އޮންލައިން ޓީޗިންގްއަށް 1،000 ޓީޗަރުން ތަމްރީނުކުރަނީ

ކްލާހެއްގައި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދެނީ -- ފޮޓޯ/ ޔޫއެންޑީޕީ މޯލްޑިވްސް

ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންނަށް އޮންލައިންކޮށް ކިޔަވައިދުނުމުގެ ތަމްރީނުތައް ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކުރިޔަށް ގެންދާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން ޔުނެސްކޯގެ މަހާތުމާ ގާންދީ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ފޯރ ޕީސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާ ގުޅިގެން ރާއްޖޭގެ 1,000 ޓީޗަރުން ތަމްރީނުކުރަން ފެށިފައިވާކަމަށެވެ. އެގޮތުން މި ތަމްރީނުގެ ފުރަތަމަ ބުރުގައި 200 ޓީޗަރުންގެ ބެޗުގެ ތަމްރީީނު މިހާރު ކުރިޔަށްދާކަމަށް އޭނާ ވަނީ ވިދާޅުވިފައެވެ.

"ޑިޖިޓަލް ޓީޗާ މިއަށް ކިޔަނީ. އެހެންވީމާ ޔުނެސްކޯގެ ސެޓްފިކެޓެއް ލިބިގެންދާނީވެސް. ފަސް ހަފުތާގެ މުއްދަތަށް. އެހެންވީމާ ވަރަށް އިންޓެންސިވްކޮށް މި ގެންދެވެނީ."

މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މި ފުރުސަތު ލިބިގެންދާނީ އެސްކޫލެއްގައި ޓީޗަރުން ތިބި ނިސްބަތަކުންކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޑިޖިޓަލް ޓީޗާ ކޯސް ނިންމާ ޓީޗަރުން އެ ސްކޫލެއްގައި މަސައްކަތްކުރާ އެހެން ޓީޗަރުންނަށްވެސް އެ މައުލޫމާތުތައް ހިއްސާކުރާނެކަމަށެވެ.

މީގެ އިތުރުން އެންއައިއީއިންވެސް ތައްޔާރުކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދަމުންދާކަމަށް ސްޓޭޓް މިނިސްޓަރުވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޕްރޮގްރާމްގައި ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުންކުރެވޭނެ ތަފާތު ވަސީލަތްތަކުގެ މައުލޫމާތު ދެވިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެނޭ ޝައުގުވެރިކަމެއް ނެތި ބައެއް ޓީޗަރުން ޕަވާ ޕޮއިންޓެއް އަޅުވައިގެން ކިޔަވައިދޭނެ. ދެން ކުދިން އަޑުއަހާނެ. އެހެން ނަމަވެސް ވަރަށް ގިނަ ޓީޗަރުން ވަރަށް ރަނގަޅަށް ކިޔަވައިދެއްވާކަން ވެސް ފާހަގަކުރަން," ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެންއައިއީ އިން ހިންގާ ޕުރޮގްރާމްގެ މައިގަނޑު ބޭނުމަކީ ކުދިން ޝައުގުވެރިވާނެ ފަދަ ގޮތަކަށް ކިޔަވައިދިނުމުގައި ބޭޭނުންކުރެވޭނެ ވަސީލަތްތައް ޓީޗަރުންނަށް އުނގަންނައިދިނުން ކަމަށެވެ. އަދި މިހާރު މި ޕުރޮގްރާމް ފެށިފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވުމާއެކު މިވަގުތަށް ޕްރޮގްރާމް މެދުކަނޑާލައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިރާސީ އަހަރު ފެށުމާއެކު އެ ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގެ ހުރިހާ ޓީޗަރުންނަށް ތަމްރީނު ދެވިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19ގެ ބަލިމަޑުކަން މާލޭގައި ބޮޑުވެ މާލޭގައި ނިމިދިޔަ ދިރާސީ އަހަރުގެ ބޮޑުބައެއްގެ ކިޔެވުން ކުރިޔަށް ގެންދަން ޖެހުނީ އޮންލައިންކޮށްނެެވެ.

ދޮޅު އަހަރަށް ދިގުދެމިގެންދިޔަ ދިރާސީ އަހަރަރު ނިމުމަށްފަހު މިހާރު ދަރިވަރުންނާ ޓީޗަރުން ތިބީ ޗުއްޓީގައެވެ.

comment ކޮމެންޓް