ފްރާންސުގެ ހެލްތު ވޯކަރުން ކޮވިޑް ވެކްސިން ނުޖަހާ ނަމަ މުސާރަ ނުދޭނެ ކަމުގެ އިންޒާރު ދީފި

ފްރާންސުން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 36 ޕަސެންޓު މީހުން -- ފޮޓޯ: އޭޕީ

ޕެރިސް (ޖުލައި 13): ފްރާންސުގެ ހެލްތު ވޯކަރުން އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އެގޮތަށް އަމަލު ނުކޮށްފި ނަމަ މުސާރަ ހިފަހައްޓަން ޖެހިދާނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފިއެވެ.

ފްރާންސުގެ ސަރުކާރުން އާއްމު ކުރި އިއުލާނުގައިވާ ގޮތުން އެގައުމުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ކެޔާ ހޯމްތަކުގައި މަސައްކަތް ކުރާ އެންމެންވެސް ކޮވިޑް ވެކްސިން ޖަހަން މަޖުބޫރުވެ. އަދި އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެފަދަ ތަންތަނުގައި މަސައްކަތް ކުރާ އޮފީސް މުވައްޒަފުންނާއި ދަރުމަވެރިންވެސް ހިމެނޭނެއެވެ.

ފްރާންސުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އަންނަ ސެޕްޓެމްބަރު 15އިގެ ކުރިން ވެކްސިން ފުރިހަމަ ނުކުރާ ހެލްތު ވޯކަރުންނަށް އެގައުމުން ފިޔަވަޅު އަޅާނެއެވެ. އެގޮތުން އެމީހުންގެ މުސާރަ ނުދިނުން އެކަށީގެންވެއެވެ.

ފްރާންސުގެ އިތުރުން ގްރީސްއިންވެސް ވަނީ ހެލްތު ވޯކަރުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި ވެކްސިން ނުޖަހާ ހެލްތު ވޯކަރުން ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ފްރާންސުން ކޮވިޑްގެ ޑެލްޓާ ވޭރިއެންޓް ފެނި، އެގައުމުގައި ކޭސްތައް ދަނީ އިތުރު ވަމުންނެވެ. އަދި އެގައުމުގެ ސަރުކާރަށް ލަފާ ދޭ ސައިންސުވެރިންގެ ޕެނަލްއަކުން ވަނީ އެގައުމުގައި ކޮވިޑްގެ ހަތަރު ވަނަ ރާޅެއް ފެތުރިދާނެ ކަމަށް ބުނެފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އާބާދީގެ 95 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ޖަހަން ޖެހޭ ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް ފްރާންސުން މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 36 ޕަސެންޓު މީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް