ބަންގްލަދޭޝް ފެކްޓްރީގައި ރޯވެ 52 މަރު، ތަނުގެ ވެރިޔާ ހައްޔަރުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ރޯވި ފެކްޓްރީ-- ފޮޓޯ: އަލްޖަޒީރާ

ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި މި ދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި 52 މީހުން ގަސްތުގައި މަރާލިކަމުގެ ތުހުމަތާއެކު އެ ފެކްޓްރީގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި އެ ފެކްޓްރީގެ ވެރިޔާގެ އިތުރުން އޭނާގެ ހަތަރު ދަރިންވެސް ހިމެނެއެވެ.

ފަހުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެ ފެކްޓްރީގައި އުމުރުން އެންމެ 11 އަހަރުގެ ކުޑަކުދިންވެސް މަސައްކަތްކުރަން އުޅުނުކަން ވަނީ ހާމަވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ރޯވި ފެކްޓްރީގައި މަރުވި މީހުންގެ ގޮތްހުސްވެފައިވާ އާއިލާ މީހުން ދަނީ އެއްވަމުން-- ފޮޓޯ: އަލްޖަޒީރާ

އަދި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ވަކިން ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށްވެސް އެ ގައުމުގެ އިދާރާތަކުން ވަނީ ބުނެފައެވެ. ބަންގްލަދޭޝްގެ އެމަރޖެންސީ ސާރވިސަސް އިން ބުނީ އިމާރާތުގެ ތެރެއިން ފެނިފައިވަނީ 49 މީހެއްގެ ހަށިގަނޑުކަމަށެވެ. އަދި އެ އަލިފާން ރޯވި އިމާރާތުން ރައްކާތެރިކަމާއެކު ނިކުމެވޭނެ ގޮތެއް ނެތިގެން އިމާރާތުން ބޭރަށް ތިން މީހަކު ފުންމާލާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

"މިއީ ހަމަ ގަސްތުގައި މަރާލެވިފައިވާ ބައެއް," ނަރަޔަންގަޖް ޑިސްޓްރިކްޓގެ ޕޮލިސް ޗީފް ޖަޔެދުލް އަލާމް ވިދާޅުވިއެވެ.

މީގެ އިތުރުން އަލިފާން ރޯވެ ފެތުރެމުން ދިޔަ ވަގުތު އެތަނުގެ މަސައްކަތްތެރިން އެތެރޭގައި ތިއްބާ އެ ފެކްޓްރީއިން ބޭރަށް ނިކުމެވެން ހުރި ހަމައެކަނި ދޮރުވެސް ހުރީ ތަޅުލާފައި ކަމަށް ފަޔާރ ސަރވިސަސް އިން ބުންޏެވެ.

މި މައްސަލައިގައި ބަންގްލަދޭޝްގެ ކަމާބެހޭ އިދާރަތަކުން އަންނަނީ އަވަސް މިނެއްގައި ފިޔަވަޅުތައް އަޅަމުންނެވެެ.

އަލިފާނުގެ މި ހާދިސާގައި 52 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

comment ކޮމެންޓް