މޯލްޑިވިއަނުން ބަންގްލަދޭޝްގެ ދާކާއަށް ހާއްސަ ދަތުރުތަކެއް

ވެލާނާ އިންޓަނޭޝަނަލ އެއާޕޯޓުގެ އާ އޭޕްރަން އިފްތިތާހުކުރުން -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ކުރިއަށް އޮތް އަޟްހާ އީދާ ގުޅިގެން މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ހާއްސަ ދަތުރުތަކެއް ކުރުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ބުނީ މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އަދި 23 ވަނަ ދުވަހުކަމަށެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިޔުނިކޭޝަންސް މޫސާ ވަސީމް "ސަން" އަށް ވިދާޅުވީ ދަތުރުކުރުމަށް ހުޅުވާލާ ލުއިތަށް ދިނުމާ ގުޅިގެން ބަންގްލަދޭޝްއަށް ފުދޭވަރަކަށް ޑިމާންޑް އެބައޮތް ކަމަށެވެ.

"އެހެންވެގެން އިތުރު ދެ ފްލައިޓެއް އަޅަނީ މި. ކުރިން ދެން އަޅުގަނޑުމެން ޝެޑިއުލްކޮށްފަ [މިވަނީ] މިމަހު 13 ގެ ކުރިން. އެކަމު މި ދެ ދުވަހަކީ ކުރިން ފްލައިޓެއް ޝެޑިއުލްކޮށްފަ އޮތް ދެ ދުވަހެއް ނޫން, އެކަމަކު އަޕްއޮން ޑިމާންޑް އަޅުގަނޑުމެން ދެ ފްލައިޓް އަޅާގޮތަށް އެ ވަނީ." މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ބަންގްލަދޭޝް އިން ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާކަމަށެވެ. އެހެންކަމުން ރާއްޖެއިންވެސް އަދި ރާއްޖެއަށްވެސް ދަތުރުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އަވަށްޓެރި އިންޑިއާ ހިމެނޭގޮތުން ސައުތު އޭޝިއާގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިއުލާނުކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އެގޮތުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވޯކް ޕާމިޓް އޮންނަ ފަރާތްތަކަށް ރާއްޖެއާދެވޭނެ ގޮތަށް ބޯޑަރު ވަނީ ހުޅުވާލާފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށްވެސް ރާއްޖެ އަލުން ހުޅުވާލަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް