސް،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫމް މިހެން ވިދާޅުވީ، ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ ހުންނަވައި ޕާޓީއެއް އުފައްދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރު، ކާނަލް ނާޒިމް އިސްވެ ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާ އިރު، އެ ޕާޓީއާ ގުޅުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުވެސް ވަނީ ޖޭޕީއިން ވަކިވެވަޑައިގެންފައެވެ.

ދާދި ފަހުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހާއެކު އިތުރަށް މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށާއި، ޕީޕީއެމް އާއެކު ކޯލިޝަން ހަދަން ބޭނުން ވާ ކަމަށް ވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހުގެ ތަރުޖަމާނު ވިދާޅުވީ މިވަގުތުގެ ފޯކަސް ހުރީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދިނުމަށް ކަމަށެވެ.

comment ކޮމެންޓް