ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ސޯޝަލް މީޑިއާގައި ރިޕޯޓު ނުކުރުމަށް އެދެފި

ޖުލައި 12، 2020: ރޭޕް ކުރުމާއި ދެކޮޅަށް "ޖާގައެއް ނެތް" ނަމުގައި ހޮޓަލް ޖެންކައިރީ ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ސޯޝަލް މީޑިއާގައި ރިޕޯޓުކޮށް ވިކްޓިމްގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

"ޕީއެސްއެމް" ގެ ޕްރޮގުރާމަކަށް ދިން އިންޓަވިއުއެއްގައި ފުލުހުން ބުނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓު ކުރުމުގައި ބައެއް މީހުން ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ ކަމަށާއި ސޯޝަލް މީޑިއާގައި އެ ފަދަ މައުލޫމާތު ހިއްސާ ކުރުމުން އެ މައްސަލަ ތަހުގީގު ކުރުމުގައި ދަތިތައް ދިމާވަމުންދާކަމަށެެވެ.

އެގޮތަށް ސޯޝަލް މީޑިއާގައި ކުއްވެރިޔާގެ މައުލޫމާތު ހިއްސާކުރުމުން މައްސަލައިގެ ހެކި ގެއްލޭ ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ކުރިމަތިވަމުންދާ ކަން ފުލުހުން ފާހަގަކުރެެއްވިއެވެ.

އަދި ސޯޝަލް މީޑިއާގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކޮށް ވިކްޓިމްގެ ޒާތީ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން، ގިނަދުވަސްވެފައި ހުންނަ މައްސަލަތައް ހުށަހެޅުމުން އެ މައްސަލައެއްގައި އެކަށީގެންވާ ހެކި ނުހުންނަކަން ފާހަގަކޮށް، ކަމެއް ދިމާވެއްޖެ ނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓު ކުރުމަށް އެފަރާތުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކުޑަކުދިންގެ މައްސަލަތަކަކީ ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރާ މައްސަލަތަކެއްކަން ފާހަގަކޮށް ފުލުހުން ބުނީ އެގޮތުން ސެންސިޓައިޒޭޝަން ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގާފައިވާނެކަމަށާއި އެ ޕްރޮގްރާމްތަކުން، ފުލުހުންގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭހެން 300 އެއްހައި ފުލުހުން މިހާތަނަށް ތަމްރީނުކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ސޯޝަލް މީޑިއާގައި ރިޕޯޓު ނުކުރުމަށް ފުލުހުން އެދިފައިވާއިރު މީގެ ކުރިން ޖެންޑާ މިނިސްޓްރީން ވެސް ވަނީ މީޑިއާތަކުން ހަބަރު ފެތުރުމުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނެ ގޮތަށް އަމަލު ކުރުމަށް އަންގާފައެވެ.

comment ކޮމެންޓް