އޮސްޓްރޭލިއާއިން މިއަހަރުގެ ފުރަތަމަ ކޮވިޑް މަރު، ކޭސްތައް ރެކޯޑު އަދަދަކަށް

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްއަށް ވަނީ ފުރަަބަންދުގެ ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހިފަ -- ފޮޓޯ: ރޮއިޓާސް

ކެންބެރާ (ޖުލައި 11): އޮސްޓްރޭލިއާއިން ކޮވިޑް-19 ޖެހިގެން މިއަހަރު ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެކަމަށް އެގައުމުން މިއަދު ރިޕޯޓުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި އެގައުމުން ކޮވިޑް ޖެހިގެން މަރުވެފައި ވަނީ ސިޑްނީގައި ދިރިއުޅެމުން ދިޔަ 90 އަހަރުން މަތީގެ އަންހެނެކެވެ. އަދި އޭނާ މަރުވީ ކޮވިޑް ޓެސްޓަށް ޕޮޒިޓިވްވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސްއިން މިހާރު ކޮރޯނާވައިރަހުގެ ޑެލްޓް ވޭރިއެންޓް ފެނިފައިވާ އިރު މިއަދު އެ ސްޓޭޓުން ވަނީ 77 ކޭސް ރިޕޯޓުކޮށްފައެވެ. އެއީ އެ ސްޓޭޓުގައި މިއަހަރު އެއް ދުވަސް ތެރޭ އެ އަދަދު އެހާވަރަށް އިތުރުވި ފުރަތަމަ ފަހަރެވެ.

ނިއު ސައުތު ވޭލްސްގައި އޮންނަ ސިޑްނީއާއި ވަށައިގެންވާ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެ ސަރަހައްދު އޮތީ ފުރަބަންދު ކޮށްފައެވެ. އަދި އަންނަ ހުކުރު ދުވަހު އެ ފިޔަވަޅުތައް އުވާލަން ނިންމާފައި އޮތް ނަމަވެސް، އަދިވެސް ބަލި ޖެހޭ މީހުންގެ އަދަދު ގިނަ ވާތީ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ލަފާ ކުރެއެވެ.

އޮސްޓްރޭލިއާއިން ވަނީ ހަރުކަށި ފުރަބަންދުގެ ފިޔަވަޅުތައް އަޅައިގެންނާއި ކޮންޓެކްޓް ޓްރޭސިންގެ ވަރުގަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްގެން އެހެން ގައުމުތަކަށް ވުރެ ކާމިޔާބުކޮށް މީގެ ކުރިން ކޮވިޑް ކޭސްތައް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް އެގައުމަށް ވެކްސިން ލިބުމުގައި ދަތިތަކާ ކުރިމަތިވުމުން ވެކްސިން ޕްރޮގްރާމް ކުރިއަށް ދަނީ މަޑުމަޑުންނެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައި ވަނީ އާބާދީގެ 26 ޕަސެންޓު މީހުންނެވެ. އޭގެ ތެރެއިން ދެ ޑޯޒް ޖަހާފައި ވަނީ އެންމެ 8.3 ޕަސެންޓު މީހުންނެވެ.

comment ކޮމެންޓް