އައިޔޫއެމްއާއި އަލީގަޅު މުސްލިމް ޔުނިވާސިޓީއާ ދެމެދު ދަރިވަރުންނާއި ޓީޗަރުންގެ އެކްސްޗޭންޖް ޕްރޮގްރާމެއް

އަލީގަޅު މުސްލިމް ޔުނިވާސިޓީ ---

އިންޑިއާގެ އަލީގަޅު މުސްލިމް ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާ ދެމެދު ދަރިވަރުންނާއި ޓީޗަރުން އެއް ޔުނިވާސިޓީއިން އަނެއް ޔުނިވާސިޓީއަށް ބަދަލުކުރެވޭ އެމްއޯޔޫއެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނި ގޮތުގައި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެ އެމްއޯޔޫގައި ސޮއިކުރެވި، އެމްއޯޔޫއަށް އަމަލުކުރަން ފެށޭވަރު ވާނެއެވެ.

އެ އެމްއޯޔޫގައި ހިމެނޭ ބައިތަކަކީ؛

  • ސްޓޫޑެންޓް އެކްސްޗޭންޖް
  • ޓީޗިން އަދި ރިސޯސް ސްޓާފް އެކްސްޗޭންޖް
  • އެއް މުއައްސަސާގެ ދަރިވަރުންނާއި މުވައްޒަފުން އަނެއް މުއައްސަސާގައި ކުރު ނުވަތަ ދިގު މުއްދަތުގެ ތައުލީމީ ޕްރޮގްރާމުތަކުގައި ބައިވެރިވެވޭ އަދި ދެ ދެ ޔުނިވާސިޓީގެ އޮތޮރައިޒްޑް އޮފިޝަލުންނަށް އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދަތުރުކުރަން މަގުފަހިވާ ނިޒާމެއް ގާއިމުކުރުން
  • ކުރު މުއްދަތުގެ ތަމްރީން އަދި އިންޓާންޝިޕް ޕްރޮގްރާމުތައް ގާއިމުކުރުން

އައިޔޫއެމް

އައިޔޫއެމްއިން ބުނީ އެ އެމްއޯޔޫގެ ލިޔުންތައް، އައިޔޫއެމްއިން ޕާޓްނަޝިޕް ބޭނުންވާ މުހިންމު ދާއިރާތައް ހިމެނޭހެން ފައިނަލްކޮށް، ރާއްޖެއަށް ޓީމެއް ފޮނުވުމަށް އޭއެމްޔޫއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒަމާނީ އިންޑިއާގެ އާކިޓެކްޓެއް ކަމަށްވާ ސައްޔިދު އަހްމަދު ހާން 1875 ވަނަ އަހަރު ހުޅުވައިދެއްވި އަލީގަޅު މުސްލިމް ޔުނިވާސިތީ އޭރު ގާއިމުކުރީ މުހައްމަދަން-އެންގްލޯ އޮރިއެންޓަލް ކޮލެޖެއްގެ ގޮތުގައެވެ. ނުވަތަ އިނގިރޭސިބަހުން އިސްލާމީ ތައުލީމު ދޭ ކޮލެޖެއްގެ ގޮތުގައެވެ.

މިހާރު އެއީ ގާތްގަނޑަކަށް 40،000 ދަރިވަރުންނާއި 1,700 މުދައްރިސުން ހިމެނޭ ޕަބްލިކް ޔުނިވާސިޓީއެކެވެ. އޭއެމްޔޫގައި އާޓްސް، ޓެކްނޮލޮޖީ، މެޑިސިން، މެނޭޖްމަންޓް، ކޮމާސް، އެގްރިކަލްޗާ، ލައިފް ސައިންސް، ލޯ، ތިއޮލޮޖީ އަދި އިންޓަނޭޝަނަލް ސްޓަޑީޒް ފަދަ 13 ފެކަލްޓީ ހިމެނެ އެވެ. އަދި އެ ޔުނިވާސިޓީގެ ދަށުން ހަތް ހައިސްކޫލާއި ދެ ސެކަންޑްރީ ސްކޫލް ހިންގަ އެވެ.

އޭއެމްޔޫއިން ވަނީ މިފަހުން ސެންޓާ ފޮ ޔުނިވާސިޓީ ވޯލްޑް ރޭންކިންގްސްއިން ޝާއިކުކުރި ރޭންކިންގައި އިންޑިއާގެ އަށްވަނައަށް އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީގެ މަގާމު ހޯދާފަ އެވެ.

comment ކޮމެންޓް