ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި

ހދ. ކުޅުދުއްފުށި، ރަތްފުސްގެ، އަހްމަދު އިބްރާހިމް: ރަހީނުކޮށްގެން ކުރި އަނިޔާތަކާ ގުޅިގެން މިހާރު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި

ކުޅުދުއްފުށި ސިޓީގައި މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު މީހަކު ރަހީނުކުރުމަށްފަހު އަނިޔާކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު ކުޅުދުއްފުށި ސިޓީގައި ރަހީނުކޮށްގެން ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވަނީ އެރަށު ރަތްފުސްގެ، އަހްމަދު އިބްރާހިމް (29) އަށެވެ. އެ މައްސަލައިގައި ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލަ މިހާރު އޮތީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައި ކަމަށެވެ. އަދި އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް މިހާރު ދައުވާކޮށްފައިވާކަމަށެވެ.

ދައުވާ އުފުލާފައިވާ މީހުންނަކީ ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީއާއި، ހދ. ކުޅުދުއްފުށި، ސެޓްލައިޓް، މުޙައްމަދު އާދަމްއެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައިވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

އެ ދެ މީހުންގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ހަވާލާދީ އެ މާއްދާގެ (ށ) އަދި (ވ) ގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ 140 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ ނުވަތަ ރަހީނުކުރުމުގެ އެވެ.

މި މައްސަލާއާ ގުޅިގެން ތުުހުމަތުކުރެވުނު އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ނެތުމުން ނުވާތީ އެ މައްސަލަ އަބުރާ ފުލުހަށް އަނބުރާ ފޮނުވާލުމަށް ނިންމާފައިވާނެއެވެ.

ހާދިސާގައި ތުހުމަތުކުރެވޭ އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 20، 25، 24 އަދި 19 އަހަރުގެ ބައެއްކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ކާރެއްވެސް މީގެ ކުރިން ގެނެސްފައިވެއެވެ. އެއީ ރަހީނު ކުރުމަށް ބޭނުން ކުރި ކާރު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ހާދިސާގައި އަހުމަދު އިބްރާހިމްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭއެޅިފައެވެ.

comment ކޮމެންޓް