ރައްޔިތުންނަށް ގިނަ "ޗޮއިސް" ލިބޭނެ އިންތިހާބަކާ ދިމާލަށް

ޑިސެމްބަރ 7، 2019: މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރެއްވުމަށް މުލިއާގޭގައި ބޭއްވެވި ޚާއްޞަ ހަފްލާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި ޕާޓީ ނިޒާމު ފެށިގެން އައީ މީގެ 16 އަހަރު ކުރިންނެވެ. 2005 ވަނަ އަހަރު އެމްޑީޕީ އުފެދިގެން އައީވެސް 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އޭރު އޮތް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކުރުމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި 2005 ވަަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފައްދައިގެން މަސައްކަތް ފެށުމާއެކު، ރައީސް މައުމޫންވެސް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ނަމުގައި ޕާޓީއެއް އުފެއްދެވިއެވެ. އިތުރު ޕާޓީތައް އުފެދިގެން އައީ އެއަށްފަހުއެވެ. އެންމެ ބޮޑު ދެ ޕާޓީ ވާދަވެރިކޮށް އޮތުމަށްފަހު ރައީސް މައުމޫނުގެ ޑީއާރުޕީގައި ހިޔާލު ތަފާތުވުންތަކެއް އުފެދި ޕާޓީ ދެކަފިވިއެވެ. ޑީއާރުޕީ ތެރެއިން ޕީޕީއެމް އުފެދި, ޑީއާރުޕީ އޮތް މަގާމު އަތުލައިފިއެވެ.

ދެން މައުމޫން އުފެއްދެވި ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާހެދި އެ ޕާޓީއިން ޖެހުނީ މައުމޫން ބޭރުކޮށްލާށެވެ. ކަން މިހެން ހިނގުމުން އެމަނިކުފާނުގެ ވަފާތެރިންނާއެކު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަވައިގެން އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އަނެއްކާވެސް ޕާޓީ ދެކަފިވާން ފަށައިފިއެވެ. މައުމޫންގެ ކުރީގެ މިނިސްޓަރު އަބްދުالله ކަމާލުއްދީން އިސްވެ ހުންނަވައި, އާ ސިޔާސީ ފަލްސަފާއެއް ވުޖޫދުކުރުމަށް "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" އުފެއްދެވުމުގެ މަސައްކަތް ފަށައިފިއެވެ.

ރައީސް މައުމޫނުވެސް ޕީޕީއެމްއިން ވަކިކުރުމުން އެމަނިކުފާނުގެ ވަފާތެރިންނާއެކު މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފައްދަވައިގެން އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެ ޕާޓީ ތެރެއިންވެސް މެމްބަރުންތަކެއް ވަކިވެ, އާ ޕާޓީއެއް އުފައްދަން މިހާރު ހުށަހަޅައިފިއެވެ.

"އަޅުގަނޑުމެންގެ ޕާޓީން ހުރިހާ އިންތިހާބަކަށްވެސް ކުރިމަތިލާން އުންމީދުކުރަން، ރިޔާސީ އިންތިހާބުވެސް ހިމެނޭހެން," ނޭޝަނަލް ސޮލިޑެރިޓީ ޕާޓީ އުފައްދަވާ ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ސަންއަށް ވިދާޅުވިއެވެ.

މިއީ 2005 ގައި އުފެދުނު ޕާޓީއެއްގެ ފިކުރުން ނިރު ފަޅައި ފޯދުމުގެ ސިލްސިލާއެއްގެ އެންމެ ފަހު ޑިވެލޮޕްމަންޓެވެ.

އިންތިހާބުތަކުގައި ވާދަކޮށް, އިންތިހާބުތައް ކާމިޔާބުކޮށްގެން އެ ޕާޓީގެ ފިކުރިއްޔާތާ އެއްގޮތަށް ސަރުކާރު އުފެއްދުމާއި ގާނޫނު ހަދާ މަޖިލިސްތަކުގައި ވަކާލާތުކުރުމަކީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ މައިގަނޑު އެއް ބޭނުމެވެ. ރާއްޖޭގެ ޕޮލިޓިކްސް ޑޮމިނޭޓުކުރާ ބޮޑު ދެ ޕާޓީ މިހާރު ވެސް ވުޖޫދުގައި އޮތް އިރު, އެ ޕާޓީތަކުގެ ތެރެއިން އާ ޕާޓީތަކެއް އުފެދެންޖެހޭ ސަބަބުތަކެއްވެސް ހުންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގައި ތިއްބެވި ދެ މެމްބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި ތިން މެމްބަރަކު ގުޅިގެން އުފެއްދުމަށް މަސައްކަތްކުރައްވާ މޯލްޑިވިއަން ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަވެފައެއް ނުވެއެވެ. ޕާޓީގެ މަގްސަދަކާއި ފަލްސަފާތަކެއްވެސް ނޭނގެއެވެ.

ނަމަވެސް ރިޔާސީ އިންތިހާބު އަންނަން ދޮޅު އަހަރަށް ވެފައި ވަނިކޮށް އާ ސިޔާސީ ޕާޓީއެއް އުފައްދާނީ އިންތިހާބަށް އާ ކެނޑިޑޭޓެއް ނެރުން ނޫން ދެން ކޮން މަގްސަދެއްގައިތޯ އެވެ.

https://sun.mv/154269

މިހާރު އޮތް ޕާޓީތަކަށް ލޮޅުމެއް އައިސްދާނެ؟

މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ, އެމްޑީޕީއާއި ޕީޕީއެމްއަކީ މިހާތަނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައިވާ ދެ ޕާޓީއެވެ. ކޮންމެ ފަހަރަކުވެސް ކާމިޔާބުކުރަނީ އެހެން ޕާޓީތަކުގެ އެހީތެރިކަމާއެކުގައެވެ.

އިތުރު ދެ ޕާޓީއެއް ސިޔާސީ މަސްރަހަށް ތައާރަފުވާން ދާ އިރު, މަސްރަހަށް ލޮޅުމެއް އަންނާނެކަމަށް "ބޮޑެތި ޕާޓީ"ތަކުން ގަބޫލެއް ނުކުރެއެވެ. އާ ޕާޓީތަކުގެ މާ ބޮޑު ނުފޫޒެއް އޮންނާނެކަމަށް ގަބޫލެއް ނުކުރެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމްވެސް ވިދާޅުވަނީ އެފަދައިންނެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރެއިން ބަޔަކު ވަކިވެ އާ ޕާޓީއެއް ހެދުމުން ސަރުކާރުގެ އިތުރުން އާ ޕާޓީއަށްވެސް އިތުބާރު ކުޑަވާނެކަމަށް އޭނާ ވިދާޅުވެއެވެ.

އަދި އޭގެ ބަދަލުގައި, ކުރިއަށް އޮތް ތަނުގައި ޕީޕީއެމްއަށް އޮތް ތާއީދު ދާނީ އިތުރުވަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ކޮންމެ ފަހަރަކުވެސް ރިޔާސީ އިންތިހާބާ ދިމާކޮށް އެތައް ބަޔަކު އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބު ފެށޭއިރު ވޯޓު ކަރުދާހުގައި އެބޭފުޅުންގެ ނަންތައް ނޯންނަ ކަމަށެވެ.

"މިއަދުގެ ތާރީހު ނޯޓު ކުރައްވާ، މިހާރު މިއުޅޭ އެއްވެސް ޕަޓީއަކުން އެއްވެސް ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަކު ނުފެންނާނެ," ޝިޔާމް ވިދާޅުވިއެވެ. އަދި އަބްދުالله ކަމާލުއްދީނުގެ ޕާޓީންވެސް އިންތިހާބަށް ކުރިމަތިލާނެކަމަށް ވިދާޅުވި ނަމަވެސް 2023 ގެ އިންތިހާބުގެ ވޯޓުކަރުދާުގައި އެ ޕާޓީގެ ކެންޑިޑޭޓެއްގެ ނަން ނޯންނާނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީންވެސް ބުނަނީ އެޕާޓީން ބަޔަކު ވަކިވެގެން އާ ޕާޓީއެއް އުފެއްދުމަކީ ކަންބޮޑުވުމެއް ނޫން ކަމަށެވެ.

އާ ޕާޓީތަކެއް ވުޖޫދުވުމުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޝުއޫރެއް މިހާތަނަށް ތިލައެއް ނުވެއެވެ. ލީޑަޝިޕްގެ ބޭފުޅެެއްގެ ބަހެއްވެސް ނުލިބުނެވެ. ބެލެވޭ ގޮތުގައި އެމްޑީޕީގެ ބިޔަކަމާއި ވަރުގަދަކަމުން, "ކުދި ޕާޓީ"ތަކަކީ މާ ބޮޑު ކަންބޮޑުވުމެއް ނޫންކަމަށް ދެކެނީއެވެ.

https://sun.mv/154169

"މަންފާ ކުރާނެ"

ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމުގައިވާ އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވިގޮތުގައި އާ ސިޔާސީ ޕާޓީތައް އުފެދިގެން އަންނަނީ ރިޔާސީ އިންތިހާބާ ދިމާކޮށެވެ.

"ސިޔާސީ ޕާޓީތަކަކީ އިންތިހާބުތަކަށް ކުރިމަތިލާން އުފައްދާ އެއްޗެއް. އާ ކެންޑިޑޭޓުން ފެންނާނެކަންވެސް ޔަގީން. އެކި ޕާޓީތަކުން ހަމަ އާ މީހުންވެސް ފެންނާނެ،" އިބްރާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތީ ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްކަން ފާހަގަކުރައްވައި އިބްރާ ވިދާޅުވީ ވީހާވެސް ގިނަ ޕާޓީތައް އުފައްދައިގެން ގިނަ މީހުން ވާދަކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށެވެ. ރާއްޖޭގައި މިހާރު އޮތް އެއްވެސް ސިޔާސީ ޕާޓީއެއްގައި އެމީހަކު ޕްރޮމޯޓުކުރަން ބޭނުންވާ ސިޔާސަތުތައް ނެތްނަމަ އަމިއްލަ ޕާޓީއެއް އުފައްދައިގެން ކުރިއަށް ދިއުމުގައި އެއްވެސް ގާނޫނީ އަދި ސިޔާސީ ހުރަހެއް އޮވެގެން ނުވާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

އަދި ގިނަ ސިޔާސީ ޕާޓީތައް އުފެދިގެން އައުމުން އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ ކަަމަށް އޭނާ ވިދާޅުިއެވެ. "އޭރުން ރައްޔިތުންނަށް ލިބޭ ޗޮއިސްތައް ގިނަވާނެ" ކަމަށް އިބްރާ ވިދާޅުވިއެވެ.

comment ކޮމެންޓް