ބީއެމްއެލް ކޮމިއުނިޓީ ފަންޑު - ރަށްރަށަށް ލިބުނު ބޮޑު ހަދިޔާއެއް

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތައް ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ތައާރަފުކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

އެ ފަންޑުގެ އެހީއާއެކު މިހާތަނަށް ރާއްޖޭގެ 18 އަތޮޅެއްގައި ހިމެނޭ 49 ރަށެއްގައި 50 މަޝްރޫއެއް ހިންގުމަށް ބީއެމްއެލްއިން މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެ މަޝްރޫއުތަކުގެ ތެރެއިން 30 މަޝްރޫއެއްގެ މަސައްކަތް މުޅިން ވަނީ ނިމިފަ އެވެ.

ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ކޮމިއުނިޓީ ޕާކު، އައުޓްޑޯ ޖިމް، މަސްކަނޑާ ތަން، ކުޑަކުދިންގެ ޕާކު، ސޯލާ ލައިޓް ހަރުކުރުން، ތިމާވެއްޓާ ރައްޓެހި ކޮތަޅު ހަދިޔާ ކުރުން އަދި ބިއްލޫރި ފުޅި ހަދިޔާކުރުން ހިމެނެ އެވެ.

މީގެ އިތުރުން ނޭޗާޕާކާއި ލައިބްރަރީއާއި ސްކޭޓު ޕާކު ތަރައްގީކުރުމާއި ކުނި މެނޭޖުކުރަން އެހީތެރިވުމާއި ޕިކްނިކް ސަރަހައްދު ގާއިމުކުރުން ފަދަ ތަފާތު މަޝްރޫއުތައްވެސް އެ ފަންޑުގެ އެހީއެކު ވަނީ ނިންމާފަ އެވެ.

އެ ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް މަޝްރޫއުތައް ހިންގުމަށް އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ބީއެމްއެލްއިން ފޯރުކޮށްދެ އެވެ.

އެގޮތުން މުޖުތަމައަށް ފައިދާކުރާ މަޝްރޫއުތަކުގެ އިތުރުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކޮންމެ އަހަރަކުވެސް ބީއެމްއެލްއިން ހުޅުވާލަ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ކުއާޓަރެއްގައިވެސް ހުޅުވާލަ އެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓަރެއްގައިވެސް ހޮވާީ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް އެވެ. މިއަހަރުގެ ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި އިތުރު 10 ޕްރޮޕޯސަލް ހޮވުމަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް