ޑިޕާޗާ ފީ އިސްލާހުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާނެ: މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުންގެ އަތުން ދަތުރުކުރާ ކުލާހަށް ބިނާކޮށް ނަގާ ޓެކްސްގެ ސަބަބުން ފަތުރުވެރިކަމަށް އަސަރެއް ނުކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުން ފެށިގެން ނަގަން ނިންމާފައިވާ އެއާޕޯޓް ޑެވެލެޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސްވެސް އެއީ އާ ކޮންސެޕްޓެއް ނޫންކަމަށެވެ. އަދި މިއީ ހުރިހާ ގައުމަކުންވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ.

"ގިނަ ފަހަރަށް ފަތުރުވެރިންނަށް ނުވެސް އެނގޭނެ. އެއީ އޭތި އިންނާނީ ޓިކެޓުގެ ތެރޭގައި. ދެން އަނެއްހެން އަޅުގަނޑުމެން ރާއްޖޭގެ ރޭޓްތަކަށް, ރާއްޖޭގެ ޔީލްޑަށް ބަލާފަ އަބަދުވެސް ހަމަ ވަރަށް ގިނަ ބޭފުޅުން ދައްކަމުންދާ ވާހަކައެއް މީ ޔީލްޑް ރަނގަޅުކުރަން," މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޭރުގެ ވިޔަފާރިވެރިންގެ ބައިވަރު ރިސޯޓްތައް ރާއްޖޭގައި އެބަހުރިކަމަށެވެ. އަދި އެތަންތަނުން ލިބޭ ހުރިހާ ފައިދާއެއްވެސް ލިބެނީ އެމީހުންނަށްކަމަށެވެ. އެހެންކަމުން މިކަހަލަ "ޑައިރެކްޓް" ޓެކްސް އަކުން ފަސޭހަކަމާއެކު ހިސާބުކުރެވި ޓެކްސް ނެގިގެންދާނެކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިން އޭގެ ފައިދާ ރައްޔިތުންނަށް ފޯރުކުރެވިގެންދާނެކަމަށެވެ.

"އަނެއްހެން މިދެންނެވިގޮތުން ބޮޑު ޗޭންޖެއް އައިސްފައި މިއޮތީ ބިޒްނަސް ކުލާހާ ފަސްޓް ކުލާހާ ޕްރައިވެޓް ޖެޓްސްއަށް. އޭގަ އަޅުގަނޑު ގަބޫލެއް ނުކުރަން މި ޗޭންޖާ ހެދި އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ އަސަރެއް ކުރާނެކަމަކަށް," އޭނާ ވިދާޅުވިއެވެ.

އިއްޔެ ތަސްދީގުކުރި އެ އިސްލާހުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ހުރިހާ ފަސެންޖަރުންގެ އަތުންވެސް ޑިޕާޗާ ޓެކްސް ނެގުމަށް ބުނެފައިވާއިރު އެ ޓެކްސް ނަގާނީ އެ ފަސިންޖަރަކު ދަތުރުކުރާ ކުލާހަށް ބިނާކޮށެވެ. އިކޮނޮމީ ކުލާހުގައި ދިވެހިންނާއި ބިދޭސީން އަތުން ނަގާ ޓެކްސްގެ އަދަދު ތަފާތެވެ. ހަތަރު ކުލާހަކަށް މި ޓެކްސް ގިންތިކޮށްފައިވާއިރު ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުންވެސް އެއް އަދަދަކަށް ޓެކްސް ނެގުމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އިސްލާހުގައި ވަނީ އެއާޕޯޓް ސާވިސް ޗާޖް މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނެގުން ހުއްޓާލާނޭކަމަށް ބުނެފައެވެ. އެހެންނަމަވެސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން މި އަހަރުގެ ނިޔަލަށް އެއާޕޯޓް ސާވިސް ޗާޖު ނަގާނެއެވެ.

comment ކޮމެންޓް