ހިޔާ ފްލެޓު ލިބުން ކަމަށް ބުނެ ފޭކު ކޯލުތަކެއް

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: އެޗްޑީސީ

ހިޔާ މަޝްރޫއުން ފްލެޓު ލިބިފައިވާ ފަރާތްތަކަށް ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ގުޅާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އެޗްޑީސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ހޮވިފައިވާ ފަރާތްތަކަށް ފްލެޓު ގުރުއަތުން ލިބޭ ފްލެޓު ކަނޑައެޅުމަށްފަހު، ބާކީ ގުރުއަތުން އެއްވެސް ފަރާތަކަށް ކަނޑައެޅިފައިނުވާ ފްލެޓުތަކަށް ހޮވިފައިވާކަމަށް ބުނެ އެ ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ނުގުޅާނެ ކަމަށެވެ.

ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފްލެޓު ކަނޑައެޅުމަށް އެޗްޑީސީ އިން އަމަލުކުރަމުންދާ އުސޫލަކީ، ފްލެޓު ގުރުއަތު ނެގުން ހަމަޖެހިފައިވާ ތާރީހު އަދި އެދުވަހެއްގެ ގުރުއަތުގައި ފްލެޓު ކަނޑައެޅޭނެ ފަރާތްތައް ހިމެނޭ ލިސްޓު އާންމުކޮށް އަންގާ އިއުލާނުކުރުމަށްފަހު، ޓީވީގެ ޒަރިއްޔާއިން ގެނެސްދެވޭ ލައިވް ޕްރޮގްރާމެއް މެދުވެރިކޮށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުން ކަން އެފަރާތުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ގުރުއަތުން ފްލެޓު ލިބިފައިވާ ފަރާތްތަކާއި، ފްލެޓު ލިބިފައިނުވާ އެއްވެސް ފަރާތަކަށް ފޯނު މެދުވެރިކޮށް ލިބިފައިވާ ފްލެޓުގެ ތަފްސީލު ހިއްސާކުރުމަށް ނުގުޅާނެކަމަށް އެެޗްޑީސީއިން ބުނެއެވެ.

އޭގެ އިތުރުން ހިޔާ މަޝްރޫއުއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރާނަމަ، އެކަން ކުރާނީ އާންމު އިއުލާނެއްގެ ޒަރިއްޔާއިން ނުވަތަ އެޗްޑީސީގެ މީސްމީޑިއާ ޕޭޖުތައް މެދުވެރިކޮށް ކަަން އެޗްޑީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ، އެފަދަ ކަމެއްގައި އެޗްޑީސީގެ ފަރާތުން ގުޅާނަމަ ބޭނުން ކުރާނީ އެ ކޯޕަރޭޝަނުގެ ރަސްމީ ނަންބަރުތައް ކަން ފާހަގަކޮށް އެޗްޑީސީގެ ނަމުގައި ކުރާ ފޭކު ކޯލުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް