މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ: ޕޮލިސް

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސް މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފަސް ސަރަހައްދެއްގައި އޮޕަރޭޝަންތައް ހިންގާފައިވާކަމަށެވެ.

އެގޮތުން އައްޑޫސިޓީ ފޭދޫގައި މި މަހު 10 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގައިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އެގޮތުން އެ އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. އަދި އެ ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އޭގެ އިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ. ގަމުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މި މަހު 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެމީހާ ހައްޔަރުކުރީ އެ ރަށު ބަނދަރު ސަރަހައްދުންނެވެ. އަދި އެމީހާއާއެކު އެ މީހާ ދަތުރުކުރި ޑިންގީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތަރު ދަޅާއި ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެއާއިއެކު ފުލުހުންގެ އިންޓެލިޖެންސަަށް ލިބުނު މައުލުމާތަކާ ގުޅިގެން މި މަހު 10 ވަނަ ދުވަހު ކުޅުދުއްފުށީގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ. އެ އޮޕަރޭޝަނުގައި އެ ރަށު ބަނދަރުމަތިން 29 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި 14 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން މި މަހު 8 ވަނަ ދުވަހު އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި މައްސަަލަައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

އޭގެ އިތުރުން، ނޮޅިވަރަމުގައި ހިންގި އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 16 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް