އަލީ ވަހީދުގެ ޝަރީއަތުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން ސުޕްރީމްކޯޓަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން، އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދިއުމަށް ޕްރޮސެކިއުޓާ ޖެެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޝަރީއަތް ކުރިއަށް ގެންދެވޭ ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލަ ހައިކޯޓުން ބަލައިގަތުމަށްފަހު ފަހުން، އެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ހައިކޯޓުން ފަހުން ވަނީ ދައުވާ ފޯމު ބާތިލު ކޮށްފައެވެ.

https://sun.mv/154073

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕީޖީއިން މިހާރު ނިންމާފައިވާ ކަަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ގިނަ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކުރީ މިިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭގަ އެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ގިނަ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ އިނގިރޭސިވިލާތަށް ފުރާފައިވަނީ ކޯޓުގެ ހުއްދަ ލިބިގެން ބޭސްފަރުވާއަށެެވެ. ނަމަވެސް ބޭސްފަރުވާއަށް ދޫކުރި މުއްދަތު ހަމަވީ އިރު އަދިވެސް އަލީ ވަހީދު ރާއްޖެ އައިސްފައެެއް ނުވެއެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލައިގައި ޕީޖީއިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ގޮތަކަށް ޝަރީއަތް ކުރިއަށްދާ އިރު، ދައުވާ ލިބޭ ފަރާތުން ކޯޓުގެ ހުރުމަށް ކެނޑޭ ފަދަ އަމަލެއް ކުރި ނަމަވެސް ފިޔަވަޅު ނޭޅޭނެކަން ޕީޖީއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް