ޓެރަރިޒަމްގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި މީހެއްގެ ބަންދަށް ނުވަ ދުވަސް

މެއި 13، 2021: ފުލުހުންތަކެއް ވެހިކަލްއެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު ހުޅުމާލެއިން ހައްޔަރުކުރި މީހަކު އިތުރު ނުވަ ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހަރުކަށި ފިކުރާއި ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ މުހައްމަދު ޒޫމާލް ޒަރީރު (29)، ހުޅުމާލެ ފްލެޓް ނަންބަރު 62-3-70 އެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. އޭނާ ހައްޔަރުކުރުމަށްފަހު އޭރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

މި މަހުގެ ދިހަ ވަނަ ދުވަހު އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިކުރުމުން ކޯޓުން ވަނީ ޒުމާލްގެ ބަންދަށް އިތުރު ނުވަ ދުވަސް ޖަހައިދީފައެވެ. ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުތަކުގެ ތެރޭގައި ޒޫމާލްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި މުޖުތަމައުގެ ސަލާމަތައި ރައްކާތެރިކަމަށްޓަކައި ޒޫމާލް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޒޫމާލް ހައްޔަރުކޮށްފައިވަނީ ސީދާ ކޮން މައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ ހަވަނަ ދުވަހު ދިން ހަމަލާއަށް ފަހު އެ މަސްތެރޭ ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައެވެ. އެހެންނަމަވެސް އޭނާއަކީ ސީދާ އެ މައްސަލައާ ގުޅުން ހުރި މީހެއްކަމެއް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފުލުހުން ވަނީ ޒޫމާލްގެ މައްޗަށް ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވާކަމުގެ ތުހުމަތުކޮށްފައެވެ. މީގެ ކުރިން ޒޫމާލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހެޅުމުން ހެކީގެ ގޮތުގައި ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައެވެ.

އޭގެ އިތުރުންވެސް އޭނާގެ ހުރިހާ އިލެކްޓްރޯނިކް ޑިވައިސްތަކެއްވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ތަހުގީގަށް ނަގާފައެވެ. އަދި އެ ޑިވައިސްތަކުގެ އެކްސްޓްރެކްޝަން މަސައްކަތް ކުރިޔަދާކަމަށްވެސް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ހަމައެއާއެކު ޒޫމާލްއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށާއި، ޖިހާދުގެ ނަމުގައި ދިވެހީން ހަނގުރާމައަށް ރެކްރޫޓު ކުރުމާއި ހަނގުރާމައަށް ފޮނުވުމުގައިވެސް އޭނާ ހަރަކާތްތެރިވާކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އަދި އޭނާ އަކީ ވަކި ޖަމާއަތް ހަދައިގެން ނަމާދުކޮށް، ދީނީ ހައްދުފަހަނައެޅި ފިކުރު ފަތުރަން މަސައްކަތް ކުރާ މީހެއް ކަމަށްވެސް ފުލުހުން ތުހުމަތު ކުރެ އެވެ. އެގޮތުން އެ ފިކުރު ފަތުރަން ކްލާސްތައް ބާއްވައި، ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޒޫމާލް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

comment ކޮމެންޓް