ތައިލޭންޑުން ސިނޮވެކް ވެކްސިން ޖަހާފައިވާ މީހުންނަށް އެސްޓްރާޒެނެކާގެ ޑޯޒެއް ޖަހަނީ

ތައިލޭންޑުން ވަނީ ދެ ވެކްސިނަކުން ދެ ޑޯޒް ފުރިހަމަ ކުރަން ހުއްދަ ދީފަ -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (ޖުލައި 12): ތައިލޭންޑުން ޗައިނާގެ ސިނޮވެކް ވެކްސިންގެ ޑޯޒެއް ޖަހާފައިވާ މީހުންނަށް އެސްޓްރާޒެނެކާ ވެކްސިންގެ ޑޯޒެއް ޖަހަން ނިންމައިފި އެވެ.

ތައިލޭންޑުގެ ނެޝަނަލް އިންފެކްޝަސް ޑިޒީސް ކޮމިޓީން ބުނި ގޮތުގައި އެގައުމުން ސިނޮވެކްގެ ޑޯޒެއް ޖަހާފައިވާ މީހުންނަށް ދެން ދެވަނަ ޑޯޒަކަށް ޖަހާނީ އެސްޓްރާޒެނެކާގެ ވެކްސިނެވެ. އަދި އެގައުމަށް ފައިޒާގެ ވެކްސިން ލިބުމުން، ދެވަނަ ޑޯޒަކަށް އެ ވެކްސިންވެސް ދެވިދާނެ އެވެ.

ތައިލޭންޑަށް ފުރަތަމަ ލިބުނު ކޮވިޑް ވެކްސިން ކަމަށްވާ ސިނޮވެކްގެ ޑޯޒްތައް އެގައުމުން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. ނަމަވެސް އެ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ގިނަ އަދަދެއްގެ ހެލްތު ވޯކަރުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު އެގައުމުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސިނޮވެކްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ 618 ހެލްތު ވޯކަރުންނަށް އޭޕްރިލްއާއި މި މަހާ ދޭތެރޭ ކޮވިޑް ޖެހިފައިވެ އެވެ.

އެހެންކަމުން ސިނޮވެކް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ހެލްތު ވޯކަރުންނަށް ބޫސްޓާ ޑޯޒެއް ޖަހާނެ ކަމަށްވެސް ތައިލޭންޑުގެ ސިއްހީ އޮފިޝަލުން ވިދާޅުވި އެވެ.

އެމެރިކާގެ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންއިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ސިނޮވެކް ޖެހުމުން ކޮވިޑުން ރައްކާތެރިކޮށްދެނީ ވެކްސިން ޖަހާ މީހުންގެ 65.9 ޕަސެންޓް މީހުންނެވެ.

ތައިލޭންޑުގައި މިހާރު ކޮވިޑްގެ ކޭސްތަކާއި މަރުތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެގައުމުން 9،418 ކޭސް ރިޕޯޓު ކުރި އެވެ. އަދި ހޮނިހިރު ދުވަހު ބަލީގައި 91 މީހަކު މަރުވި ކަމަށް ރިޕޯޓު ކުރި އިރު އެއީ ކޮވިޑް މަރުތައް އެއް ދުވަސް ތެރޭ އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް