ދަތުރު ކުރާ ކުލާހަށް ބިނާކޮށް ޓެކްސް ނަގާ އިސްލާހު ތަސްދީގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް: ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރާއްޖެއިން ބޭރަށް ފުރާ ފަސެންޖަރުންގެ އަތުން ދަތުރުކުރާ ކުލާހަށް ބިނާކޮށް ޓެކްސް ނެގުމާބެހޭ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހަކީ މިމަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހެކެވެ. މި އިސްލާހުގައި ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ނިންމައިފައެވެ.

ރާއްޖެއިން ބޭރަށް ދަތުރު ކުރާ ހުރިހާ ފަސެންޖަރުންގެ އަތުން ޑިޕާޗާ ޓެކްސް ނެގުމަށް އިސްލާހުގައި ބުނެފައިވާއިރު އެ ޓެކްސް ނަގާނީ އެ ފަސެންޖަރަކު ދަތުރުކުރާ ކުލާހަށް ބިނާކޮށެވެ. އިކޮނޮމީ ކުލާހުގައި ދިވެހިންނާއި ބިދޭސީން އަތުން ނަގާ ޓެކްސްގެ އަދަދު ތަފާތެވެ. ހަތަރު ކުލާހަކަށް މި ޓެކްސް ގިންތިކޮށްފައިވާއިރު ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުންވެސް އެއް އަދަދަކަށް ޓެކްސް ނެގުމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

އެގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 12 ޑޮލަރެވެ. އަދި ބިދޭސީންގެ އަތުން ނަގާނީ 30 ޑޮލަރެވެ. ބިޒްނަސް ކުލާހުގައި ދަތުރު ކުރާ ދިވެހިން އަދި ބިދޭސީންގެ އަތުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގާނީ 60 ޑޮލަރެވެ. ފަސްޓު ކުލާހުގައި ދަތުރު ކުރާ ދިވެހިންނާއި ބިދޭސީންގެ އަތުންވެސް ނަގާނީ 90 ޑޮލަރެވެ. އަދި ޕްރައިވެޓް ޖެޓުން ދަތުކުރާ މީހުންގެ އަތުން ނަގާނީ 120 ޑޮލަރު ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

ޖުލައި 15، 2020: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އިސްލާހުގައި ވަނީ އެއާޕޯޓް ސާވިސް ޗާޖް މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނެގުން ހުއްޓާލާނޭކަމަށް ބުނެފައެވެ. އެހެންނަމަވެސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން މި އަހަރުގެ ނިޔަލަށް އެއާޕޯޓް ސާވިސް ޗާޖު ނަގާނެއެވެ.

ޑިޕާޗާ ޓެކްސްއިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ދެ އަހަރު ނުވާ ކުޑަކުދިންނާއި ޓްރާންސިޓް ފަސެންޖަރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޑިޕްލޮމެޓިކް އިމިއުނިޓި ލިބިފައިވާ ފަރާތްތައްވެސް މި ޓެކްސްއިން އިސްތިސްނާވާނޭކަމަށް އިސްލާހުގައިވެއެވެ.

comment ކޮމެންޓް