މި ސަރުކާރު އޮވެގެން ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ނުވާނެ: ސައީދު

މާޗް 31، 2021: ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މިއޮތް ސަރުކާރު އޮވެގެން ޖޭއެސްސީ ސިޔާސީ ނުފޫޒުން އެއްކިބާ ނުވާނެކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗެނަލް13 ގެ ޕްރޮގަރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިއަދު މިއޮތީ ދައުލަތުގެ "ސްޓްރަކްޗަރތައް" ގެއްލިފައިކަމަށެވެ. އެހެންކަމުން ޖޭއެސްސީ ދެން ސިޔާސީ ނުފޫޒުން އެއްކިބާ ނުވާނެކަމަށް އޭނާވަނީ ފާހަގަކޮށްފައެވެ.

"ވެރިކަމަށް މި ބޭފުޅުން ވީ ވައުދެއް، މީ މަޖިލިސް ހޮވި އިރުގައިވެސް، ޖޭއެސްސީ މިނިވަން ކުރާނަމޭ. އެހެންނަމަވެސް ދިމާ އިދިކޮޅަށް މަސައްކަތްކުރީ," އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދު ޖޭއެސްސީ ސިފަވަނީ އެމްޑީޕީގެ އޮފީހުގައި ހުރި މޭޒެއްގެ ގޮތުގައި ކަމަށެވެ. އަދި ޖޭއެސްސީ ލީޑުކުރެއްވުމުގައި ހުންނެވީ ރައީސް ނަޝީދުކަމަށާއި ދެން ތިއްބެވި ތިން މެމްބަރުންނަކީ ރައީސް ނަޝީދުގެ ލޯޔަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދަކީ ރައީސް ޔާމީންގެ ސީދާ ސިޔާސީ ވާދަވެރިޔާ އިނގޭތޯ. ކިހިނެއްތޯ ރައީސް ނަޝީދު އިސްވެ ފަނޑިޔާރުގެ ބަލަހައްޓަވާއިރު ފަނޑިޔާރުގެއިން ރައީސް ޔާމީނަށްޓަކައި އިހުލާސްތެރި ހުކުމެއް ދެވޭނީ؟. މިހެން ވިސްނުމަކީވެސް މުސްތަހިއްލު ކަމެއް," ސައީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށް ފަސް މިލިއަން އޫއެސް ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އިދިކޮޅުގެ މެމްބަރުން އަންނަނީ ރައީސް ޔާމީނަށް ކޮށްފައިވަނީ ނުހައްގު ހުކުމެއްކަމަށް ބުނަމުންނެވެ.

comment ކޮމެންޓް