ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހު 15ގައި

ބޭންކް އޮފް މޯލްޑިވްސްގެ 38 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލްއިން ވަނީ އެ ކުންފުނީގެ އެންމެހާ ހިއްސާދާރުންނަށް އަހަރީ އާންމު ޖަލްސާއަށް ދައުވަތު އަރުވައި، ޖަލްސާގެ ނޯޓިސް ފޮނުވައިފަ އެވެ.

އެ ނޯޓިސްގައި ބުނެފައި ވަނީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 15 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، "ފަހިވޯޓް" މެދުވެރިކޮށް ކަމަށެވެ.

ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ޕްރީ-ރެޖިސްޓްރީ ކުރުމުގެ ފުރުސަތު 13 ޖުލައި ވާ އަންގާރަ ދުވަހުގެ 10:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަމަޖެހިފައިވަނީ އެ މުއްދަތުގެ ނިޔަލަށް ޕްރީ-ރެޖިސްޓަރޭޝަން ފުރިހަމަކުރާ ފަރާތްތަކަށް އެކަންޏެވެ. އަދި ޖަލްސާއަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" /mv.infinity://https މެދުވެރިކޮށް ނުވަތަ ފޯމް
ހުށަހަޅައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

އަހަރީ އާންމު ޖަލްސާއަށް ޕްރީ-ރަޖިސްޓަރީކުރުމަށް
އެދޭ ފޯމް ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ކަމަށާއި އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ މައުލޫމާތުތައް ފުރިހަމަކުރުމަށް ފަހު [email protected] އަށް އީމެއިލް ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ.

ޖަލްސާގައި ބައިވެރިވެވޭނީ ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށް ވެސް ނޯޓިސްގައި ބުނެފައިވެ އެވެ.

ހިއްސާދާރެއްގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ ވޯޓު ދިނުމަށް އެހެން ފަރާތެއް ފޮނުވާނަމަ އެކަމަށް ބޭނުންވާ ޕްރޮކްސީ ފޯމު ފުރުމަށް ފަހު، 48 ގަޑިއިރުގެ ކުރިން އީމެއިލްއަކުން އަންގަންޖެހޭނެ އެވެ.

އަދި ބޭންކުގެ ހިއްސާދާރުންގެ ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާއަށް މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ޖަލްސާއަށް އެމީހަކު ހާޒިރުވާ ކުންފުނި ތަމްސީލުކުރުމަށް އެކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަދީފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބަހަން ހުށައެޅުމަށެވެ.

comment ކޮމެންޓް