އައްމަޓީ ހައްޔަރުކުރަން އަމުރުކޮށްފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ -- ފޮޓޯ/ އިންޓަޕޯލް

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުން ބާތިލުކޮށް، އޭނާ ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

އައްމަޓީ ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެވެ.

އެ މައްސަލައިގައި ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި، އަލުން އައްމަޓީ ހައްޔަރުކުރުމަށް ވަނީ އަމުރު ކޮށްފައެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ. ލަންކާ އިން ގެނައުމަށް ފަހު އައްމަޓީ ހުރީ ބަންދުގައެވެ.

ނަމަވެސް އެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުަވަހުއެވެ.

އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ހިޔާނާތްތެރިވީ މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ.

އައްމަޓީގެ މައްޗަށް ކުރާ ދައުވާތައް:

  • ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހާވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ހިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދައުވާ.
  • ގާނޫނުލްއުގޫބާތު ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ހިޔާނާތްތެރިވުމުގެ ކުށުގެ 25 (ފަންސަވީސް) ދައުވާ.
  • ގާނޫނުލްއުގޫޫބާތު ގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ ފަސް ދައުވާ.

މި ކުށްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، ދައުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ފެންނަ ކަމަށް ޕީޖީ އިން ބުންޏެވެ.

comment ކޮމެންޓް