ވަޒަންތަކަކާއެކު އެއާޕޯޓުން ހައްޔަރުކުރި ފަތުރުވެރިޔާގެ ބަންދަށް ތިން ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަޒަންތަކަކާއެކު ހައްޔަރުކުރި ފަތުރުވެރިޔާ ތިން ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން އެ ފަތުރުވެރިޔާ ހައްޔަރުކުރީ ދުވަހު އެއާޕޮޓަށް ފުރަންގޮސް ހުއްޓާ އެ ފަތުރުވެރިޔާގެ ދަބަހުން ވަޒަންތަކެއް ފެނިގެން މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފަތުރުވެރިޔާއަކީ ނެމިބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މީގެ ކުރިން ވަނީ މައުލޫމާތު ދީފައެވެ.

އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހާގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވިއެވެ.

އެމީހާއަށް އެ ވަޒަންތައް ލިބުނީ ކިހިނެތްތޯ އަދި އެއީ އެ ފަތުރުވެރިޔާ ރާއްޖެއަށް އެތެރެކުރި ވަޒަންތަކެއްތޯ "ސަން" އިން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ދަނީ ތަހުގީގުކުރަމުންކަމަށެވެ. އެހެންވެ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް