ކޮޕާ އެމެރިކާއިން ވިދާލި ޑެ ޕޯލް އެތުލެޓިކޯއަށް ސޮއި ކޮށްފި

އެތުލެޓިކޯ މެޑްރިޑުން ޑެ ޕޯލް އިއުލާން ކުރުމުގެ ގޮތުން ހަދާފައިވާ ޕޯސްޓަރު --

ނިމިގެންދިޔަ ކޮޕާ އެމެރިކާގެ ތަށި އުފުލާލި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑެ ޕޯލްގެ ސޮއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ހޯދައިދި އެވެ.

ކޮޕާ އެމެރިކާގެ ފައިނަލުގައި އޭންޙެލް ޑިމާރިއާ ޖެހި ގޯލަށް ފުރުސަތު ފަހިކޮށްދިން 27 އަހަރުގެ ޑެ ޕޯލް ވަނީ އެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިޓަލީގެ ޔުޑީނީސްއަށް ކުޅެމުން އައި ޑެ ޕޯލްގެ ކުޅުމަށް ގިނަބަޔަކު ތައުރީފް ކުރި އިރު، ކޮޕާ މުބާރާތުގެ ކުރީކޮޅު އެތުލެޓިކޯ މެޑްރިޑުން ވަނީ ޑެ ޕޯލް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

އެއާ އެކު ފަސް އަހަރުގެ ދިގު އެއްބަސްވުމަކަށް ޑެ ޕޯލް އެތުލެޓިކޯއަށް ސޮއިކޮށްފައިވާ އިރު، އޭނާ ޔުޑިނީސްއިން ގެންގޮސްފައިވަނީ 35 މިލިއަން ޔޫރޯގެ އަގަކަށެވެ.

ވޭތުވެ ދިޔަ ފަސް އަހަރު އިޓާލިއަން ލީގުގައި ކުޅުނު ޑެ ޕޯލް އަކީ ގަވާއިދުން ޓީމުގައި ހިމެނޭ "ފިޓް" ކުޅުންތެރިއެކެވެ. މީގެ ކުރިން ވެސް ސްޕެއިނުގައި ކުޅެފައިވާ ޑެ ޕޯލް ވަނީ 2014 ވަނަ އަހަރު ވެލެންސިއާއަށް ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް އެކުލަބާ އެކު މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެ އޭނާ ވަނީ އެ އަހަރު ނިންމާފައި ޔުޑިނީސްއަށް ބަދަލުވެފަ އެވެ.

ޑެ ޕޯލް އެތުލެޓިކޯއަށް ބަދަލުވުމަށްފަހު އެކުލަބުގެ ވެބްސައިޓުގައި ބުނީ އޭނާގެ ގައުމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭއާ އެކު މަސައްކަތް ކުރަން ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި ސިމިއޯނޭގެ ޓެކްޓިކްސްތަކަކީ އޭނާ ވަރަށް ގަޔާވާ އުކުޅުތަކެއް ކަމަށާއި، އޭނާއަކީ މިވަގުތު ދުނިޔޭގައި ވެސް ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ކޯޗު ކަމަށެވެ.

ދިގު އިންތިޒާރަކަށްފަހު އާޖެންޓީނާއިން ބައިނަލް އަގުވާމީ ބޮޑު މުބާރާތެއްގެ ތަށި އުފުލާލުމަށްފަހު މިހާރު އަންނަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ގައުމުގެ ރައްޔިތުންނާއެކު ފާހަގަ ކުރަމުންނެވެ.

comment ކޮމެންޓް