ބޭރު މީހުންނާ ގުޅޭ މައްސަލަތަކުގައި އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެވިދާނެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރު މީހުންނަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ނެރޭ އަމުރުތައް އެމީހުންނަށް ދޭހަވާނޭހެން އިނގިރޭސި ބަހުން ނެރެވިދާނެކަމަށް ސުޕްރީމްކޯޓުން އަންގައިފިއެވެ.

ސުޕްރީމްކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިކްޝަނެއްގައި ވަނީ ރާއްޖޭގައި ކޯޓެއްގެ އިހްތިސާސް ނެތް ތަނެއްގައި ހުރި ފަރާތަކާއި ގުޅިގެން ނެރެން ޖެހޭ ކޯޓު އަމުރު އިނގިރޭސި ބަހުން ނެރެވިދާނެކަމަށް ބުނެފައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުގެ އިހްތިސާސް ނުހިނގާ ސަރަހައްދުތަކާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއްގައި ނުވަތަ ސަރަހައްދުން ބޭރުގައި ހުރި ފަރާތެއް، އެއްޗެއް ނުވަތަ އޮތް އުޅަނދެއް ހިމެނޭ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތަކުގައި އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެވިދާނެކަމަށް ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ބަޔާންކޮށްފައެވެ.

އިނގިރޭސި ބަހުން ކޯޓު އަމުރު ނެރެވޭނެކަމަށް ސުޕްރީމްކޯޓުން އެންގީ ބައިނަލްއަގްވާމީ ފަރާތެއްގެ މައްޗަށް ނުވަތަ އެފަރާތުގެ ބޭނުމަށް ނެރޭ އަމުރުތަކާއި ބިދޭސީއެއްގެ މައްޗަށް ނެރޭ އަމުރުތައް އެ ފަރާތްތަކަށް ދޭހަވާނޭ ފަދަ ބަހަކުން އޮތުމަކީ މުހިންމުކަމެއް ކަމުގައި ވާތީކަމަށް ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ބުނެފައެވެ.

އެފަދަ އަމުރުތައް އިނގިރޭސި ބަހުން ނެރޭއިރު ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި އެކަމާއި ގުޅޭ ޖަދުވަލްތަކުގައިވާ ނަމޫނާގައި ބަޔާންކޮށްފައިވާ ކަންކަން ހިމެނެންވާނެކަމަށް ސުޕްރީމްކޯޓުން ވަނީ ބުނެފައެވެ. މާނައަކީ އިނގިރޭސި ބަހުން ނެރޭ ކޯޓު އަމުރެއްވެސް އޮންނަންވާނީ ރާއްޖޭގައި ދިވެހި ބަހުން ނެރޭ ކޯޓު އަމުރުތަކާއި އެއް ފޯމެޓެއްގައެވެ.

ގާނޫނީ ގޮތުން ޕްރެކްޓިސް ޑައިރެކްޝަންސް އަކީ ކުދި ކުދި އިޖުރާއީ މައްސަލަތަކާއި ގުޅޭ ގޮތުން މަތީ ކޯޓުތަކުން އިރުޝާދުދީ ރެގިއުލެޓްކުރުމަށް ނެރޭ ވަސީލަތެކެވެ.

ރާއްޖޭގައި އާންމު ގޮތެއްގައި ކޯޓު އަމުރު ނެރެނީ ދިވެހި ބަހުންނެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ދުވަހު ނެރުނު އަމުރުގެ ތަރުޖަމާއެއް އިނގިރޭސި ބަހުން ނެރުނެވެ.

comment ކޮމެންޓް