ހާއްސަ މަންދޫބުގެ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސަށް ހިއްސާ ކުރައްވައިފި

ރައީސް ނަޝީ×ދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާ އާ ގުޅިގެން ކުރިޔަށްދާ ތަޙުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސް އައްޔަން ކުރެއްވެވި ހާއްސަ މަންދޫބު، މިސްޓަރ އައްބާސް ފާއިޒް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ހާއްސަ މަންދޫބުގެ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ހަމަލާގެ ތަހުގީގުގެ ކަންކަން ބެއްލެވުމަށް ރައީސް އައްޔަނުކުރެއްވި މަންދޫބު އައްބާސް ފާއިޒް ވަނީ އެ ހައިސިއްޔަތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރައްވާފައި މުހިންމު މަސައްކަތްތަކާ އަދި ކުރިޔަށް މަސައްކަތްތައް ރާވާލައްވާފައިވާ ގޮތުގެ މައުލޫމާތުތައް ރައީސް އާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައީސް، ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ވީހާވެސް އިންސާފުވެރިކޮށް، ދެފުށް ފެންނަގޮތަށް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެލުމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައިވާ އައްބާސް ފާއިޒް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ހަމަޖައްސަވާފައި ވަނީ 2021 މެއި 19 ވަނަ ދުވަހުގައެވެ.

މޭ މަހުގެ ހައެއް ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި މި މައްސަލައިގައި އިންސާފު ގާއިމު ކުރެވެންދެން ބޭނުންވާ ހާލަތް ތަކުގައި ކަމާގުޅޭ ލަފަޔާ އިރުޝާދު ދެއްވައި، ތައްޔާރު ކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އައްބާސް ފާއިޒް ތައްޔާރު ކުރައްވާނެއެވެ.

comment ކޮމެންޓް