އަލީއާ ނުލައި ޕާސްޕޯޓުގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހައިކޯޓުން މައްސަލަ ބަލައިނުގަތް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ކުރިން ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދޭން އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައި ނުގަތުމަށް ނިންމައިފި އެވެ.

މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވީ ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން އިސްތިއުނާފު ކުރިއިރު، އިސްތިއުނާފު ރައްދުވާ އަލީ ވަހީދު ނެތި އެ މައްސަލަ ނުބެލޭނެތީ އެވެ.

އެހެން ނަމަވެސް ރަޖިސްޓްރާގެ އެ ނިންމެވުން އަލުން ބަލައިދިނުމަށް އެދި ހަތް ދުވަހުގެ ތެރޭގައި ހުށަހެޅޭނެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތްކަމަށް ކޯޓަށް ނުފެންނާތީ އެ އަމަރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ ނިންމަވާފަ އެވެ.

ޕީޖީ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ ހަމަ އެ ދުވަހުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރު މި ސަރުކާރުގެ އެންމެ އިސް އެއް މިނިސްޓަރުކަމުގައިވާ އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ދިޔައީ ކޯޓުގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވުމުންވެސް އަލީ ވަހީދު އަނބުރާ ރާއްޖެ އައިސްފައެއް ނުވެއެވެ.

އަލީ ވަހީދު ރާއްޖެއިން ފުރީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައިކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އޭނާއަށް ޖާމިނުވުމަށް އެއްބަސްވުމާ އެކުގަ އެވެ.

comment ކޮމެންޓް